ޚަބަރު

ކުރީ ސަރުކާރުން 3ފަޅު ހިއްކަން ދިނީ 20 މިލިއަން ޑޮލަރާއި 20 ހެކްޓަރު ބިން ލިބޭގޮތަށް: އެޗްޑީސީ


  • ޕްރޮޖެކްޓްގައި ހިމެނެނީ ހުޅުމާލެ، ދިޔަނެރުފަޅު އަދި ތިލަފުށި

  • 19.6 ހެކްޓަރު ދިނީ 99 އަހަރަށް

  • 20 މިލިއަން ޑޮލަރުވެސް ކުންފުންޏަށް ދައްކަންޖެހޭ

ކުރީ ސަރުކާރުގައި ތިން ފަޅެއްގެ ބިން ހިއްކުމަށް ސްރީލަންކާގެ ކުންފުނި ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (ސީއެމްސީ)އާއި ހަވާލުކޮށްފައިވަނީ 20 މިލިއަން ޑޮލަރާއި، 20 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ލިބޭގޮތަށްކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ބުނެފިއެވެ.

ކުރީ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު، ރިޔާސީ އިންތިޚާބުގެ ކުރިން، ހުޅުމާލެ ފޭސް3، ތިލަފުށި އަދި ދިޔަނަރު ފަޅު ހިއްކަން ސީއެމްސީއާއި ހަވާލުކުރީ 96 ހެކްޓަރުގެ ބިން ހިއްކުމަށެވެ. އެއީ ހުޅުމާލެއިން 62.6 ހެކްޓަރު، ދިޔަނެރުން 24.6 ހެކްޓަރު އަދި ތިލަފުށިން 9.6 ހެކްޓަރެވެ.

އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޟުލް ރަޝީދު ވިދާޅުވީ އެއްބަސްވުން ޤާއިމުކޮށްފައިވަނީ ހިއްކާ ބިމުގެ ތެރެއިން ސަރުކާރަށް ހަމައެކަނި 76 ހެކްޓަރުގެ ބިން ލިބޭގޮތަށްކަމަށެވެ. ފަޟުލް ވިދާޅުވީ އެއްބަސްވުމުގައިވާގޮތުން 20 ހެކްޓަރު ބިން 99 އަހަރަށް ސީއެމްސީއަށް ލިބޭކަމަށެވެ. އެގޮތުން ހުޅުމާލެއިން 10 ހެކްޓަރު ސީއެމްސީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ތިލަފުށިން ހިއްކާ 9.6 ހެކްޓަރުގެ ބިން މުޅިން ލިބޭނީ އެ ކުންފުންޏަށް ފަޟުލް ވިދާޅުވިއެވެ.

"މި ބިންތައްވެސް ދީފައިވަނީ އެންމެ މުހިންމު ސަރަޙައްދުތަކުންކަން. ތިލަފުށިންވެސް ބިން ދީފައިވަނީ ވިޔަފާރި ބަނދަރުގެ މަސައްކަތް ހިމެނޭ ސަރަޙައްދުން. ހުޅުމާލޭއިންވެސް ބިން ދީފައިވަނީ ރަށުގެ ތަރައްޤީއަށް އެންމެ މުހިންމު ޚިދުމަތްތައް ޤާއިމުކިރެވޭނެ ސަރަޙައްދަކުން." ފަޟުލް ވިދާޅުވިއެވެ.

މި މަސައްކަތްތައް ހަވާލުކޮށްފައިވަނީ ދިވެހި ދަޢުލަތަށް ގެއްލުންބޮޑުކޮށްކަމަށެވެ. އެގޮތުން ހިއްކާބިމުން ބޮޑު ބައެއް ގެއްލޭއިރު، 20 މިލިއަން ޑޮލަރު ބަދަލުގެ ގޮތުގައި ކުންފުންޏަށް ދައްކަންޖެހޭކަން އޭނާ ފާހަގަކުރެއްވިއެވެ.

ނަމަވެސް މި ސަރުކާރުގެ ބިޔަ ޕްރޮޖެކްޓް "ރަސްމާލެ"ގެ ބިން ހިއްކުމުގެ މަސައްކަތްވެސް ގެންދަނީ ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން، ސީއެމްސީއާއި ޙަވާލުކޮށްގެން ދައުލަތުން އެއްވެސް ފައިސާއެއް ކަރަދު ނުކޮށެވެ. މި މަޝްރޫޢުގެ ދަށުން 1093 ހެކްޓަރުގެ ބިން އެކުންފުނިން ހިއްކައެވެ.

ފަޟުލް ވިދާޅުވީ މި ޕްރޮޖެކްޓް ހަވާލުކޮށްފައިވަނީ ރާއްޖެއަށް އެންމެ ފައިދާ ބޮޑުވާނެގޮތަށް ބަލައިގެންކަމަށެވެ. ސަރުކާރުން ޚަރަދު ނުކުރާގޮތަށް ހިއްކާ ބިމުގައި، މި ޕްރޮޖެކްޓަށް ބަދަލުގެ ގޮތުގައި އެކުންފުންނަށް ދޭން ކަނޑައަޅާފައިވަނީ 10 ހެކްޓަރުގެ ބިމެވެ. ފައިސާގެ ގޮތުގައި އެއްވެސް ބަދަލެއް ސަރުކާރުން ނުދޭނެކަމަށް ފަޟުލް ވިދާޅުވިއެވެ.

އެހެންކަމުން ކުރީ ސަރުކާރުގައި ހިއްކަން ހަވާލުކުރި ބިމަށްވުރެ މާބޮޑު އަދި ބިޔަ ސަރަހައްދެއް މިސަރުކާރުން ހިއްކަނީ ދައުލަތުން އެއްވެސް ފައިސާއެއް ކަރަދުނުކޮށް އަދި ދިވެހި ދަޢުލަތަށް އެންމެ ފައިދާވާގޮތަށެވެ. ރަސްމާލެ ޕްރޮޖެކްތަކީ ރާއްޖޭގައި ހިންގާ ބޯހިޔާވަހިކަމުގެ އެންމެ ބިޔަ މަޝްރޫޢަށް ފަހިވާގޮތަށް ހިންގާ ޕްރޮޖެކްޓެކެވެ.

ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަގުތުން ފެށޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފައެވެ.