ޚަބަރު

ގުޅިފަޅު ހިއްކުމުގެ މުޅި މަޝްރޫޢު އޮކްޓޯބަރުގައި ނިމޭނެ


  • ގުޅިފަޅު ހިއްކަން ފެށީ މިދިޔަ އަހަރު ޖެނުއަރީ މަހު

  • 150 ހެކްޓަރު ހިއްކާނެ

  • މަޝްރޫޢު މުޅިން ނިމެނީ އޮކްޓޯބަރުގެ ނިޔަލަށް

ގުޅީފަޅު ހިއްކި ސަރަޙައްދު ޙިމާޔަތްކުރުމުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ. ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުއެވެ.

ނެދަލޭންޑްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަސައްކަތުގައި 150 ހެކްޓަރުގެ ބިން ހިއްކައެވެ. ބިން ހިއްކުމަށް ވެލި އެޅުމުގެ މަސައްކަތްތައް މިހާރު ވަނީ ނިމުމަކާ ގާތްވެފައެވެ.

އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ މިޕްރޮޖެކްޓްގައި ޖުމްލަ 18 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމަށް ހަމަޖެހިފައިވާއިރު، މިހާތަނަށް 16.9 މިލިއަން ކިއުބިކް މީޓަރުގެ ވެލި އެޅުމުގެ މަސައްކަތް ނިމިފައިވާކަމަށެވެ. އަދި ހިއްކާފައިވާ ސަރަޙައްދުގެ ވެލިގަނޑު ހިމާޔަތްކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ. އެގޮތުން ހިއްކި ސަރަޙައްދު ވަށައިގެން ބޮޑުހިލައިގެ ރިވެޓްމަންޓްގެ ޖެހުމުގެ މަސައްކަތް ނިމުނު ހަފްތާގެތެރޭގައި ބޮސްކާލިސް ކުންފުނިން ވަނީ ފަށާފައެވެ.

އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވީ ބިން ހިއްކުމަށް ވެލި އެޅުމާއި ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ހިމެނޭހެން މުޅި މަޝްރޫޢުގެ މަސައްކަތް މިއަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށް މުޅިން ނިންމާނެކަމަށެވެ. ގުޅިފަޅު ހިއްކަން ބޮސްކާލިސްއާއި ހަވާލުކޮށްފައިވަނީ 2 ބިލިއަނަށްވުރެ ގިނަ ރުފިޔާއަށެވެ.

ނިމުނު ސަރުކާރުގައި ގުޅިފަޅު ހިއްކުމުގެ މަސައްކަތް ފެށީ، ބިންވެރިޔާ މަޝްރޫޢުގެ ދަށުން މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށެވެ. ނަމަވެސް އެ ޕްރޮޖެކްޓް ރަނގަޅަށް ކުރިއަށްގޮސްފައި ނުވާތީ، ގޯތި ދިނުމުގެ މަސައްކަތް އޮތީ މުޅިން ހުއްޓިފައެވެ. ގުޅިފަޅުން ޖުމްލަ 2218 ގޯތި ދިނުމަށް ލިސްޓުގައިވަނީ ހިމަނާފައެވެ.

ގުޅިފަޅު މަޝްރޫޢު އަވަސްކުރުމުގެ މަސައްކަތް އައު ސަރުކާރުން އަންނަނީ ކުރަމުންނެވެ. އަދި މި މަޝްރޫޢަށް ބިން އިތުރުކޮށް މުޅި ގުޅި ފަޅު ހިއްކުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެގޮތުން އެ ފަޅުގައި ފުންކޮށް އޮތް ސަރަޙައްދު ހިމެނޭހެން 100 ހެކްޓަރުގެ ބިން އިތުރުކުރެއްވުމަށްވެސް ރައީސް ވަނީ ނިންމަވާފައެވެ. އަދި ކުރީ ސަރުކާރުގައި ގުޅިފަޅަށް މާލޭގެ ވިޔަފާރި ބަނދަރު ބަދަލުކުރުމަށް ނިންމި ނިންމުން ބަދަލުކޮށް، އެމަސައްކަތް ތިލަފުށްޓަށް ބަދަލުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. މިއާއެކު ބޯހިޔާވަހިކަމުގެ މަސައްކަތްތަކަށް އިތުރު 70 ހެކްޓަރުގެ ބިން ލިބިގެން ގޮސްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ. ރައީސް ވިދާޅުވެފައިވަނީ އަލަށް އިތުރުކުރެވޭ ބިންތަކާއެކު 30000އަށްވުރެ ގިނަ ގެދޮރު ގުޅީފަޅުން ހަމަޖައްސައިދެވޭނެކަމަށެވެ.

ނިމުނު ސަރުކާރުގައި ގުޅިފަޅުން ގޯތި ދޭން ކަނޑައަޅާފައިވާ ލިސްޓުގައި ހިމެނޭ މީހުންނަށް ގޯތި ހަވާލުކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވައިދެއްވާނެކަމަށް އެމަނިކުފާނުވަނީ ވިދާޅުވެފައެވެ.

ގުޅީފަޅަކީ މާލެއާއި ގާތްގަނޑަކަށް 4 ކިލޯމީޓަރު ދުރުގައި ތަރައްޤީކުރާ ފަޅެކެވެ. 2010ވަނަ އަހަރު ފުރަތަމަ ގުޅީފަޅު ހިއްކި ބޭނުމަކީ އެތަނުގައި މީހުން އާބާދުކޮށް، މާލޭގެ ތޮއްޖެހުން ކުޑަކުރުމެވެ. ނަމަވެސް 2013ވަނަ އަހަރު އޭރުގެ ސަރުކާރުން ވަނީ އެ މަސައްކަތް ހުއްޓާލާފައެވެ. އަދި އޭގެފަހުން މިހާތަނަށްވެސް ގުޅިފަޅު ތަރައްޤީކުރުމަށް އެއްވެސް މަސައްކަތެއް ކޮށްފައެއް ނުވެއެވެ. މިދިޔަ ސަރުކާރުގައިވެސް ބިން ހިއްކަން ފެށިނަމަވެސް، ރަށް ތަރައްޤީކުރުމުގެ އެއްވެސް މަސައްކަތެއް ކޮށްފައެއްނުވެއެވެ.