ޚަބަރު

ނަބިއްޔާގެ މިސްކިތްކޮޅު: މަސްޖިދުއް ނަބަވީ ޚާއްސަވާ އެތައް ސަބަބެއް


  • މި މިސްކިތްކޮޅުގައި ސުވަރުގޭގެ ބިންކޮޅެއްވޭ

  • މި މިސްކިތްކޮޅުގައި ކުރެވޭ އެންމެ ނަމާދެއްގެ ހެޔޮކަން 1000 ނަމާދަށްވުރެ ހެޔޮކަން ބޮޑު

  • މިއީ ޙައްޖާއި ޢުމްރާވެރިން ޒިޔާރަތްކުރާ ޚާއްސަ ތަނެއް

މަސްޖިދުއް ނަބަވީއަކީ ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ގެ މިސްކިތްކޮޅެވެ. މިއީ މުސްލިމުންގެ އެންމެ މުގައްދަސް 2 ވަނަ ބިނާއެވެ.

މަސްޖިދުއް ނަބަވީ ނުވަތަ ނަބިއްޔާގެ މިސްކިތްކޮޅު ހުންނަނީ މަދީނާގައެވެ. މި މިސްކިތްކޮޅާއި ބެހޭގޮތުން ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވަނީ ތިމަންކަލޭގެފާނުގެ މި މިސްކިތްކޮޅުގައި މާނައަކީ މަސްޖިދުއް ނަބަވީގައި ކުރެވޭ އެންމެ ނަމާދެއްވެސް މައްކާގެ މަސްޖިދުއްހަރަމް ފިޔަވައި އެހެން މިސްކިތްތަކުގައި ކުރެވޭ 1000 ނަމާދަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ.

މަސްޖިދުއް ނަބަވީއާއި ބެހޭގޮތުން މައުލޫމާތުދެއްވަމުން ޤިބްލަ ޙައްޖު އެންޑް ޢުމްރާ ގްރޫޕްގެ ފަރާތުން އައްޝައިޚް އަޙްމަދު ފަޒާދު ވިދާޅުވީ، މި މިސްކިތްކޮޅު ޚާއްސަވާ ގިނަ ސަބަބުތަކެއް ވާކަމަށެވެ.

އޭގެތެރެއިން އެއް ސަބަބަކީ މި މިސްކިތްކޮޅުގައި ޚާއްސަ ތަންކޮޅެއް ނުވަތަ ޚާއްސަ ބިމެއްވާތީކަމަށެވެ. ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީޘް ކުރައްވާފައިވާ ގޮތުގައި އެކަލޭގެފާނުގެ މިންބަރުކޮޅާއި ގަނޑުވަރުކޮޅާއި ދެމެދުގައިވާ ސަރަޙައްދަކީ އެއީ ސުވަރުގޭގެ ބަގީޗާތަކުގެ ތެރެއިން ބަގީޗާއެއްކަމަށް ޝައިހް ފަޒާދު ވިދާޅުވިއެވެ.

"މަޝްހޫރު ނަމުންނަމަ ރައުޟާއަކީ އެއީ. އާންމުކޮށް ޚައްޖާއި އަދި ޢުމްރާއަށް ޒިޔާރަތްކުރާ ބޭފުޅުން ޒިޔާރަތްކުރާ ތަނެއް ރައުޟާއަކީ. އިލްމުވެރިން ވިދާޅުވާ ގޮތުގައި މި ރައުޟާ ގިޔާމަތް ދުވަހުން އެ ބިންކޮޅު އިންގޮތައް ސުވަރުގެއަށް ނަގުލުކުރެވޭނެ. އަނެއްބައި އިލްމުވެރިން ވިދާޅުވާ ގޮތުގައި އެ ރައުޟާގައި ކުރާ ހެޔޮއަމަލުތައް މީހާ ސުވަރުގެއަށް ވާސިލްކޮށްދޭ ސަބަބެއްކަމުގައި ވެގެންދޭ." ޝައިހް ފަޒާދު ވިދާޅުވިއެވެ.

މަސްޖިދުއް ނަބަވީއަކީ އަދި ރައުޟާއަކީ ޚައްޖާއި ޢުމްރާއަށް ޒިޔާރަތްކުރާ ފަރާތްތަކުން ޒިޔާރަތްކުރާ ޚާއްސަ ތަންތަނުގެ ތެރޭގައި ހިމެނޭތަނެކެވެ. މަސްޖިދުއްނަބަވީގައި ނަމާދެއްކޮށްލައި ރައުޟާއަށް ޒިޔާރަތްކުރުމަކީ ހިތުން ފިލައިގެން ނުދާނެވަރުގެ ކަމެއްކަމަށް މިތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކުވެސް ފާހަގަކުރެއެވެ.

"މައްކާއަކީ ވަރަށް ތަފާތު ހިތްހަމަޖެހޭ ތަނެއްގެ ގޮތުގައި އަޅުގަނޑަށް ފާހަގަކުރެވުނީ. ޚާއްސަކޮށް މަސްޖިދުއް ނަބަވީ. މަސްޖިދުއް ނަބަވީގެވެސް ރައުޟާކޮޅަށް ވަދެވި އެތަނުގައި 2 ރަކުއަތުގެ ނަމާދެއް ކުރެވުނީމަ ވަރަށް އުފާވި. ހަޤީގަތުގައިވެސް އަޅުގަނޑަށް ނޭންގެ ދަންނަވާނެ އެއްޗެއްވެސް. މި ވަގުތުކޮޅުތައް ހަނދާނެއް ނުވެސް ފިލާނެ ހަމަ ހަޤީގަތުގައިވެސް." ޤިބްލަ ގްރޫޕްގެ ފަރާތުން ޢުމްރާއަށް ދިޔަ މީހަކު ބުންޏެވެ.

ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އަބޫބަކުރުގެފާނު އަދި އުމަރުގެފާނު ފަސްދާނުލެވިފައިވަނީ މަސްޖިދުލް ނަބަވީއާއި އިންވެގެންވާ އައިޝާ ރަޟިޔަﷲޢަންހުގެ ގަނޑުވަރު ކޮޅުގައެވެ. އެހެންކަމުން ރައުޟާއަށް ވަންނަ ފަރާތްތަކުން ރައުޟާއިން ނިކުމެވަޑައިގަތުމަށްފަހުގައި ނަބިއްޔާ صَلَّى اللهُ عَلَيْهِ وَسَلَّمَ އާއި އަބޫބަކުރުގެފާނު އަދި އުމަރުގެފާނަށް ސަލާމްދަންނަވާނެއެވެ.