ޚަބަރު

ފުލުހުންގެ އަހަރީ ދުވަހާއި ގުޅިގެން ދިދަ ނެގުމުގެ ރަސްމިއްޔާތު ބާއްވައިފި


  • ފުލުހުންގެ އަހަރީ ދުވަހަކީ ކޮންމެ އަހަރެއްގެ މަރިޗު މަހުގެ 29

  • މިއީ ފުލުހުންގެ ޚިދުމަތަށް 91 އަހަރު ފުރުނު އަހަރު

  • ފުލުހުންގެ ޚިދުމަތަށް އަންނަނީ ކުރިއެރުން ލިބެމުން

ދިވެހި ފުލުހުންގެ ޚިދުމަތަށް 91 އަހަރު ފުރުމާއި ގުޅިގެން މާލެ އާއި އަތޮޅުތަކުގައި ދިދަ ނެގުމުގެ ހާއްސަ ރަސްމީޔާތެއް ބާއްވައިފިއެވެ.

މާލޭގައި ދިދި ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ފުލުހުންގެ މައި މަރުކަޒު ޝަހީދު ޙުސައިން އާދަމް ބިލްޑިންގްގައެވެ. އަތޮޅުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ގެންގޮސްފައިވަނީ ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކުގައެވެ.

މި ރަސްމީއްޔާތު ކުރިއަށް ގެންގޮސްފައިވަނީ ރޭ 12:00 ގައެވެ. މާލެ ސަރަހައްދުގައި ބޭއްވި ދިދަ ނެގުމުގެ ރަސްމީއްޔާތުގައި ދިދަ ނެގުމުގައި ހަރަކަތްތެރިވެފައިވަނީ މުޅިންވެސް އަންހެން ފުލުހުންނެވެ.

ފުލުހުންގެ އަހަރީ ދުވަހާއި ގުޅުގިން ބޭއްވި ރަސްމީއްޔާތު ޝަރަފުވެރިކޮށްދެއްވީ، ދާޚިލީ ސަލާމަތާބެހޭ ވަޒީރު ޢަލީ އިހުސާން އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢުއެވެ. ރަސްމިއްޔާތުގައި ދިދަ ނެގުމަށްފަހު، ފުލުހުންގެ ޢަޒުމް ކިޔުމާއި ދުވަހާ ގުޅިގެން ޚާއްސަ ދުޢާއެއް ވަނީ ކޮށްފައެވެ.

ދިވެހި ފުލުހުންގެ ޚިދުމަތް ފެށިގެން އައީ 1932 ދިވެހި ރާއްޖޭގެ ފުރަތަމަ ޤާނޫނު އާސާސީގެ ތެރެއިން އެކުލަވާލެވުނު "ފުލުހު މީހުން" ޤާނޫނާއެކުއެވެ. ފުލުހުންގެ ޚިދުމަތުގައި އެންމެ ބޮޑު ބަދަލެއް އައީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނާ އެކުއެވެ. މި ޤާނޫނާއެކު އެމުއައްސަސާ ހިންގުމުގެ ފުރިހަމަ މިނިވަންކަން ފުލުހުންނަށް ކަށަވެރުވިއެވެ.