1447 ވަނަ އަހަރުގެ އީދު ބައިބަލާ ޗެލެންޖުގެ ޗެމްޕިއަންކަން ޒެޕޯ ސްޕޯޓްސް ކްލަބުން ހޯދައިފިއެވެ.
ހުޅުމާލޭގައި ކުރިއަށްދިޔަ މުބާރާތުގެ ފައިނަލް މެޗުގައި ވާދަކުރީ ޒެޕޯއާއި ބައިބަލާގެ ރަސްގެފާނުންގެ ގޮތުގައި މަޝްހޫރުވެފައިވާ ބީޖީ ސްޕޯޓްސް ކްލަބެވެ.
މިމެޗު ޒެޕޯ ސްޕޯޓްސް ކްލަބުން ކާމިޔާބުކުރީ ފުރަތަމަ ދެ ގޭމް އެއްވަރުވުމުން ކުރިއަށްގެންގެދިޔަ ގަދަހިފުމުގެ 5 ބުރުން ކުރި ހޯދައިގެންނެވެ.
މިއީ ޒެޕޯއިން ޢީދު ބައިބަލާ ޗެލެންޖުގައި ވާދަކުރި ދެވަނަ އަހަރެވެ. މިދިޔަ އަހަރު ޒެޕޯއިން ވަނީ ވަރުގަދަ ޓީމުތައް ކަޓުވާލާ މުބާރާތުގެ ގަދަ 4 ޓީމުގެ ތެރެއިން ޖާގަ ހޯދާފައެވެ.
މުބާރާތުގެ ރަނަރަޕްކަން ހޯދި ބިޖީއަކީ އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކޮށްފައިވާ ޓީމެވެ. ބީޖީއިން ވަނީ 10 ފަހަރު މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައެވެ.