ޚަބަރު

މެލޭޝިއާގައި ބާއްވާ މާޓާ ފެއަރގައި ރާއްޖެ އިޝްތިހާރުކުރަނީ


  • މި ފެއަރ ކުރިއަށްދާނީ މިމަހުގެ 24ގެ ނިޔަލަށް

  • ފެއަރގެ ސަބަބުން މެލޭޝިއާގައި ރާއްޖެ އިޝްތިހާރުވާނެ

  • އެމްއެމްޕީއާރުސީއާއިއެކު 13 ކުންފުންޏަކުން ބައިވެރިވޭ

މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން މެލޭޝިއަން އެސޯސިއޭޝަން އޮފް ޓުއާ އެންޑް ޓްރެވަލް އޭޖެންޓްސް (މާޓާ) ގައި ބައިވެރިވެ ރާއްޖެ އިޝްތިހާރުކުރަން ފަށައިފިއެވެ. މި ފެއަރ ކުރިއަށްދަނީ މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރްގައި މި މަހުގެ 22 އިން 24 އަށެވެ.

މި ފެއަރގައި ބައިވެރިވެ އެމްއެމްޕީއާރުސީން ދަނީ މެލޭޝިޔާ އަދި ދެކުނު އިރުމަތީ އޭޝިޔާގައި ދިވެހިރާއްޖޭގެ ޕްރޮމޯޓް ކުރަމުންނެވެ. އެމްއެމްޕީއާރުސީއާއެކުމި ފެއަރގައި ފަތުރުވެރިކަމުގެ ސިނާއަތުގެ 13 ކުންފުންޏެއް ވަނީ ބައިވެރިވެފައެވެ.

މާޓާ 2024 ފެއަރއިން ފަތުރުވެރިންނަށް ތަފާތު ދަތުރުފަތުރުގެ ތަޖުރިބާތަކާ ބެހޭ މައުލޫމާތު ކިޔައިދިނުމަށް ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ސްޓްރެޓެޖީތަކާ އެއްގޮތަށް ރާއްޖޭގެ ބްރޭންޑް އަދި ޑެސްޓިނޭޝަން ޕްރެސެންސް އިތުރަށް ވަރުގަދަކުރުމާއި، މާކެޓުގެ މުހިންމު ފަރާތްތަކާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަކީ މި ފެއާގައި ބައިވެރިވުމުގެ މަޤްސަދުކަމަށާއި، މާޓާގައި ބައިވެރިވުމަކީ މި މާކެޓުގެ ފަތުރުވެރިންނަށް އަމާޒުކޮށްގެން، ހަލާލު ފަތުރުވެރިކަން ޕްރޮމޯޓްކުރުމަށް އަގުހުރި ފުރުސަތުތަކެއް ލިބިގެންދާ ކަމެއްކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނީގެ އަމާޒަކީ މި ފެއާގައި ދިވެހިރާއްޖޭގެ މުއްސަނދި ސަގާފަތާއި ތަރިކައަށް އަލިއަޅުވާލައި، ދެކުނު އިރުމަތީ އޭޝިއާގައި ދިވެހިރާއްޖެއަކީ އެންމެ އެދެވޭ ޗުއްޓީ ހޭދަކުރާ މަންޒިލެއްގެ ގޮތުގައި ޕްރޮމޯޓް ކުރުންކަމަށެވެ. މި ފެއަރގެ ތެރެއިން ރާއްޖޭގެ ސްޓޭންޑްގައި ބާއްވާ ޕްރެޒެންޓޭޝަންގައި ރާއްޖޭގެ ތާރީޚާއި ސަގާފަތް ކިޔައިދޭނެއެވެ.

މި ފެއާގެ ތެރޭގައި އެމްއެމްޕީއާރުސީއިން ދިވެހިރާއްޖޭގެ ސްޓޭންޑަށް ޒިޔާރަތްކުރާ ފަރާތްތަކަށް ދިވެހިރާއްޖޭއާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ފޯރުކޮށްދީ، އައު އުފެއްދުންތަކާއި، ސެގްމަންޓްތަކާއި، އޮފާތަކަށް އަލިއަޅުވާލާނެއެވެ.

މެލޭޝިއާގެ މާކެޓަކީ ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް މާކެޓެއްކަން އެމްއެމްޕީއާރުސީން ފާހަގަކުރެއެވެ. މިދިޔަ އަހަރު އެ ސަރަހައްދުން 13،551 ފަތުރުވެރިން ވަނީ އައިސްފައެވެ.