ޚަބަރު

އައްޑޫގައި ޖެނެރޭޓަރެއް ހަލާކުވެ ލޯޑު ބޮޑުވާ ގަޑިތަކުގައި އެކި ސަރަހައްދުތަކުން ކަރަންޓު ކަނޑަނީ


  • މިމައްސަލަ ޙައްކުރެވޭނެކަމަށް ފެނަކައިން ލަފާކުރަނީ 7 ނުވަތަ 8 ދުވަސް ތެރޭގައި

  • ލޯޑު ބޮޑުވާ ގަޑިތަކުގައި ގުޅިފައިވަ ރަށްތަކުގައި ގަޑިއިރަކަށް ކަރަންޓު ކަނޑަނީ

  • މިދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް ފެނަކައިން އެދޭ

އައްޑޫ ސިޓީގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓަކަށް ދިމާވި މައްސަލައަކާ ގުޅިގެން ލޯޑު މަތިވާ ގަޑިތަކުގައި ވަކި ތާވަލަކަށް އެސިޓީގެ ގުޅިފައިވާ ރަށްތަކުން ކަރަންޓު ކެނޑޭނެކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފެނަކައިން ވަނީ އަންގާރަ ދުވަހުން ފެށިގެން ކުރިއަށް އޮތް 7 ދުވަހު އެކި ގަޑިތަކުގައި ކަރަންޓު ކަނޑަން ހަމަޖެހިފައިވާ ތާވަލު އައްޑޫ ސިޓީގެ ގޭބިސީތަކަށް ފޮނުވާފައެވެ.

މިކަމާއި ގުޅިގެން ގިނަ ބައެއްގެ ކަންބޮޑުވުން ހުރުމާއެކު ޕީއެސްއެމް ނިއުސްއިން ފެނަކަ ކޯޕަރޭޝަނަށް ގުޅުމުން އެކޯޕަރޭޝަނުން ބުނީ އައްޑޫގެ ސެންޓްރަލް ޕަވަރ ޕްލާންޓްގެ 1 މެގަވޮޓްގެ ޖެނެރޭޓަރަކަށް މައްސަލަ ޖެހިފައިވާކަމަށެވެ. އެހެންކަމުން މި މައްސަލަ ޙައްލުކުރެވެންދެން ކަރަންޓު ލޯޑު ބޮޑުވާ ގަޑިތަކާއި ދިމާކޮށް ކޮންމެ ދުވަހަކުވެސް އެއް ގަޑިއިރަށް އެކި ސަރަޙައްދުތަކުން ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ބުނެއެވެ. ޖެނެރޭޓަރު ސެޓަށް ދިމާވީ ކޮން މައްސަލައެއްކަން އެކުންފުނިން ހާމަކޮށްފައިނުވެއެވެ.


ފެނަކައިން ބުނީ މައްސަލަ ޖެހުނު 1 މެގަވޮޓްގެ ޖެނެރޭޓަރު ސެޓުގެ އިތުރުން 2 މެގަވޮޓްގެ ޖެނެރޭޓަރު ސެޓުވެސް މަރާމާތު ކުރަމުންދާކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ކަރަންޓު ކަނޑަން ކޮންމެހެން ޖެހިފައިވާކަން ފާހަގަކޮށް އެކުންފުނިންވަނީ އެކަމުގައި ރައްޔިތުންނަށް ދިމާވާނެ ދަތިތަކަށްޓަކައި މައާފަށް އެދިފައެވެ.

އައްޑޫ ސިޓީގެ ގުޅިފައިވަ ރަށްތަކުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ތާވަލުގައި ރަމަޟާން މަހުގެ ރޯދަ ވީއްލާ ގަޑިއާއި ދިމާކޮށް ކަރަންޓު ކެނޑުމަށް ނިންމާފައިވުމުން އެކަމާއި ގިނަ ބަޔަކު ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މިގޮތުން ކޮންމެ ދުވަހެއްގެވެސް މެންދުރުފަހު 13:00 އިން ފެށިގެން އިރުއޮއްސި 19:00 ޖެހުމާއި ހަމައަށް އެކި ސަރަޙައްދުތަކުން ގަޑިއިރަކަށް ކަރަންޓު ކަނޑަމުންދާނެކަމަށް ފެނަކައިން ގޭބިސީތަކަށް ފޮނުވި އެންގުމުގައި ވަނީ ބަޔާންކޮށްފައެވެ. އަދި މިމައްސަލަ ޙައްލުކުރުމަށް 7 ނުވަތަ 8 ދުވަސް ހޭދަވާނެކަމަށް ލަފާކުރެވޭކަމަށާއި އެ ދުވަސްތަކުގައި ވީހާވެސް މަދުން ކަރަންޓު ބޭނުންކުރުމަށް ފެނަކައިން ވަނީ އިލްތިމާސްކޮށްފައެވެ.