ޚަބަރު

ކުނީގެ މައްސަލައަށް ޙައްލު ނުލިބެނީ ވަށާޖެހޭ ނިޒާމެއްގެ ތެރެއިން މަސައްކަތް ނުކުރާތީ: ވަޒީރު


  • ރައްކާތެރިގޮތުގައި ކުނި މެނޭޖްކުރުމަކީ ސަރުކާރުން އިސްކަންދެއްވާ މަސައްކަތެއް

  • ސަރުކާރުގެ އަމާޒަކީ ވަށާޖެހޭ ހައްލެއް ހޯދުން

ރާއްޖޭގައި ބޮޑުވެގެން އުޅޭ ކުނީގެ މައްސަލައަށް ޙައްލެއް ނުލިބިގެން އުޅޭ މައިގަނޑު ސަބަބަކީ، ވަށާޖެހޭ ނިޒާމެއްގެ ދަށުން ކުނީ މައްސަލަ ހައްލުކުރަން މަސައްކަތް ނުކުރެވޭތީކަމަށް މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ޙަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރަށު ފެންވަރުގައި ކުންޏާއި ވަޞީލަތް މެނޭޖްކުރުމުގެ ޕްލޭން އެކުލަވަލުމާބެހޭ މަސައްކަތު ބައްދަލުވުން ނިންމުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މޫސުމީ ބަދަލުތަކާއި ތިމަވެއްޓާއި ޙަކަތައާބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ވޭތުވެދިޔަ ސަރުކާރުތަކުންވެސް ކުނީގެ މައްސަލައަށް ޙައްލު ގެނައުމަށް މަސައްކަތްތަކެއް ކުރެއްވިކަމަށެވެ. އެހެންނަމަވެސް މިއަދާހަމައަށް މިކަމުގައި ދާއިމީ ޙައްލެއް ނުލިބުމުގެ މައިގަނޑު ސަބަބަކީ ކުނީގެ މައްސަލައަށް ވަށާޖެހޭ ނިޒާމެއްގެ ތެރެއިން ޙައްލު ގެނައުމަށް މަސައްކަތް ކުރެވިފައިނުވާތީކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ތިމާވެށީގެ ދާއިރާއިން އެންމެ އިސްކަން ދެއްވާ އެއްކަމެއްގެ ގޮތުގައި އޮތީ ކުނީގެ މައްސަލައަށް ދެމެހެއްޓެނިވި ޙައްލެއް ގެނައުންކަމަށެވެ. އެހެންކަމުން ސަރުކާރުން މިއަދު ކުރިއަށްގެންދާ މަސައްކަތްތައް ބައްޓަންވެފައިވަނީ ކުނީގެ މައްސަލައަށް ވަށާޖެހޭ ޙައްލެއް ހޯދޭނެގޮތެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން ރާއްޖޭގެ ހުރިހާ ރަށެއްގައި ވޭސްޓް މެނޭޖްމަންޓް ޕްލޭން ހެދުމުގެ މަސައްކަތްވެސް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ކުނި މެނޭޖްކުރުމަކީ އިޤްތިޞާދީ ކުރިއެރުމާއި ގުޅިފައިވާކަމެއްކަންވެސް ފާހަގަކުރައްވާފައެވެ. އެގޮތުން ގިނަ ރަށްރަށުގައި ގެސްޓްހައުސްތައް ހިންގަމުންދާއިރު ރަށުތެރެ ސާފުކޮށް ނުބާއްވަނަމަ، ފަތުރުވެރިން އެ ރަށްރަށަށް ދަތުރުކުރަން ބޭނުންނުވާނެކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

"މާޙައުލު ކުނިން ރައްކާތެރިކޮށް ބޭއްވުމަކީ އަޅުގަނޑުމެންގެ އިޤުތިޞާދަށް ލިބޭނެ ކުރިއެރުމެއް. ގެސްޓް ހައުސް ހުންނަ މާޙައުލަކީ ސާފުތާހިރު މާޙައުލަކަށްވާން ފަތުރުވެރިން ބޭނުންވޭ. މާޙައުލު ސާފިތާހިރުކޮށް ނުބާއްވާނަމަ އެ މީހުން ލިޔާނީ ވަރަށް ނުރަނގަޅު ކޮމެންޓެއް. އެމީހުން ބުނާނީ ރަށުތެރެއަށް ހުންނަނީ ކުނި އަޅާފައޭ." ވަޒީރު ވިދާޅުވިއެވެ.

ރަށު ފެންވަރުގައި ކުންޏާއި ވަޞީލަތްތައް މެނޭޖުކުރުމުގެ ޕްލޭން އެކުލަވާލުމާ ބެހޭ މަސައްކަތު ބައްދަލުވުމުގައި 5 އަތޮޅެއްގެ 13 ރަށަކުން 35 މީހުން ބައިވެރިވެފައިވެއެވެ. ތިމާވެއްޓާބެހޭ ވުޒާރާއިން ވިދާޅުވީ މި މަސައްކަތު ބައްދަލުވުމުގައި ކުނި މެނޭޖްކުރުމުގެ ދާއިރާގައި ހެދިފައި ހުރި ޤާނޫނާއި ގަވައިދާއި ސަރުކާރުގެ އުޞޫލުތަކާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވާކަމަށެވެ.

މަސައްކަތު ބައްދަލުވުން ފުރިހަމަކުރި ބައިވެރިންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ ތިމާވެށްޓާބެހޭ ވަޒީރު ޠާރިޤް އިބްރާހިމެވެ.

ރައްކާތެރި ގޮތުގައި ކުނި ނައްތާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މުހިންމު ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން މިއަހަރު ނިމޭއިރު 100 ރަށުގައި ކުނި މެނޭޖްކުރުމުގެ ނިޒާމު ޤާއިމްކުރެއްވުމަށް ސަރުކާރުން ވަނީ އަމާޒު ކަނޑައަޅުއްވާފައެވެ.