ޚަބަރު

ރަމަޟާންމަހަށް ފަހު އުނގޫފާރު ހޮސްޕިޓަލްގައި އެމްއާރުއައިގެ ޚިދުމަތް ފަށަނީ


  • ޞިއްޙަތާއި ބެހޭ ވަޒީރު މިހެން ވިދާޅުވީ އުނގޫފާރު ރައްޔިތުންނާ ބައްދަލުކުރައްވައި

  • މީގެ ސަބަބުން މި ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާވުމަށް ހައްލެއް ލިބޭނެ

  • އުނގޫފާރު ހޮސްޕިޓަލްގައި އިންސާނީ ވަސީލަތްވެސް އިތުރުކުރެވޭނެ

ރަމަޟާންމަހުގެ ފަހުން އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް ފަށްޓަވާނެކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ރ.އުނގޫފާރަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުންނެވެ.

އުނގޫފާރު ރީޖަނަލް ހޮސްޕިޓަލަކީ ރ.އަތޮޅާއި އަދި އެ އަތޮޅާއި ކައިރީގައި ހުރި ގިނަ އަތޮޅުތަކެއްގެ ރައްޔިތުން ފަރުވާ ހޯދަމުން އަންނަ ހޮސްޕިޓަލެކެވެ. ދުވާލަކު އެތައް ސަތޭކަ ބަޔަކު މި ހޮސްޕިޓަލުން އަންނަނީ ޚިދުމަތް ހޯދަމުންނެވެ.

އުނގޫފާރު ރައްޔިތުންނާއި ބައްދަލުކުރައްވައި ވާހަކަދައްކަވަމުން ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ޚަލީލް ވިދާޅުވީ، އަންނަ ރަމަޟާންމަހުގެ ފަހުން އުނގޫފާރު ހޮސްޕިޓަލުގައި އެމްއާރުއައިގެ ޚިދުމަތް ފައްޓަވާނެކަމަށެވެ. މާލޭގައި މި ޚިދުމަތް ހޯދުމަށް ދިގު ކިޔޫއެއް އޮތްކަން ފާހަގަކުރައްވައި ވަޒީރު ވިދާޅުވީ، އުނގޫފާރު ހޮސްޕިޓަލުގެ އިތުރުން ރާއްޖޭގެ އެކިހިސާބުތަކުގައި އެމްއާރުއައިގެ ޚިދުމަތް ފެށުން ވެގެންދާނީ މި ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް އަންނާނެކަމަށް ކަމަށެވެ.

" ﷲ އިރާދަ ކުރެއްވިއްޔާ ކުރިއަށް މިއޮތް ރަމަޟާން މަހުގެ ފަހުން މިރަށުގައި އެމްއާރުއައިގެ ޚިދުމަތް ދެވެން ފަށާނެ. ރާއްޖޭގައި ރައީސްގެ ވިޝަންއާއި އެއްގޮތަށް އެކި ކަންކޮޅުތަކުގައި އެމްއާރުއައިގެ ޚިދުމަތް ތައާރަފްވެގެންދާ ހިސާބުން މިހާރު ސެންޓްރަލީ މާލެއަށް ބަރޯސާވެފައި އޮތް އޮތުން، މި ދިގު ކިއޫ ވަރަށް ބޮޑުތަން ކުޑަވެގެންދާނެ. މިހާރު މާލެއަށް ބަލާލާއިރު އެމްއާރުއައި ކިޔު މަހެއް ދެމަހަށް އެބަ ދެމިގެންދޭ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވިސްނުންފުޅު ހުރީ އުނގޫފާރު ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރުންކަމަށެވެ. މި ހޮސްޕިޓަލްގައި މިހާރު މަސައްކަތް ކުރަމުން އަންނަނީ މެޑިކަލް އޮފިސަރުންގެ ގޮތުގައި 10 ޑޮކްޓަރުންނެވެ. ނަމަވެސް ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު އިންސާނީ ވަސީލަތް އިތުރުކުރުމުގެ މަސައްކަތްވެސް ކުރައްވާނެކަމަށް ޚަލީލް ވިދާޅުވިއެވެ.

އަދި އެކިއެކި ބަލިތައް ތަހައްމަލްކުރަމުންދާ ފަރާތްތަކަށް ލުއި ގޮތްތަކެއް ހޯއްދަވައިދެއްވުމަށް މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް ސިއްޙަތާއި ބެހޭ ވަޒީރު ވަނީ އަލިއަޅުވާލައްވާފައެވެ. އެގޮތުން ތެލަސީމިއާއަށް ޚާއްސަ ހޮސްޕިޓަލެއް ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާއިރު މިހާރުވެސް 10 ކުއްޖަކު ބޯންމެރޯ ހެދުމަށް ރާއްޖެއިން ބޭރަށް ފޮނުވާފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. އަދި ތެލަސީމިއާ ހޮސްޕިޓަލާއެކު ރާއްޖޭގައި ބޯންމެރޯ ހެދުމުގެ މަގު ފަހިވެގެންދާނެކަމަށް ޞިއްޙަތާއި ބެހޭ ވަޒީރު ވިދާޅުވިއެވެ.