ޚަބަރު

އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް


  • އެމްއެސްޕީން 155000 ރުފިޔާގެ އިނާމު ސްޕޮންސަރކުރާނެ

މިއަހަރު ރަމަޟާންމަހު ބާއްވާ އިޙްޔާ ފޯރަމްގެ މެއިން ސްޕޮންސަރަކަށް މޯލްޑިވްސް ސްޓްރަކްޗަރަލް ޕްރޮޑަކްޓްސް ޕްރައިވެޓް ލިމިޓެޑް ހަމަޖައްސައިފިއެވެ.

އިޙްޔާ ފޯރަމްގެ ސްޕޮންސަރއަކަށް އެކުންފުނި ހަމަޖައްސާފައިވަނީ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިންނެވެ. މިކަމަށްޓަކައި އެކުންފުންޏާއި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއާ ދެމެދު ޤާއިމްކުުރި އެއްބަސްވުމުގައި އެވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތައްތަކާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ. މުހައްމަދު ޝުޖާއު އަބްދުލް ހަކީމްއެވެ. ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ރަފީގެވެ.

ޢާއްމުންނާއި ސްކޫލް ކުދިންނަށް ބައިވެރިވެވޭގޮތަށް ކުރިއަށް ގެންދާ އިޙްޔާ ފޯރަމްގައި ބައިވެރިވާ މީހުންނަށް އިނާމު ދެމުން އަންނައިރު މިސްޕޮންސަރގެ ދަށުން މިއަހަރުގެ ފޯރަމްގައި 155000 ރުފިޔާގެ އިނާމް ދިނުމަށް ވަނީ ނިންމާފައެވެ.

ކޮންމެ އަހަރަކުވެސް ދީނީ ޢިލްމުވެރިން މެދުވެރިކޮށް ދީނީ އެކި މަޢުޟޫޢުތަކަށް މަޢުލޫމާތު ދިނުމަށް ބާއްވަމުން އަންނަ އިޙްޔާ ފޯރަމް ކޮންމެ އަހަރަކުވެސް ގެނެސްދެނީ ބަދަލުތަކާއެކުގައެވެ. މީގެކުރިން ބޭރުގެ ޢިލްމުވެރިން ގެނެސްގެން ބާއްވަމުންދިޔަ ފޯރަމް މިހާރު ގެނެސްދެނީ ދިވެހި ޢިލްމުވެރިންނެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ދިގު ތާރީޚެއް އޮތް އިޙްޔާ ފޯރަމް، މައުލޫމާތުގެ ގޮތުން އިތުރަށް މުއްސަނދިކޮށްގެން ކުރިއަށްގެންދިޔުމަށް މަސައްކަތް ކުރައްވަމުންގެންދަވާކަމަށެވެ.