ޚަބަރު

ޗައިނާގެ ފުޖިއާން ޕްރޮވިންސުން އަންނަ ފަތުރުވެރިން އިތުރުކުރުމަށް ޚާއްސަ ފޯރަމެއް


  • މި ފޯރަމް އޮތީ ހޮޓެލް ޖެންގައި

  • ރާއްޖެއާއި ޗައިނާގެ ކަމާއިބެހޭ 90 ފަރާތަކުން ބައިވެރިވި

  • 2 ގައުމުގެ ޓުއަރ އޮޕަރޭޓަރުންގެ މެދުގައި 4 އެއްބަސްވުމެއް ގާއިމްކުރި

ޗައިނާގެ ފުޖިއާން ޕްރޮވިންސްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކޮށް ގުޅުން ބަދަހިކުރުމަށް ޚާއްސަ ފޯރަމްއެއް ބާއްވައިފިއެވެ.

މި ފޯރަމަކީ ޗައިނާގެ ފުޖިއާން ޕްރޮވިންސުން އިސްނަގައިގެން ދިވެހި ސަރުކާރާއި ގުޅިގެން ބޭއްވި ފޯރަމްއެކެވެ.

މި ފޯރަމްގައި ފުޖިއާން ޕްރޮވިންސްގެ އިސްފަރާތްތަކާއި ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ އިސްވެރިންނާއި އަދި މި ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތައް ބައިވެރިވިއެވެ. އޭގެތެރޭގައި 2 ޤައުމުގެ ޓުއަރ އޮޕަރޭޓަރުންވެސް ހިމެނެއެވެ.

ޗައިނާގެ ފުޖިއަން ޕްރޮވިންސްގެ ޝިއަމެން ސިޓީން އެ ޤައުމުގެ ޝިއަމެން އެއަރއިން ވަނީ ރާއްޖެއަށް ސީދާ ދަތުރުތައް ފަށާފައެވެ. މި ފޯރަމް ބޭއްވުމުގެ އެންމެ ބޮޑު އެއް ބޭނުމަކީވެސް 2 ޤައުމުގެ ޓުއަރ އޮޕަރޭޓަރުންނާއި ބައްދަލުކޮށް، ނެޓްވޯކިން ބައްދަލުވުންތައް ބޭއްވުމެވެ.

މި ފޯރަމްގެ ތެރެއިން ވަނީ ޗައިނާއާއި ރާއްޖޭގެ 4 ޓުއަރ އޮޕަރޭޓަރަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގެ ސަބަބުންވެސް ޗައިނާގެ ފުޖިއާން ޕްރޮވިންސްއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެއެވެ.

ރާއްޖެއާއި ޗައިނާގެ ކަމާއިބެހޭ 90 ފަރާތަކުން ބައިވެރިވި ފޯރަމްގައި ޗައިނާގެ ފުޖިއާން ޕްރޮވިންސްގެ ބައެއް މީޑިއާތަކުންވެސް ބައިވެރިވިއެވެ. ޝިއަންމެން އެއަރއިން ރާއްޖެއަށް ފަށާފައިވަނީ ޗާޓަރު ދަތުރުތަކެކެވެ. އެ އެއަރލައިންގެ ފުރަތަމަ ފުލައިޓުން ރާއްޖެއަށް 230 ފަތުރުވެރިން ވަނީ އައިސްފައެވެ.

ޝިއަމެން އެއަރއިން ރާއްޖެއަށް ފެށި މި ދަތުރުތަކަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ދާދިފަހުން ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ކުރެވުނު މަޝްވަރާތަކަށްފަހު ރާއްޖެއަށް މުޅިން އަލަށް ދަތުރުތައް ފެށި އެއަރލައިނެކެވެ. މި ސަރުކާރުގެ އަމާޒަކީ ޗައިނާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމެވެ.