ޚަބަރު

މާލެ ސަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރަނީ


  • އިންސްޕެކްޝަން ފަށާނީ މިމަހުގެ 18 ވަނަ ދުވަހު

  • ރޯދަމަހާއި ދިމާކޮށް ކޮންމެ އަހަރަކުވެސް މި ހަރަކާތް ކުރިއަށްގެންދޭ

ގްރޭޓަރ މާލެ ޞަރަހައްދުގައި ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ބަލާ ފާސްކުރުމުގެ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗްޕީއޭއިން ނިންމައިފިއެވެ.

އެޗްޕީއޭއިން ބުނީ ކޮންމެ އަހަރަކުވެސް ރަމަޟާން މަސް ފެށުމުގެ ކުރިން ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނަށް ޚާއްސަ އިންސްޕެކްޝަނެއް ކުރިއަށް ގެންދާކަމަށެވެ. އެހެންކަމުން މިއަހަރުވެސް ރަމަޟާން މަސް ފެށުމުގެ ކުރިން މި އިންސްޕެކްޝަން ކުރިއަށްގެންދިއުމަށް ނިންމާފައިވާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭއިން ބުނީ މި އިންސްޕެކްޝަންގެ މައިގަނޑު ބޭނުމަކީ ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަނުގެ ސާފުތާހިރުކަމުގެ މިންގަނޑުތައް ދެމެހެއްޓުމަށް ބާރުއަޅައި، އާއްމު ޞިއްހަތަށް ރައްކާތެރިގޮތުގައި ޚިދުމަތް ދިނުމަށް ބާރުވެރިކޮށް އަހުލުވެރިކުރުވުމެވެ.

މި އިންސްޕެކްޝަން ކުރިއަށްދާނީ މި މަހުގެ 18 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ޙަރަކާތް ކުރިއަށް ގެންދާނީ މާލޭ ސިޓީ ކައުންސިލާއި، ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނާއި، ހުޅުމާލޭ ހޮސްޕިޓަލް އަދި ކަމާ ގުޅުން ހުރި މުއައްސަސާތައް ގުޅިގެންންކަމަށް އެޗްޕީއޭއިން ބުނެއެވެ.