ޚަބަރު

މާލޭ ވިޔަފާރި ބަނދަރާއެކު ނޯތު ހާބަރާއި ޓީޖެޓީ ވެސް ތިލަފުއްޓަށް


  • ތިލަފުށި ޕޯޓު 2026އަށް ނިންމުމަކީ އަމާޒެއް

  • ޖާގައިގެ ދަތި ކަމަށް ޙައްލެއް އަންނާނެ

  • ބޭނުންވާ ބިން ވަނީ ހިއްކާފައި

މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުވުމުން ނޯތު ހާބަރާއި ޓީޖެޓީ ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޑެޓް، އެމްޕީއެލްގެ ސީއީއޯ މުޙައްމަދު ވަޖީހު އިބްރާހީމް ވިދާޅުވެއްޖެއެވެ. އޭނާ އެހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުންނެވެ.

އެމްޕީއެލްގެ ސީއީއޯ ވަޖީހު ވިދާޅުވީ މާލޭ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމަކީ ސަރުކާރުގެ އެންމެ މުހިންމު އެއް މަސައްކަތް ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވެރިކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ފުރަތަމަ ދުވަހުން ފެށިގެން ވެސް އެ މަސައްކަތް ފައްޓަވާފައިވާކަން ފާހަގަގުރައްވައި ވަޖީހު ވިދާޅުވީ ފަސް އަހަރުގެ ތެރޭގައި ތިލަފުއްޓަށް މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ވަޖީހު ވިދާޅުވީ ތިލަފުއްޓަށް ބަނދަރު ބަދަލުކުރުމުން މާލެ ނޯތު ހާބަރާއި ޓީޖެޓީއަށް ވާނީ ކިހިނެތްތޯ ބައެއް މީހުން ސުވާލުކުރާ ކަމަށެވެ. އަތޮޅުތަކަށް ގެންދާ ގިނަ މުދާ ގެންދަނީ ނޯތު ހާބަރު މެދުވެރިކޮށް ކަމަށާއި ރިސޯޓްތަކަށް ގެންދާ މުދާ ގެންދަނީ ޓީޖެޓީންކަން ފާހަގަކުރައްވައި ވަޖީހު ވިދާޅުވީ އެ ދެ ބަނދަރު ވެސް ތިލަފުއްޓަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

"މުސްތަޤްބަލުގައި ނޯތު ހާބަރު ވެސް ބަދަލުވެގެންދާނީ މި ސަރަހައްދަށް. ޓީޖެޓީއަކީ އާންމުކޮށް ރިސޯޓްތަކަށާއި އެހެނިހެން ވިޔަފާރި ތަންތަނަށް މުދާ ފޮނުވާ ތަނެއް. އެތަން ވެސް ބަދަލުވެގެންދާނީ ހަމަ މި އޭރިއާއަށް. އެހެންވީމަ ނޯތު ޕޯޓާއި ޓީޖެޓީ ބަދަލުވެފައި އޭގެ އިތުރަށް މާލެ ކޮމާޝަލް ހާބަރ ބަދަލުވީމަ ރާއްޖެއަށް މުދާ ގެނައުމުގައި މިހުރި ހުރިހައި މައްސަލަ ހައްލު ވެގެންދާނެ." ވަޖީހު ވިދާޅުވިއެވެ.

ތިލަފުށީގައި މާލޭ ވިޔަފާރި ބަނދަރު އެޅުމަށް ބޭނުންވާ ބިން މިހާރު ހިއްކާ ނިމިފައިވާ ކަމަށް ވަޖީހު ވިދާޅުވިއެވެ. އަދި މިހާރު ކުރިއަށް ދަނީ ޑިޒައިން ކުރުމުގެ މަސައްކަތް ކަމަށާއި އަމާޒަކީ 2026 ވަނަ އަހަރުގެ ނިޔަލަށް މި ތަން ނިންމުން ކަމަށް ވަޖީހު ވިދާޅުވިއެވެ.

"އެ ޕޯޓު ނިމިގެންދާއިރު އެ ތަނުގައި ހުންނާނެ 600 މީޓަރުގެ އިންޓަނޭޝަނަލް ކީވޯލްއެއް. އެއީ އެއްފަހަރާ އެންމެ ބޮޑު 3 ބޯޓަށް ޚިދުމަތް ދެވޭވަރުގެ ކީވޯލްއެއް. އެ މަސައްކަތް ފަށަން މިހާރު ގާތްގަނޑަކަށް ރެޑީވަމުން ދަނީ ކޮންޓްރެކްޓަރވެސް ފައިނަލްކޮށް ނިމިފައި ހުރީ. ބިން ހިއްކާފައި އޮތީ. ދެން މިއޮތީ އިދާރީގޮތުން ކުރަންޖެހޭ ބައެއް ކަހަލަ މަސައްކަތްތައް ކުރުން. އަޅުގަނޑު ގަބޫލުކުރެވޭގޮތުގައި އަންނަ އޭޕްރީލްމަހުގެ ކުރީގައި ކޮންޓްރެކްޓަރާއިއެއްކޮށް ސޮއިކުރެވި މަސައްކަތް ފެށޭވަރު ވާނެ". ވަޖީހު ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު އަންނަ ކާގޯ ބޯޓެއް ހުސްކޮށްލުމަށް 5 ދުވަހާއި 9 ދުވަހުގެ މުއްދަތެއް ނަގައެވެ. ނަމަވެސް ޕޯޓު ތިލަފުއްޓަށް ބަދަލުވުމުން އެ މުއްދަތު 2 ނުވަތަ 3 ދުވަހަށް ކުޑަވެގެންދާނެ ކަމަށް އެމްޕީއެލުން ވިދާޅުވެއެވެ.