ޚަބަރު

މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފި


  • މި ތަމްރީން ކުރިއަށްގެންދަނީ މަނިޔަފުށީގައި

  • ފުރަތަމަ ބުރުގައި 15 މީހުންވަނީ ބައިވެރިވެފައި

  • މައިގަނޑު 4 ބާވަތެއްގެ މަސް/ދިރުން އާލާކުރަން ދަސްކޮށްދޭނެ

ސަރުކާރުގެ ހަފްތާ14 ގައި ހިމެނޭ މެރިން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ތަމްރީން ޕްރޮގްރާމް ފަށައިފިއެވެ. މި ތަމްރީން ޕްރޮގްރާމް ފަށާފައިވަނީ މިއަދު ކ. މަނިޔަފުށީގައެވެ.

މިތަމްރީން ޕްރޮގްރާމް ފެށުމުގެ ހަފްލާ ޝަރަފުވެރި ކޮށްދެއްވީ މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދެވެ. މިއީ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓުން ކުރިއަށްގެންދާ ތަމްރީން ޕްރޮގްރާމެކެވެ.

މި ތަމްރީން ޕްރޮގްރާމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ހަފްތާ 14ގެ މަގުޗާޓުގައި ހިމެނޭ، ފަރުމަސް އާލާކުރުމަށް ބޭނުންވާ ހެޗަރީތައް ޤާއިމުކުރާނެ ގޮތާއި އެކުއަކަލްޗަރގެ ހުނަރުތައް ޒުވާނުންނަށް ދަސްކޮށްދިނުމުގެ ފުރަތަމަ ތަމްރީން ޕްރޮގްރާމެވެ.

މި ތަމްރީން ޕްރޮގްރާމް ފެށުމުގެ ރަސްމިއްޔާތުގައި ބައިވެރިންނާއި މުޚާތަބުކުރައްވައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރ އަމްޒަތު އަޙްމަދު ވަނީ ބިޒްނަސް ޕްލޭނެއް ތައްޔާރުކޮށް ކުރިއަށްދިއުމަށް ބައިވެރިންނަށް އިލްތިމާސްކުރައްވާފައެވެ. މިއީ ވަރަށް ކަވި މަސައްކަތެއްކަން ފާހަގަކުރައްވަމުން ކެތްތެރިކަމާއިއެކު ވިޔަފާރީގެ ޕްލޭނާއެކު ކުރިއަށް ގެންގޮސްފިނަމަ ވިޔަފާރި ކާމިޔާބުވުމަކީ އަބަދުވެސް އޮންނާނެ ފުރުސަތެއް ކަމަށް ސްޓޭޓް މިނިސްޓަރވަނީ ވިދާޅުވިއެވެ. އަދި މިކަމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ސްކިލް ޑިވެލޮޕްމަންޓް ދަސްކޮށްދޭއިރުގައި އަދިހަމަ އެއާއެކު މީގެ ވިޔަފާރި ފުޅާކޮށް ކުރިއެރުވުމަށްޓަކައި ތިބޭފުޅުން ބޭނުންވާނެ ފައިނޭންޝިއަލް އެއިޑްވެސް މިހާރު އަޅުގަނޑުމެން މިދަނީ ހަމަޖައްސަމުން. އެސްޑީއެފްސީއާއި ގުޅިގެން ލޯނެއްގެ އެހީގައި ކުޑަ އިންޓްރެސްޓެއްގައި ލޯނެއްގެ ގޮތުގައި ފަރުމަސްވެރިކަން ކުރުމަށްޓަކައި ލޯނު ލިބޭނެ މަގު މިހާރު އަޅުގަނޑުމެން މިދަނީ ފަހިކުރަމުން. ސްކިލްސް އެބަހުރި. ފައިސާ ލިބޭނެ ގޮތްތައް އެބަހުރި. ހަމައެކަނި ބޭނުންވަނީ ހިތްވަރެއް". އަމްޒަތު ވިދާޅުވިއެވެ.

މި ޕްރޮގްރާމުގެ އަމާޒަކީ، މެރިކަލްޗަރ ތަރައްޤީކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ ފަރާތްތަކަށް، ރަށްރަށާއި ކައިރިން އާމްދަނީއާއި ވަޒީފާގެ އިތުރު ފުރުޞަތުތައް ފަހިކޮށް، ރާއްޖޭގައި ކުރެވޭ އިޤްތިޞާދީ މަސައްކަތްތައް އިތުރަށް ފުޅާކޮށް ސިންދަފާތުކުރުމެވެ.

މި ތަމްރީނު ޕްރޮގްރާމްގައި ރާއްޖޭގެ އެކި ސަރަހައްދުތަކުން 15 މީހުން ބައިވެރިވެއެވެ. މި ޕްރޮގްރާމް ކުރިއަށްދާނީ މިމަހުގެ 21 ގެ ނިޔަލަށެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަމުން މިޕްރޮގްރާމްގެ ބައެއް ބައިވެރިން ބުނީ މެރިކަލްޗަރއަކީ ރާއްޖެއަށް މުހިންމު އަދި އާމްދަނީ ހޯދާ ފުޅާކުރެވިދާނެ ދާއިރާއެއްކަމަށެވެ. އަދި މި ޕްރޮގްރާމް މެދުވެރިކޮށް ހެޗަރީގައި މަސް ނުވަތަ ދިރުން އާލާކުރާނެ ގޮތުގެ ތަމްރީން ލިބޭނެކަމަށް އުންމީދުކުރާކަމަށެވެ.

މި ޕްރޮގްރާމަކީ މެރިކަލްޗަރގެ ދާއިރާއިން ތަފާތު ބައިތައް ހިމަނައިގެން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ. މީގެތެރޭގައި، އެކުއަކަލްޗަރގެ ނިޒާމުތަކުގެ އިތުރުން މައިގަނޑު 4 ބާވަތެއްގެ މަސް/ދިރުން އާލާކުރުމުގެ ފިލާވަލުތައް ވަނީ ހިމަނާފައެވެ. އެއީ ފާނަ، ހުއިފިލަނޑާ، ދިވެހި މާގަނޑުމަހުގެ އިތުރުން އިތާމުތް އާލާކުރުމެވެ.

މިތަމްރީނު ޕްރޮގްރާމަށް ރައްޔިތުންގެ ބޮޑު ތަރުޙީބެއް ލިބިފައިވާއިރު، މީގެ ގިނަ ތަމްރީން ޕްރޮގްރާމްތައް ހިންގުމަށް ރާވާފައިވާކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މިތަމްރީނު ޕްރޮގްރާމްތަކުން ފޯރުކޮށްދޭ މައުލޫމާތާއި ދަސްކޮށްދެވޭ ހުނަރުތަކަކީ ދިވެހިރާއްޖޭގައި މެރިކަލްޗަރ ސިނާޢަތެއް ޤާއިމްކޮށް ތަރައްޤީކުރުމަށް ބޭނުންތެރި ކަންކަމަށް ހެދުމުގެ ގޮތުން 2 ގޮތަކަށް ތަމްރީނު ދިނުމަށްވަނީ ހަމަޖެހިފައެވެ. އެއީ​ އަސާސީ ނުވަތަ ބޭސިކް މެރިކަލްޗަރ ތަމްރީން ޕްރޮގްރާމްތަކާއި، ވަކި ސްޕީޝީޒް އާލާކުރުމަށް ދަސްކޮށްދޭ ތަމްރީންތައް ކަމަށް މަސްވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.