ޚަބަރު

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ކަނޑައަޅަނީ


  • ދިވެހިން ކެއިންބުއިމުގައި ބޭނުންކުރާ އާއްމު ބާވަތްތަކުގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަކީ ސަރުކާރުގެ އަމާޒެއް

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިފިއެވެ.

ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް ހާއްސަ ސިޔާސަތުތަކެއް ތައާރަފްކުރުމަށް ވަޒީރުންގެ މަޖިލީހަށް ހުށައަޅާފައިވަނީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވުޒާރާގެ ފަރާތުންނެވެ.

ކެބިނެޓުން ނިންމެވި ނިންމެވުންތައް ހިއްސާކުރައްވަމުން ރައީސް އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ، ކާބޯތަކެތީގެ އަސާސީ ބާވަތްތަކުގެ އަގު ކުޑަކުރުމަށް އަޅާނެ ބައެއް ފިޔަވަޅުތައް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށެވެ. އެގޮތުން ޔޫޓިލިޓީ ކުންފުނިތަކުން ތެލުގެ ހަކަތަ އުފައްދާ މިންވަރު ކުޑަކޮށް އިއާދަކުރަނިވި ހަކަތަ އުފައްދާ މިންވަރު އިތުރުކުރުމަށްޓަކައި ކުރުރާސްތާ އަދި މެދު ރާސްތާގެ ޕްލޭނެއް ޔޫޓިލިޓީ ކުންފުނިތަކާއި މަޝްވަރާކުރައްވައިގެން ތައްޔާރުކޮށް އެއަށް އަމަލީ ސިފަ ގެނައުމަށް މަޝްވަރާކުރެވުނުކަމަށް ނާޒިމް ވިދާޅުވިއެވެ.

މީގެއިތުރުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގުދަން ކުރުމުގެ ކެޕޭސިޓީ އިތުރުކޮށް، މާލެ ވިޔަފާރި ބަނދަރުން މިހާރު ނަގަމުންދާ ފީތައް މުރާޖާކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމަވާފައިވާކަމަށް ނާޡިމް ވިދާޅުވިއެވެ. އަދި މި ސަރަހައްދުގެ އެހެން ޤައުމުތަކުގައި ގާއިމްކޮށްފައިވާ ބޭރުގެ ވިޔަފާރި ބަނދަރުތަކުން ނަގާ ފީއަށް ބެލުމަށްފަހު މާލެ ވިޔަފާރި ބަނދަރުން މިހާރު ނަގަމުންދާ ފީތައް އިތުރަށް މުރާޖާކުރުމަށްވެސް ނިންމަވާފައިވާކަމަށް ނާޡިމް ވިދާޅުވިއެވެ.

ރާއްޖޭގެ އެކި ކަންކޮޅުގައި ގުދަން ކުރުމުގެ ކެޕޭސިޓީ އިތުރުކޮށް ޒަމާނީ ގުދަންތަކާއި، ކޯލްޑް ސްޓޯރޭޖްތައް ޤާއިމްކުރާނެ ސަރަހައްދުތަކެއް މިނިސްޓްރީ އޮފް ހައުސިން ޕްލޭނިން އެންޑް އާބަން ޑިވެލޮޕްމަންޓްއިން ކަނޑައެޅުއްވުމަށްފަހު އިކޮނޮމިކް ކައުންސިލަށް ހުށައެޅުން. އަދި އެތަންތަނުގެ މަސައްކަތްތައް ކުރިއަށްގެންދިއުމަށް ފެންނަ މޮޑެލް ބައްޓަން ކުރާނެ ގޮތެއް އެސްޓީއޯ އިން އިކޮނޮމިކް ކައުންސިލްއަށް ހުށައެޅުން." ނާޡިމް ވިދާޅުވިއެވެ.

ކާބޯތަކެތީގެ ރައްކާތެރިކަން ކަށަވަރުކުރުމާއި އާންމުކޮށް ދިވެހިން ކެއިންބުއިމުގައި ބޭނުންކުރާ މުދަލުގެ އަގު ހެޔޮ ކުރައްވައި، އެތަކެތީގެ އަގު އެއް ހަމައެއްގައި ހިފެހެއްޓުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ އަމާޒެކެވެ. އެގޮތުން އެހެން އަހަރުތަކުގެ ރަމަޟާންމަހާއި ޚިލާފަށް މިއަހަރު ވެގެންދާނީ ބާޒާރުގައި ތަކެތީގެ އަގުތައް ކޮންޓްރޯލް ކުރެވިގެންދާނެ އަހަރަކަށްކަމަށް ދަނޑުވެރިކަމާބެހޭ ވުޒާރާއިންވެސް ވަނީ ވިދާޅުވެފައެވެ.

ރަމަޟާންމަހު އާންމުކޮށް ކެއިންބުއިމުގައި ބޭނުންކުރާ ބާވަތްތަކާއި، އެތަކެތި ބޭނުންވާ މިންވަރު ދެނެގަތުމުގެ މަސައްކަތް ސަރުކާރުން ގެންދަނީ ކުރައްވަމުންނެވެ. އަދި މާކެޓަށް ނެރެވެން ހުރި މިންވަރު ބަލައި އިތުރަށް ބޭނުންވާ މިންވަރު ދެނެގަނެ މި އަހަރުގެ ރަމަޟާންމަހު މާކެޓްގެ އަގުތައް ކޮންޓްރޯލް ކުރާނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވައެވެ.