ޚަބަރު

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން 100 ހެކްޓަރު ބިން ހިއްކައިފި


  • މުޅި ޖުމްލަ 150 ހެކްޓަރުގެ ބިން ހިއްކާނެ

  • މަސައްކަތް ހުއްޓުމެއް ނެތި ތާވަލާއި އެއްގޮތަށް ދަނީ ކުރިއަށް

  • ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައް އަވަހަށް ފެށުމަކީ ސަރުކާރުގެ އަމާޒެއް

ގުޅިފަޅު ބިން ހިއްކުމުގެ މަޝްރޫޢުގެ ތެރެއިން މިހާތަނަށް 100 ހެކްޓަރުގެ ބިން ހިއްކާފައިވާކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢުގެ މަސައްކަތް ހުއްޓުމެއްނެތި ތާވަލާއެއްގޮތަށް ކުރިއަށްދާކަމަށެވެ.

ގުޅިފަޅުން ޖުމްލަ ހިއްކުމަށް ހަމަޖެހިފައިވަނީ 150 ހެކްޓަރުގެ ބިމެވެ. މި މަސައްކަތް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، ސަރުކާރުގެ އަމާޒަކީ ބިން ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމާ، އެތަނުގެ އުމްރާނީ ތަރައްޤީގެ މަސައްކަތްތައް ފެށުންކަމަށްވެސް އިމާރަތްކުރުމާއި ބިނާރާ ބެހޭ ވަޒީރު، ޑރ. އަބްދުﷲ މުއްޠަލިބް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ގުޅިފަޅުގެ ދެވަނަ ފިޔަވަހި ހިއްކުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ ޖުލައިމަހުގެ ތެރޭގައެވެ. މި މަޝްރޫޢު ކުރިއަށްގެންދަނީ ނެދަލޭންޑްސްގެ ބޮސްކާލީސް ކުންފުންޏާއި ޙަވާލުކޮށްގެންނެވެ.

މި މަޝްރޫޢަށް އިންވެސްޓްކުރުމަށް ހަމަޖެހިފައިވަނީ ޔޫރަޕްގެ 2 ބޭންކެއްގެ ލޯން އެހީގެ ދަށުންނެވެ. މި މަޝްރޫޢުގެ ދަށުން ގުޅީފަޅު ހިމެނޭ ސަރަޙައްދުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މި މަސައްކަތްކުރުމަށް ގުޅިފަޅު ފަޅުން، 18 މިލިއަން ކިއުބިކް މީޓަރުގެ ސަރަޙައްދަކަށް ވެލި އެޅުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ސަރުކާރުން ވަނީ ގުޅިފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫޢަށްވެސް ބިން އިތުކުރެއްވުމަށް ނިންމަވާފައެވެ. ރައީސް ވިދާޅުވީ އެފަޅުތަކުން ހިއްކެން އޮތް އެންމެ ބޮޑަށް ހިއްކަވާ، ގެދޮރުވެރިކަމުގެ މަސައްކަތަށް ބިން އިތުރުކުރެއްވުމަށް ނިންމަވާފައިވާކަމަށެވެ.