ޚަބަރު

ބަލިތައް ނައްތާލުމަށް ބޭނުންވާ ފަންނީ އެހީތެރިކަމަށް ރާއްޖެއިން އެދިއްޖެ


  • މިގޮތަށް އެދުނީ ޑަބްލިއުއެޗްއޯގެ އެގްޒެކެޓިވް ބޯޑުގެ ބައްދަލުވުމުގައި

  • ޕްރައިމަރީ ހެލްތު ކެއަރ ނިޒާމު ހަރުދަނާކުރުމާ ގުޅޭގޮތުން މަޝްވަރާކުރި

  • ބަލިތައް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކުރި

ރާއްޖެއިން ނައްތާލުމަށް ކަނޑައަޅާފައިވާ ޓީބީ އަދި އެހެން ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި އެއްބާރުލުމަށް ޤައުމުތަކުގެ ކިބައިން ދިވެހިރާއްޖެއިން އެދިއްޖެއެވެ.

ދިވެހިރާއްޖެއިން މިކަމަށް އެދިފައިވަނީ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ އެގްޒެކެޓިވް ބޯޑުގެ 154 ވަނަ ބައްދަލުވުމުގެ ތެރެއިންނެވެ. މި ބައްދަލުވުން ކުރިއަށްގޮސްފައިވަނީ ޖެނީވާގައި ހުންނަ ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާގެ ހެޑްކުއާރޓާޒްގައި މިމަހުގެ 22 އިން 27 އަށެވެ.

މި ބައްދަލުވުމުގައި އެކްޒެކަޓިވް ބޯޑުގެ މެމްބަރެއްގެ ހައިސިއްޔަތުން ދިވެހިރާއްޖެއިން ބައިވެރިވެ ބައްދަލުވުމުގެ އެޖެންޑާގައި ކަނޑައަޅާފައިވާ ކަންތައްތަކުގެ މައްޗަށް މަޝްވަރާތަކުގައި ބައިވެރިވެ ހުށަހެޅުންތައް ހުށަހަޅާފައިވެއެވެ.

ދުނިޔޭގެ އެކި ހިސާބުތަކަށް ކުރިމަތިވަމުންދާ ޞިއްޙީ ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެކަށީގެންވާގޮތުގައި އިޖާބަދިނުމަށް ކަނޑައެޅިފައިވާ ޕްރޮގްރާމްތަކާއި މަސައްކަތްތަކަށް އިތުރު ކުރިއެރުންތައް ގެނައުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ޞިއްޙީ ދާއިރާއަށް އަމާޒުކުރެވިފައިވާ ކަންތައްތައް ޙާޞިލުކުރުމަށް ކަނޑައަޅާފައިވާ ކަންތައްތައް ކުރިއަށްގޮސްފައިވާ މިންވަރާއި ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތަކުގެ މައްޗަށް މަޝްވަރާކުރެވުނުކަމަށް ޞިއްޙަތާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ ތެރޭގައި ޔުނިވަރސަލް ހެލްތު ކަވަރޭޖް، މޫސުމަށް އަންނަ ބަދަލުގެ ސަބަބުން ޞިއްޙަތަށް ކުރާ ނޭދެވޭ އަސަރު ކުޑަކުރުމަށް ކުރެވޭ މަސައްކަތްތަކާއި، ބަލިތަކުން ރައްކާތެރިވުމާއި ބަލިތައް ކޮންޓްރޯލުކޮށް ނައްތާލުމަށް ކަނޑައަޅާފައިވާ ޕްލޭންތަކާއި ޓާގެޓްތަކުގެ މައްޗަށް މަޝްވަރާކޮށް ހުށަހެޅުންތައް ހުށަހެޅުނުކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހި ރާއްޖެއިން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި ޞިއްޙީ ނިޒާމު ތައްޔާރުވުމާއި ރާއްޖެއިން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ޕްރައިމަރީ ހެލްތުކެއަރގެ އުޞޫލުތައް ހަރުދަނާކުރުމާ ގުޅޭގޮތުން މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ. އަދި ރާއްޖެއިން ނައްތާލުމަށް ކަނޑައަޅާފައިވާ ޓީބީ އަދި އެހެން ބަލިތައް ނައްތާލުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޭނުންވާ ފަންނީ އެހީތެރިކަމާއި މެމްބަރު ޤައުމުތަކުގެ އެއްބާރުލުމަށް އެދި ހުށަހެޅުކަމަށް ޞިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.

މި ބައްދަލުވުމުގައި، 2023 ގައި ބޭއްވުނު ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ 76 ވަނަ ވަރލްޑު ހެލްތު އެސެމްބްލީގައި ނިންމި ނިންމުންތަކާއި، ޕްރޮގްރާމް، ބަޖެޓް އެންޑް އެޑްމިނިސްޓްރޭޓިވް ކޮމިޓީ ބައްދަލުވުމުގެ ރިޕޯޓުތަކާގުޅޭ މަޝްވަރާތަކާއި މި އަހަރުގެ 77 ވަނަ ވަރލްޑް ހެލްތު އެސެމްބްލީގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ އެޖެންޑާގެ މައްޗަށްވެސް މަޝްވަރާކުރެވުނެވެ.

މިފަހަރުގެ ބައްދަލުވުމުގެ ހަވާސާގައި ބައެއް ދޭދޭ ޤައުމުތަކާއެކު ބައްދަލުވެ ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާގެ އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި، އާއްމު ޞިއްޙަތު ރައްކާތެރިކުރުމުގެ މަސައްކަތަށް އަދި ޞިއްޙީ ދާއިރާ ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމަށް މަޝްވަރާކުރެވުނުކަމަށްވެސް ޞިއްޙަތާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.