ޚަބަރު

މަދުވެގެން 5 ރަށެއްގައި މި އަހަރު ބެޓަރިން ކަރަންޓުދޭން ފަށާނަން: ފަހުމީ


  • 5 ރަށުގަމަދުވެގެން 12 ގަޑިއިރު ބެޓަރިންކަރަންޓު ދޭނެ

  • މާލެ ސަރަހައްދަށް އިތުރުކުރާ ޖަނަރޭޓަރު ތަކަކީ ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވާނެ

ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތް ދެމުންދާ ރަށްރަށުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި މި އަހަރުގެ ނިޔަލަށް ބެޓަރިން ކަރަންޓުދޭން ފެށުމަށް ނިންމަވާފައިވާކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ. އޭނާ މިހެން ވިދާޅުވީ، ރާއްޖޭގައި ކަރަންޓުގެ ޚިދުމަތް ދޭން ފެށިތާ 74 އަހަރު ފުރުން ފާހަގަކުރުމަށް ކުންފުނީގެ ބޯޑާއި، މެނޭޖްމަންޓް އަދި މުވައްޒަފުންނާއިއެކު ރޭ ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ، 2030 ވަނަ އަހަރާއި ހަމައަށް ރާއްޖެއަކީ ކާބަން ނިއުޓްރަލް ޤައުމަކަށް ހެދުމަށް ސަރުކާރުން ހިފާފައިވާ އަމާޒަށް ވާޞިލުވުމަށްޓަކައި، އިއާދަކުރަނިވި ހަކަތަ އުފައްދައި ބޭނުންކުރުމުގައި ސްޓެލްކޯއިން ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައިވާ ކަމަށެވެ.

އެގޮތުން ކ އަތޮޅާ، އއ އަތޮޅާ، އދ އަތޮޅުގެ އިތުރުން ވ އަތޮޅުގައި ސްޓެލްކޯއިން ކަރަންޓުގެ ޚިދުމަތްދޭ ރަށްތަކުގެ ތެރެއިން މަދުވެގެން 5 ރަށެއްގައި އެކަށޭނަ ޢަދަދަށް އިއާދަކުރަނިވި ހަކަތަ އުފައްދަން ފަށްޓަވާނެކަމަށް ފަހުމީ ވިދާޅުވިއެވެ. އަދި އެ ރަށްތަކުގައި މި އަހަރު ނިމުމުގެ ކުރިން މަދުވެގެން 12 ގަޑިއިރު ބެޓަރިން ކަރަންޓު ދޭން ފެށުމަށް ތައްޔާރުވަމުންދާ ކަމަށް ފަހުމީ ވިދާޅުވިއެވެ. މި ޚިދުމަތް އިތުރު ރަށްތަކަށް ފުޅާކުރައްވަމުން ގެންދަވާނެކަންވެސް ފަހުމީ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން މާލެ ސަރަޙައްދުގެ ކަރަންޓުގެ ޑިމާންޑާއި އެއްވަރަށް ސްޓެލްކޯގެ ކެޕޭސިޓީ އިތުރުކުރުމަށް ހިންގުމަށް ނިންމާފައިވާ ސިކްސްތު ޕަވަރ ޑިވެލޮޕްމަންޓް މަޝްރޫޢުގެ ތެރެއިން ގްރޭޓަރ މާލެ ސަރަޙައްދަށް އިތުރުކުރާ ޖަނަރޭޓަރުތަކަކީ ހަމައެކަނި ޑީސެލްގެ އިތުރުން އެހެން ގޮތްގޮތުންވެސް ހިންގޭނެ، ހައިބްރިޑް ޖަނަރޭޓަރުތަކަކަށް ވެގެންދާނެކަން ފަހުމީގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

ތިމާވެށްޓާއި ރައްޓެހި އަދި ދެމެހެއްޓެނިވި، އައު އީޖާދީ ގޮތްތަކަށް ކަރަންޓު އުފެއްދުމަށާއި، ކުންފުނީގެ ޚިދުމަތުގައި އިއާދަކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރު ކުރުމަށް ސްޓެލްކޯއިން ކެނޑިނޭޅި ގިނަގުނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.