ޚަބަރު

ޕީއެސްއެމާއި އެމްޕީއެލް ގުޅިގެން މަސައްކަތްކުރުމަށް 2 އެއްބަސްވުމެއް


  • އެއްބަސްވުމުގައި ސޮއިކުރެއްވީ ދެކުންފުނީގެ އިސްވެރިން

  • އެމްޕީއެލްގެ މަސައްކަތްތައް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދޭނެ

  • އެކި އިވެންޓުތަކުގައި ގުޅިގެން މަސައްކަތްކުރާނެ

އެއްބާރުލުންދީ، ގުޅިގެން މަސައްކަތްކުރުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމްއާއި، މޯލްޑިވްސް ޕޯރޓްސް ލިމިޓެޑް، އެމްޕީއެލްއާއި ދެމެދު 2 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުންތަކުގައި ސޮއިކޮށްފައިވަނީ އެމްޕީއެލްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

ޕީއެސްއެމްއާއި އެމްޕީއެލްއާއި ދެމެދު ވެނުނު ފުރަތަމަ އެއްބަސްވުމަކީ 2 ކުންފުނިން އެހީތެރިކަން ފޯރުކޮށްދިނުމަށް ވެފައިވާ އެއްބަސްވުމެކެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުއާއި ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އަބްދުﷲ ޔާމީންއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހިމްއާއި، ޑެޕިއުޓީ ޗީފް އެގްޒެކްޓިވް އޮފިސަރ ޢަލީ ހާޝިމްއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ، ޕީއެސްއެމްގެ އަމާޒަކީ ސަރުކާރުގެ ހުރިހައި ކުންފުނިތަކަކާއި ގުޅިގެން ރަނގަޅު މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުންކަމަށެވެ. މި މައުލޫމާތު ފޯރުކޮށްދޭއިރު ސަރުކާރުގެ ކުންފުނިތަކުގެ އެއްބާރުލުން ބޭނުންވާކަމަށް ޒީނާ ވިދާޅުވިއެވެ. އެގޮތުން ޕޯޓްގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ވަރަށް ބުރަކޮށް މަސައްކަތްކުރާ ބައެއްކަން ފާހަގަކުރައްވައި ޒީނާ ވިދާޅުވީ، ޕޯޓު ނުވަތަ އެމްޕީއެލްގެ މަސައްކަތްތަކާއި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމްއިން ރަނގަޅު ރޯލެއް އަދާކުރާނެކަމަށެވެ.

"އަޅުގަނޑުމެންގެ މަޤްސަދަކީ ކުރިއަށްއޮތް ތަނުގައި ޑޮކިއުމަންޓްރީ އަދި މިހާރު އާންމުކޮށް މީހުންނަށް ނޭނގޭ ރަނގަޅު މައުލޫމާތުތައް މީހުންނާއި ހަމައަށް ފޯރުކޮށްދިނުން. މިގޮތުން 2 ފަރާތް ގުޅިގެން ކުރިއަށްގެންދެވިދާނެ ރަނގަޅު މަސައްކަތްތަކެއް ހުރިކަން އަޅުގަނޑަށް ފާހަގަކުރެވޭ. ޕޯޓް އޭރިއާއަކީ ވަރަށް ފުޅާކޮށް މުޅި ރާއްޖެއަށް ޚިދުމަތްދެމުންދާ އޭރިއާއެއް. ވަރަށް ބުރަކޮށް ކޮންމެ ދުވަހަކުވެސް މުވައްޒަފުން މި މަސައްކަތް ކުރަމުންދަނީ. މި މަސައްކަތުގެ ބުރަކަމާއި މި މަސައްކަތް މި ދަނީ ކިހިނެތްކަން އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ޕީއެސްއެމްއިން ރަނގަޅު ރޯލެއް އަދާކުރާނެ." ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރު ޒީނާ ޒާހިރު ވިދާޅުވިއެވެ.

އެމްޕީއެލްގެ ޗީފް އެގްޒެކްޓިވް އޮފިސަރ މުޙައްމަދު ވަޖީހް އިބްރާހީމް ދެއްކެވި ވާހަކަފުޅުގައި، މި އެއްބަސްވުމާއެކު ޕީއެސްއެމްއިން ހިންގާ އެކިއެކި ހަރަކާތްތަކުގައި އެމްޕީއެލްގެ އެހީތެރިކަން ލިބޭނެކަމުގެ ޔަޤީންކަން ދެއްވިއެވެ.

"މި ސޮއިކުރެވިގެންދިޔައީ ޕީއެސްއެމް އިން ހިންގާ އެކިއެކި ހަރަކާތްތަކަށް އެބޭފުޅުންނަށް ބޭނުންވާ އެކިއެކި ކަންތައްތައް ކޮށްދިނުމަށްޓަކައި ފައިސާގެ އެހީތައް ދިނުމުގެ އެއްބަސްވުމެއްގައި. މިކަމުގެ ސަބަބުން ޕީއެސްއެމްއިން ހިންގާ ހަރަކާތްތައް އިތުރަށް ފުޅާވެ، ރައްޔިތުންނަށް ދެވޭ ހިދުމަތްތައް އިތުރަށް ފުޅާވެގެންދާނެ. އެފަދަ ކަމެއްގައި އެމްޕީއެލްއިން ބައިވެރިވުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް." އެމްޕީއެލްގެ ސީއީއޯ ވިދާޅުވިއެވެ.

އެމްޕީއެލްއާއި ޕީއެސްއެމްއާއިއެކު 2 ވަނައަށް ވެވުނު އެއްބަސްވުމަކީ އެމްޕީއެލްއިން ފުރަތަމަ ފަހަރަށް ކުރިއަށްގެންދާ "މޯލްޑިވްސް މެރިޓައިމް ކޮންފަރެންސް" ގެ ޕާޓްރަކަށް ވުމުގެ އެއްބަސްވުމެވެ. މި އެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ ޒީނާ ޒާހިރުއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ޖެނެރަލް މެނޭޖަރ އައިޝަތު ޝިމްލާއެވެ.

އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވާހަކަދައްކަވަމުން އެމްޕީއެލްގެ ޖެނެރަލް މެނޭޖަރ އައިޝަތު ޝިމްލާ ވިދާޅުވީ، މިއީ ރާއްޖޭގައި މިގޮތައް ބޭއްވޭ ފުރަތަމަ ކޮންފަރެންސްކަމަށެވެ. ކޮންފަރެންސްގައި ރާއްޖެއިން ބޭރުގެ ތަޖުރިބާކާރުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މި ކޮންފަރެންސްގައި ދުނިޔޭގެ އިންޓަނޭޝަނަލް ޕޯޓްތަކުގެ އެކްސްޕާޓުން ބައިވެރިވާނެ. މި ކޮންފަރެންސްގެ ބޭނުމަކީ ޓްރާންސްޕޮޓޭޝަން ދާއިރާގެ ރާއްޖެއަށް ކުރިމަތިވާ ޗެލެންޖަސްތަކާއި އަދި ސޮލިއުޝަންސްތައް އިންޓަނޭޝަނަލް ޕޯޓްތަކުގައި މަސައްކަތްކުރާ އެކްސްޕާޓުންގެ ފަރާތުން ހޯދައިގެން އެއަށް އަމަލުކުރާނެ ގޮތާއި އެކަހަލަ ނެގޯޝިއޭޝަންސްތަކެއް ކުރިއަށްދާނެ. އަދި ނޮލެޖް އެކްސްޗޭންޖްކުރުމުގެ ސެޝަންއެއްގެ ގޮތުގައި މީތި ކުރިއަށްދާނީ." އައިޝަތު ޝިމްލާ ވިދާޅުވިއެވެ.

މި ކޮންފަރެންސް ކުރިއަށްދާނީ މާރޗް މަހުގެ 6 ވަނަ ދުވަހުއެވެ. މިއީ މީގެ ފުރަތަމަ ކޮންފަރެންސްއަށް ވިއަސް މި ކޮންފަރެންސް ސިލްސިލާކޮށް ކުރިއަށްދާނެކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ.

ޕީއެސްއެމުން އަންނަނީ ސަރުކާރާ ރައްޔިތުން ހިއްސާވާ އަދި ދައުލަތުގެ ކުންފުނިތަކާއެކު ގުޅުންބަދަހިކޮށް، އެތަންތަނުން ފޯރުކޮށްދޭ ޚިދުމަތުގެ މަޢުލޫމާތު ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް މަސައްކަތްކުރަމުންނެވެ. އެގޮތުން އެމްޕީއެލްގެ އިތުރުން އެހެން ކުންފުނިތަކާއެކުވެސް ބައެއް އެއްބަސްވުންތައް އެކުލަވާލާފައިވެއެވެ.