ޚަބަރު

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ޤާއިމްކުރުމަށް ނިންމަވަައިފި


  • އެ 3 ސަރަހައްދަކީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައި

  • ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދޭނެ

  • ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގާނެ

ރާއްޖޭގެ 3 ސަރަޙައްދެއްގައި ރިހެބިލިޓޭޝަން ފަރުވާ ދިނުމަށް މަރުކަޒު ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

މި މަރުކަޒުތައް ޤާއިމުކުރުމަށް ހަމަޖެހިފައިވަނީ ކ. ކާށިދޫ، ނ. ވެލިދޫ އަދި ލ. އަތޮޅުގައެވެ. މި މަރުކަޒުތައް ޤާއިމުކުރެއްވުމުގެ އިތުރުން ޤާނޫނާ އެއްގޮތަށް ފަރުވާދޭ މަރުކަޒުތައް ހިންގުމުގެ ހުއްދަ ދެއްވުމަށްވެސް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ މިގޮތަށް ނިންމެވީ މި ހަފުތާގެ އާދިއްތަ ދުވަހު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް ވަޒީރުންގެ މެދުގައި މަޝްވަރާކުރެއްވުމަށް ފަހުގައެވެ.

އެގޮތުން މަސްތުވާތަކެތި ބޭނުންކުރާ ފަރާތްތަކަށް ކޮމިއުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ޕްރޮގްރާމް، ކަމާބެހޭ ފަރާތްތަކުގެ އެހީތެރިކަން ހޯއްދަވައިގެން، ދިވެހިރާއްޖޭގެ ޤާނޫނާއި، ގަވާއިދާ އެއްގޮތްވާގޮތުގެ މަތިން އަދި އިސްލާމީ ހަމަތަކަށް ފެތޭގޮތަށް ހިންގަން ފެށުމަށްވަނީ ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައެވެ.