ޚަބަރު

ލާމަރުކަޒީ ޤާނޫނަށް އިޞްލާހު ގެންނާނީ މިނިވަން، ޢިލްމީ ދިރާސާތަކަށް ފަހު: އާދަމް ޝަރީފް


  • ޤާނޫނަށް މިހާތަނަށް އިޞްލާހު ގެނައީ ވަގުތީ ޙައްލަކަށް

  • ލާމަރުކަޒީ ޤާނޫނަކީ އެންމެ ގިނަ އިސްލާހުތައް ގެނައި އެއް ޤާނޫނު

  • ލާމަރުކަޒީ ނިޒާމަށް ޢިލްމީ ދިރާސާއެއް ކުރުމަށް ވަނީ ނިންމާފައި

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާހު ގެނައުމަށް މިނިވަން ޢިލްމީ ދިރާސާއެއް ކުރައްވާނެކަމަށް، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު ވިދާޅުވީ އެ ޤާނޫނަށް މިހާތަނަށް ގެނެސްފައިވާ ގިނަ އިޞްލާހުތަކަކީ، ދިރާސާ ކުރުމެއްނެތި ވަގުތީ ޙައްލުތަކެއް ހޯދުމަށް ގެނެސްފައިވާ އިޞްލާހުތަކެއްކަމަށެވެ.

ޕީއެސްއެމްނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވީ ދުނިޔޭގެ ގިނަ ޤައުމުތަކުގައި ޤާނުނު ހެދުމަކީ، އެކަންކަމާއި ގުޅޭ ގޮތުން ވަރަށް ބޮޑަށް ދިރާސާތައްކުރެވި، އެކަންކަމުން ނިކުންނާނެ ނަތީޖާއަށް ދެނެގަތުމަށްފަހު ގެންނަ ބަދަލުތަކެއްކަމަށެވެ. ނަމަވެސް ރާއްޖޭގައި ގިނަފަހަރަށް ޤާނުނުތަކަށް އިޞްލާހު ހުށައަޅަނީ، ވަގުތީގޮތުން އޮތް މައްސަލައަކަށް އަވަސް ޙައްލެއް ބޭނުންވެގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ، އިދާރީ ދާއިރާތައް ލާމަރުކަޒު އުސޫލުން ހިންގުމުގެ ޤާނުނަށް ގެނެސްފައިވާ ބައެއް އިސްލާހުތައްވެސް ހުރީ ހަމަ އެގޮތަށް ވަގުތީ ހައްލެއް ގެނައުމަށްކަމަށެވެ. ލާމަރުކަޒީ ޤާނުނަށް ދިހަވަރަކަށް އިސްލާހު ގެނެސްފައިވާއިރު، 19ވަނަ ރައްޔިތުންގެ މަޖިލީހުގައިވެސް 2 އިސްލާހެއް ގެނެސްފައިވެއެވެ.

ވަޒީރު ވިދާޅުވީ މި ޤާނޫނަކީ، ރާއްޖޭގެ ހިންގުމުގެ ނިޒާމަށް އެންމެ މުހިންމު އެއް ޤާނުނަށްވާއިރު، މި ޤާނޫނާއި ގުޅޭ ކަންކަން މިހާރަށްވުރެ ރަނގަޅަށް ހިނގައިގަންނަންޖެހޭކަމަށެވެ. އެންމެ މުހިންމު ކަމެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވީ، ލާމަރުކަޒީ ނިޒާމާއި، މިހާރު އޮތް ޤާނޫނާއި ގުޅޭ ދިރާސާއެއް ކުރިއަށްގެންދެވުމެވެ. މި ދިރާސާ ކުރިއަށްގެންދާނީ މިނިވަން މުސްތަޤިއްލުކަމާއިއެކު، ޢިލްމީ ދިރާސާއެއްގެ ގޮތުގައި ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރު ޤާނޫނުގައި ހުރި ކަންކަމާއި، އެކަންކަމާއި މެދު ކައުންސިލްތަކުން ދެކޭގޮތާއި، އެކަންކަން ތަންފީޒުކުރުމާށް ހުރި ގޮންޖެހުންތައް އަދި ލާމަރުކަޒީ ނިޒާމައި ގުޅިގެން އާންމުންގެ ޚިޔާލުވެސް ހޯއްދަވާނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އެގޮތުން ޚިޔާލު ހޯދުމުގެ މަހާސިންތާތައް އެ ވުޒާރާއިން އިސްނަގައިގެން ބާއްވާނެކަން ފާހަގަކުރައްވަމުން ވަޒީރު ވަނީ އެ ދިރާސާތަކަށް ބެލުމަށްފަހު، އިސްލާހު ގެންނަން ފެންނަ ދާއިރާތަކުން އިސްލާހު ހުށައަޅުއްވާނެކަމަށް ވިދާޅުވެފައެވެ.

"މި ދިރާސާގެ ބޭނުމަކަށްވާނީ ލާމަރުކަޒީ ނިޒާމުގެ މިސްރާބު މިދަނީ ރަނގަޅަށްތޯ ބެލުން. ދިރާސާ ކުރިއަށް ގެންދާނީވެސް، ސިޔާސީ ވިސްނުން ނުހިމެނޭ، ދިވެހި ޔުނިވަރސިޓީތަކުގެ އެކަޑަމިކް ދިރާސާއެއްގެ ގޮތުގައި. އަޅުގަނޑުމެން މިކަމަށް ފާޑުކިއުމެއް ނެތި." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، އައު ސަރުކާރު އައީ ރައްޔިތުންގެ އަޑުއަހާ، ހެޔޮ ބަދަލުތަކެއް ގެނައުމަށްކަމަށެވެ. އެހެންކަމުން އިސްލާހުތައްވެސް ގެންނަވާނީ، ރައްޔިތުންގެ އަޑު އަހާ، ޚިޔާލާއި މަޝްވަރާއާއިއެކުކަން ވަޒީރު ތަކުރާރު ކުރެއްވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ކުރިއަށް އޮތް މަހުގެ ތެރޭގައި، ކައުންސިލްތަކާއެކު މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްގެންދަވާނެކަމަށެވެ. އެގޮތުން ރާއްޖޭގެ ހުރިހާ ސަރަޙައްދުތައް ހިމެނޭގޮތަށް މަހާސިންތާތަކެއް ބޭއްވުމަށް ރާވަމުންދާކަމަށް ވިދާޅުވިއެވެ.

"އަންނަ މަހުގެ 15ގެ ކުރިން، ރާއްޖޭގެ ދެކުނާއި އުތުުގެ އަދި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކައުންސިލްތަކަށް ޚާއްސަކޮށް މަހާސިންތާއެއް ބާއްވާނަން. އެއަށްފަހު ކައުންސިލްތަކުން ހުށައަޅާ ޚިޔާލުތައް ރައީސްއާއި، ބަންޑާރަ ނައިބަށް ހުށައަޅާނަން." ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު ވިދާޅުވިއެވެ.

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ބެހޭ ވުޒާރާއެއް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުގައި އެކުލަވާލާފައިވަނީވެސް، ކައުންސިލްތަކަށް އޮތް މައްސަލަތައް ޙައްލުކޮށް އެ މަސައްކަތްތައް ގާތުން ބެލެހެއްޓެވުމަށެވެ.

އާ ސަރުކާރު ހަވާލުވެ މިވީ ކުރު މުއްދަތުގައިވެސް، ވަޒީރު ވަނީ ބައެއް ރަށްރަށާއި ސިޓީ އަދި އަތޮޅުކައުންސިލްތަކާއެކު ބައްދަލުވުންތައް ކުރިއަށްގެންދަވާފައެވެ.