ޚަބަރު

އައްޑޫ ބްރިޖް މަޝްރޫޢާއި ގުޅޭ އިދާރީ މަސައްކަތް ވަނީ ފެށިފައި: ބިނާރާބެހޭ ވަޒީރު


  • މިބްރިޖަކީ އައްޑޫގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމަށް އަޅާ ބްރިޖެއް

  • މިމަސައްކަތް ކުރުމަށް އެކި ސަރުކާރުތަކުން ބުނަމުންދިޔަ

  • އައު ސަރުކާރުން އިސްކަންދޭ މަޝްރޫޢުތަކުގެ ތެރޭގައި އައްޑޫ ބްރިޖް މަޝްރޫއު ހިމެނޭ

އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ގުޅާލުމުގެ އިދާރީ މަސައްކަތްތައް ފަށާފައިވާ ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

އައްޑު އަތޮޅު އުފެދިފައި އޮތް ގޮތުން، ހިތަދޫ، ފޭދޫ، މަރަދޫފެދޫ އަދި ފޭދޫ އަކީ އެއްފަސްކޮށް އޮންނަ 4 ރަށެވެ. ހުޅުދޫ އަދި މީދޫ އޮންނަކީ ވަކިން ދުރުގައެވެ.

ފުރިހަމަ މާނައިގައި އައްޑޫ "ސީޓީ"އެއްގެ ގޮތުގައި ތަރައްޤީކުރެވިގެން ދިއުމުގައި، އެ ސިޓީގެ ރައްޔިތުންގެ އުންމީދާއި ގުޅިފައިވާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ބްރިޖަކުން ގުޅާލުމެވެ. މިހުވަފެން ވޭތުވެ ދިޔަ ކޮންމެ ސަރުކާރަކުން އެސިޓީގެ ރައްޔިތުނަށް ދެއްކިނަމަވެސް، މިހާތަނަށް އެއްވެސް ސަރުކާރެއްގައި އޭގެ ކުލަ މަންޒަރު ފެނިފައެއް ނެތެވެ.

އައު ސަރުކާރުވެސް މިއައީ، އައްޑޫގެ ރައްޔިތުންގެ މިހުވަފެން ޙަގީގަތަކަށް ހަދާދިނުމުގެ ވަޢުދާއެކުއެވެ. އޮގަސްޓް މަހުގެ 22ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، އައްޑޫ ސިޓީގައި ބޭއްވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނު ވިދާޅުވީ، ގުޅިފައިވާ ރަށްތަކާއި ހުޅުމީދޫ ބުރިޖަކުން ގުޅާލުމުގެ ހުވަފެން ޙަޤީގަތަކަށް ހައްދަވައިދެއްވާނީ އެމަނިކުފާނުކަމަށެވެ.

އެމަނިކުފާނު އައްޑޫގެ ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް، އައު ސަރުކާރުގައި އެންމެ އިސްކަން ދެއްވާނެ މަސައްކަތްތަކުގެ ތެރޭގައި އައްޑޫ ބުރިޖު މަޝްރޫޢު ވަނީ ހިމަނުއްވާފައެވެ. އެގޮތުން ސަރުކާރުގެ ފުރަތަމަ "14 ހަފްތާ"ގައި އިސްކަން ދެއްވާނެ މަސައްކަތްތަކުގެ ތެރޭގައި، އައްޑޫ ބްރިޖް މަޝްރޫޢުވަނީ ހިމަނުއްވާފައެވެ. އަންނަ އަހަރުގެ ބަޖެޓުގައިވެސް އެމަޝްރޫޢަށް ފައިސާ ވަނީ ހިމަނުއްވާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްޠަލިބު ވިދާޅުވީ، ރައީސްގެ ވިސްނުންފުޅާއި އެއްގޮތަށް، އައްޑޫގެ ބުރިޖު މަޝްރޫޢު ވެގެންދާނީ، އެ ވުޒާރާއިން އެންމެ އިސްކަން ދެއްވާނެ އެއް މަޝްރޫޢަށްކަމަށެވެ. "ހަފްތާ 14"ގައި ހިމެނޭގޮތަށް، މިމަޝްރޫޢުގެ ޢަމަލީ މަސައްކަތަށް ވާސިލްވުމަށް ބޭނުންވާ، އިދާރީ މަސައްކަތްތައް މިހާރު މިނިސްޓްރީން ފަށްޓަވާފައިވާ ކަމަށްވެސް މުއްޠަލިބު ވިދާޅުވިއެވެ.

އެގޮތުން މިމަޝްރޫޢު ކުރިއަށްގެންދާނެ ގޮތެއް ކަނޑައެޅުމަށް ކޮންސަލްޓަންޓެއް ހަމަޖެއްސުމުގެ މަސައްކަތްތައް ފައްޓަވާފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ، މިމަޝްރޫއަކީ ވަރަށް ގިނަ ޓެކްނިކަލް ކަންތައްތަކެއް ހިމެނޭ ބިޔަ މަޝްރޫޢަކަށްވާތީ، ޢަމަލީ މަސައްކަތް ފެށެން އަންނަނީ ވަރަށް ގިނަ ދިރާސާތަކާއި ނިންމުންތަކަކަށްފަހުކަމަށެވެ. އެގޮތުން ފީސިބިލިޓީ ސްޓަޑީތަކާއި، ދިރާސާތަކާއި، ޑިޒައިނާއި އަދި އާއްމުންގެ ޚިޔާލުވެސް ހޯއްދަވަން ޖެހޭކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ.

"ބުރިޖުގެ މަސައްކަތެއްވީމަ މިއީ ވަރަށް ބޮޑު މަސައްކަތެއް. މަސައްކަތް ކުރިއަށްގެންދެވޭނެ ޓައިމްލައިނެއް އިނގޭނީ ހުރިހާ ދިރާސާތަކަށާއި، އިދާރީ މަސައްކަތްތަކަށްފަހު. ޔަގީންކަންދެނީ، މިއީ އެންމެ އިސްކަންދޭ އެއް މަޝްރޫޢަށް ވާނެކަން." ވަޒީރު ވިދާޅުވިއެވެ.

އައްޑޫގެ ގުޅިފައިވާ ރަށްތަކާއި، ހުޅުމީދޫ ގުޅާލުމުގެ މަޝްރޫޢުގެ މަސައްކަތަށް އަންނަ އަހަރުގެ ބަޖެޓުގައި 30 މިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ. ވަޒީރު ވިދާޅުވީ، ކޮންސަލްޓަންޓެއް ހަމަޖެހިގެންދިއުމާއެކު، މަސައްކަތް ބާރު ސްޕީޑްގައި ފަަށައިގަނެވޭނެކަމަށެވެ. މިހާރު ވަނީ ކޮންސަލްޓަންޓެއް ހަމަޖެއްސުމަށް ކުރަންޖެހޭ އިދާރީ މަސައްކަތްތައް ފަށާފައެވެ.

އައްޑޫ ސިޓީގެ އާބާދީ 20000 އިން މައްޗަށް އަރައެވެ. އިޤްތިޞާދީގޮތުން ކުރިއަރާފައިވާ ސިޓީއަކަށް ހެދުމާއި، މުޅި އައްޑޫ ގުޅާލެވިގެން ދިއުމަކީ އައްޑޫގެ ރައްޔިތުންގެ ހުވަފެނެކެވެ.