ޚަބަރު

ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުގައިވެސް ޤައުމީ ދިދަ ނަގާފައި ބެހެއްޓުމަށް ނިންމަވައިފި


  • ދިވެހި ދިދައަށް އޮތް ޤަދަރު އިތުރުކުރުމަކީ ރައީސްގެ މުހިންމު ސިޔާސަތެއް

  • 24 ގަޑިއިރު ދިދަ ނަގާފައި ބެހެއްޓުމަށް ވަނީ ނިންމަވާފައި

  • ސަރުކާރު ވުޒާރާތަކަށް ދިވެހި ނަންތަކެއް

  • ޤައުމިއްޔަތަށް އޮތް ލޯތްބާއި ޤަދަރު ރައީސްގެ އިފްތިތާހީ ތަޤުރީރުގައިވެސް

  • ބަހާއި ޤައުމިއްޔަތަށް ޚާއްސަ ވުޒާރާއެއް

ސަރުކާރުގެ ވަޒީރުންގެ ގެކޮޅުތަކާއި ކާރުކޮޅުގައިވެސް ދިވެހި ޤައުމީ ދިދަ ނަގާފައި ބަހައްޓާގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހި ޒަޢާމަތާއި ހަވާލުވެވަޑައިގެން، ޤައުމާއި މުޚާޠަބު ކުރައްވައި ދެއްވި ފުރަތަމަ ތަޤުރީރުގައި އެމަނިކުފާނު ވަނީ ދިވެހި ދިދަޔަށް އިރު އޮއްސުން ނިމުނީކަން ހާމަކުރައްވާފައެވެ. އަދި ދިވެހި ދިދައަކީ ރާއްޖޭގެ ކޮންމެ ކަންކޮޅެއްގައި ތިރިކުރުމެއްނެތި ރެޔާއިދުވާލު 24 ގަޑިއިރު ޝަރަފާއި ޢިއްޒަތާއެކު ވިހުރި ވިހުރި ހުންނާނެ އެންމެ އިއްޒަތްތެރި ނިޝާންކަމުގައި ފާހަގަކުރައްވާފައެވެ.

މިއާއެކު ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާގޮތަށް ހަމަޖައްސަވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވަނީ އެކަން އިޢުލާންވެސް ކުރައްވާފައެވެ. އަދި އެކަމާގުޅިގެން އެ އޮފީހުން އާންމުކުރެއްވި ދެންނެވުމުގައި ދިވެހި ޤައުމީ ދިދަ ނެގުމުގައްޔާއި، ދިދަ ބޭނުންކުރުމުގައި ސަރުކާރުގެ މުއައްސަސާތަކުން ޢަމަލުކުރަންވީގޮތަށް ގެންނަވާފައިވާ ބަދަލުތައް ވަނީ ހިއްސާކުރައްވާފައެވެ.

އައު ސަރުކާރު ވެރިކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް ވިދާޅުވީ، ރައީސް ޑރ. މުޢިއްޒުގެ އިފްތިތާހީ ތަޤުރީރުގައިވެސް ފާހަގަކުރެއްވި އެންމެ މުހިންމު ނުކުތާއަކީ ދިވެހި ޤައުމީ ދިދަޔަށް އޮތް ޤަދަރު އަލުން އިޢާދަކުރެއްވުންކަމަށެވެ. އަދި ދިވެހި ދިދައަކީ ޤައުމެއްގެ ގޮތުގައި އަދި ދައުލަތެއްގެ ގޮތުގައި ދިވެހި ރައްޔިތުން ރަމްޒުކޮށްދޭ އެންމެ މަތިވެރި ނިޝާނަށް ހެއްދެވުންކަމަށެވެ.

އެގޮތުން ސަރުކާރުގެ ރަސްމީ އިދާރާތަކުގައި 24 ގަޑިއިރު ދިވެހި ދިދަ ނަގާފައި ބެހެއްޓުމަށް ނިންމެވި ނިންމެވުމުގެ އިތުރުން ސަރުކާރުގެ ވަޒީރުންގެ ގެކޮޅާއި ކާރުކޮޅުތަކުގައިވެސް ދިވެހި ދިދަ ނަގާފައި ބެހެއްޓެވުމަަށް ނިންމަވާފައިވާކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި މިގޮތަށް ރައީސުލްޖުމްހޫރިއްޔާ ކަނޑައެޅުއްވީ ދިވެހި ދިދައަށް އޮންނަ ޝަރަފާއި ކަރާމާތް އިތުރުކުރުމަށްކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"މިހުރިހާ ނިންމުންތަކެއް މަޤްޞަދަކީ އަދި ބޭނުމަކީ ދިވެހި ދިދަ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ބޭނުންކުރެވޭ މިންވަރު އިތުރުކޮށް، އެ ދިދައަށްއޮތް ޝަރަފާއި ކަރާމާތް އިތުރުކުރުން. އަދި އޭގެ ތެރެއިން އަޅުގަނޑުމެންގެ ޤައުމިއްޔަތު ދިރުވާ އާލާކޮށް އަޅުގަނޑުމެންގެ ދިވެހިވަންތަ ޝަޙްސިއްޔަތު ކުރިއަށް ނެރެ އަހަރުމެންގެ އަމިއްލަވަންތަކަމަށްޓަކާ ފަޚުރުވެރިވާ ޖީލެއް ބިނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން." ފިރުޒުލް ވިދާޅުވިއެވެ.

ސަރުކާރުގެ މުއައްސަސާތަކުގައި ދިވެހި ޤައުމީ ދިދަ 24 ގަޑިއިރު ނަގައިފައި ބަހައްޓާ ގޮތަށް ހަމަޖެއްސެވުމާއި ގުޅިގެން ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައި ސަރުކާރުގެ މުއައްސަސާތަކުން ދިވެހި ޤައުމީ ދިދައަށް ޙުރުމަތްތެރިކޮށް ހިތަންވާނެކަމަށް ވަނީ ވިދާޅުވެފައެވެ. އަދި، ދިވެހި ޤައުމީ ދިދައިގެ ޙުރުމަތަށް އުނިކަމެއް އަންނަ ފަދަ މިންވަރަކަށް ބާވެފައިވާ ނުވަތަ ހަލާކުވެފައިވާ ދިދައެއް، އެއްވެސް ކަމެއްގައި ބޭނުންކޮށްގެން ނުވާނެކަމަށް ވަނީ ވިދާޅުވެފައެވެ.

ރައީސް ޑރ. މުޢިއްޒުގެ އިފްތިތާޙީ ތަޤުރީރުގައި ދިވެހި ދިޔައަށް މުޚާތަބު ކުރައްވާ ދެއްކެވި ވާހަކަފުޅުގައި މިނިވަންކޮށް މުޖުތަމަޢެއް ނުވަތަ ޤައުމެއް ބޭއްވޭނީ ހަމަތަކަކާއި އުޞޫލުތަކެއް ހުރުމާއެކު، ވަކިގޮތަކަށް ތަރުތީބުވެގެން، ވަކި އިންތިޒާމެއްގެ މަތީ ބަޔަކު ތިބެގެންކަންވަނީ ފާހަގަކުރައްވާފައެވެ. އަދި އެ ދިދަ ހަނދާންކޮށްދެނީ، ދިވެހި ޤައުމު ޙަޤީޤީ ދިވެހި ޤައުމަކަށް ވަނީ، ދިވެހި މުޖުތަމަޢު ދިވެހީންގެ ޙަޤީޤީ ސިފަތަކުން ގުޅި ލާމެހި އެކުވެރިވެގެންކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.