ޚަބަރު

އިންތިޚާބީ ރައީސް ހުވާކުރައްވާ ރަސްމިއްޔާތަށް ޗައިނާގެ ރައީސްގެ ޙާއްސަ މަންދޫބެއް ރާއްޖެވަޑައިގެންފި


  • އެކަމަނާއަށް މަރުޚަބާ ދެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ

  • ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއް

  • ޗައިނާއާއެކު ރާއްޖޭން ޚާރިޖީ ގުޅުން ޤާއިމުކުރީ 1972 ގައި

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރައްވާ ރަސްމިއްޔާތުގައި ޗައިނާގެ ރައީސްގެ ޚާއްސަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަންނަވާ ސްޓޭޓް ކައުންސިލަރު ޝީއެން ވައި އައިޖިން ރާއްޖެވަޑައިގެންފިއެވެ.

ޗައިނާގެ ސްޓޭޓް ކައުންސިލަރު ރާއްޖެވަޑައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެކަމަނާއަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން މަރުޙަބާ ދެންނެވީ ކުރީގެ ޓޫރިޒަމް މިނިސްޓަރ މޫސާ ޒަމީރެވެ.

މޫސާ ޒަމީރު "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޗައިނާގެ ރައީސް ޝީޖިންޕިންގެ ޚާއްސަ މަންދޫބަށް މަރުޙަބާ ދެންނެވުމަކީ ލިބުނު އުފަލެއް ކަމަށެވެ. އަދި ޗައިނާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްގެ ގޮތުގައި ފާހަގަކުރައްވާ، ޗައިނާއާއި އެކީ އޮންނަ ގުޅުމުގެ އަގު ރާއްޖެއިން އަބަދުވެސް ވަޒަން ކުރާނެކަމަށް ޒަމީރު ވިދާޅުވިއެވެ.


މަޢުލޫމާތު ލިބިފައިވާގޮތުގައި އެކަމަނާގެ މި ދަތުރުފުޅު ނިންމަލާލެއްވުމަށްފަހު ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ. ދިވެހިރާއްޖެއިން ޗައިނާއާއެކު ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވަނީ 14 އޮކްޓޯބަރު 1972 ގައެވެ.

އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އިންތިޚާބީ ނައިބްރައީސް ހުސައިން މުޙައްމަދު ލަޠީފް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިތުމަށްޓަކައި އަވަށްޓެރި ޤައުމުތަކަށާއި، ރާއްޖެއާ ގުޅުން އޮންނަ އެކި ޤައުމުތަކަށް ވަނީ ދައުވަތު ފޮނުވާފައެވެ.

އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ހުވާކުރެއްވުމުގެ ޖަލްސާ އޮންނާނީ މާދަމާ ހަވީރު 16:45 ގައި ޖުމްހޫރީ މައިދާނުގައެވެ. ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ޖުމްހޫރީ މައިދާން ތައްޔާރުކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ.