ޚަބަރު

ދާއިމީ ލިސްޓު ނެރެފައިވަނިކޮށް ފްލެޓު ދޫކުރުމުގެ ކަންކަން ހުއްޓާލަން އޭސީސީއިން އަނެއްކާވެސް އަންގައިފި


  • އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމަށް އޭސީސީއިން ތުޙުމަތުކުރޭ

  • ދާއިމީ ލިސްޓާގުޅޭ އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް

  • ނޮވެމްބަރު 5 ގައިވެސް އޭސީސީއިން ވަނީ މިކަން މަޑުޖެއްސުމަށް އަންގާފައި

ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރަން ހަމަޖެހިފައިވާ ފްލެޓްތައް ޙަވާލުކުރުމާއި ގުޅޭ އެންމެހާ މަސައްކަތްތައް ހުއްޓާލުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭ.ސީ.ސީއިން ޕްލޭނިންގ މިނިސްޓްރީއަށް އަނެއްކާވެސް އަންގަވައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރަމުންދާ 4000 ފްލެޓް ދޫކުރުމުގެ އެންމެހައި ކަމެއް ހުއްޓާލުމަށް އޭ.ސީ.ސީއިން އަންގާފައި މިވަނީ ދާއިމީ ލިސްޓަށް ހުށަހެޅުނު ޝަކުވާތަކަށް ރިޔާއަތްކުރުމަށްފަހު، ޕްލޭނިންގ މިނިސްޓްރީން މިރޭ އަލުން ދާއިމީ ލިސްޓުވެސް އާއްމުކުރައްވާފައި ވަނިކޮށެވެ.

ޕީ.އެސް.އެމް ނިއުސްއަށް މަޢުލޫމާތު ލިބިފައިވާގޮތުގައި މި ފްލެޓްތައް ދޫކުރުމުގެ އެންމެހާ ކަންކަން ހުއްޓާލުމަށް އަންގާ އޭ.ސީ.ސީއިން މިރޭ ވަނީ ޕްލޭނިންގ މިނިސްޓްރީއަށް ސިޓީއެއް ފޮނުއްވާފައެވެ. ފްލެޓްތަކުގެ ދާއިމީ ލިސްޓާއި ގުޅިގެން އާއްމުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން އޭ.ސީ.ސީއިން މި މައްސަލަ މިހާރު އަންނަނީ ތަޙުޤީޤުކުރަމުންނެވެ. މިކަމާގުޅިގެން ފްލެޓާއި ގުޅުންހުރި ކަންކަން މަޑުޖައްސާލުމަށް މިމަހުގެ 5 ވަނަ ދުވަހުވެސް އޭ.ސީ.ސީއިން ވަނީ މިނިސްޓްރީއަށް އަންގަވާފައެވެ.

އޭ.ސީ.ސީގެ ތަޙުޤީޤުގެ ތެރެއިން މިހާތަނަށް ބެލި ބެލުމުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ފްލެޓަށް ޝަރުތު ހަމަނުވާ ފަރާތްތަކެއް ޝަރުތުހަމަވާކަމަށް ކަނޑައަޅައި އެފަރާތްތަކަށް ޕޮއިންޓް ދީފައިވާކަމާއި، ފޯމްތައް އިވެލުއޭޓް ކުރުމުގައި ކަނޑައަޅާފައިވާ އުޞޫލާ ޚިލާފަށް ބައެއް ފަރާތްތަކަށް ޕޮއިންޓްދީފައިވާކަން ފާހަގަކުރެވިފައިވާކަމަށް ޕީ.އެސް.އެމް ނިއުސްއަށް ވަނީ މަޢުލޫމާތު ލިބިފައެވެ. އަދި ބައެއް ފަރާތްތަކުން ހުށަހަޅާފައިވާ މަޢުލޫމާތުގެ ޞައްޙަކަން ޔަޤީންކުރެވެން ހުރި ޙާލަތްތަކުގައި އެކަން ކޮށްފައިނުވާކަން ކޮމިޝަނުގެ ތަޙުޤީޤަށް ފާހަގަކުރެވިފައިވާކަމުގެ މަޢުލޫމާތުވެސް ލިބިފައިވެއެވެ.

އެހެންކަމުން "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރުމާއި، އެ ފުލެޓްތައް ޙަވާލުކުރުމާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ހުއްޓާލުމަށް އެ ކޮމިޝަނުން މިނިސްޓްރީއަށް ވަނީ އަންގަވާފައެވެ.

4000 ފްލެޓަށް ސަރުކާރުން ހުޅުވާލި ފުރުޞަތުގައި ފޯމު ހުށަހެޅި 20،697 މީހުންގެ ތެރެއިން 13000 އަށްވުރެ ގިނަ މީހުން ފްލެޓަށް ޝަރުތު ހަމަވާކަމަށް ސަރުކާރުން ނިންމެވިއެވެ. އަދި އޭގެ ތެރެއިން މި ބުރުގައި ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު ޕްލޭނިންގ މިނިސްޓްރީން ފުރަތަމަ އާންމުކުރެއްވީ މިމަހުގެ 4 ވަނަ ދުވަހުއެވެ.

އެހެންނަމަވެސް ލިސްޓު އާންމު ކުރުމާއެކު ޕޮއިންޓު ލިބިފައި ހުރި ގޮތާ މެދު އާންމުންގެ ބޮޑެތި ކަންބޮޑުވުންތަކަކާއި، އެކި ކަހަލަ ތުޙުމަތުތަކާއި ޝަކުވާތައް ހުރުމުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު މިމަހުގެ 5 އިން ފެށިގެން 10 އަކަށް ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް ހުޅުވާލިއެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާގެ ގޮތުގައި 7521 ޝަކުވާ ހުށަހަޅާފައިވެއެވެ.

ޕްލޭނިންގ މިނިސްޓްރީން ވިދާޅުވީ، ފްލެޓް ލިބޭ ފަރާތްތަކުގެ ދާއިމީ ލިސްޓު އަލުން އާންމުކޮށްފައިވަނީ ޝަކުވާ ހުށަހެޅުމަށް ހުޅުވާލި ފުރުޞަތުގައި ހުށަހަޅާފައިވާ ޝަކުވާގެ މައްޗަށް ރިޔާއަތްކޮށް ބެލުމަށްފަހުކަމަށެވެ. މި ލިސްޓު މިހާރު ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.