ޚަބަރު

ސިލިންޑަރު ގޮވި ޙާދިސާގައި ސީރިއަސް އަނިޔާ ލިބުނު މީހާ އިތުރު ފަރުވާއަށް މާލެ ގެނެސްފި


  • މިޙާދިސާގައި 4 މީހަކަށްވަނީ އަނިޔާވެފައި

  • ސީރިއަސް އަނިޔާ ލިބިފައިވަނީ 1 އަކަށް

  • އޭނާ މާލެގެނެސްފައިވަނީ އެމްއެންޑީއެފް ޑޯނިއާ އެއަރކްރާފްޓުގައި

ކުޅުދުއްފުށީ އެއަރޕޯޓްގައި، ހިނގި ސިލިންޑަރު ގޮވުމުގެ ޙާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު މީހާ އިތުރު ފަރުވާއަށް މާލެއަށް ގެނެސްފިއެވެ.

މިޙާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބުނު އެއަރޕޯޓުގެ މުވައްޒަފު އެމްއެންޑީއެފްގެ އެހީގައި މާލެ ގެނެސްފައިވަނީ މިރޭ 19:08 ހާއިރެވެ. އޭނާ މާލެގެނެސްފައިވަނީ އެމްއެންޑީއެފް ޑޯނިއާ އެއަރކްރާފްޓުގައެވެ.

މި ހާދިސާގައި 4 މީހަކަށްވަނީ އަނިޔާވެފައެވެ. އެގޮތުން ޢުމުރުން 25 އަހަރުގެ އަންހެނަކާއި 28 އަދި 29 އަހަރުގެ ދެފިރިހެނަކަށްވެސް އެކިވަރުގެ އަނިޔާވަނީ ވެފައެވެ.

މީގެތެރެއިން ސީރިއަސް އަނިޔާ ލިބިފައިވަނީ 31 އަހަރުގެ ދިވެހި ފިރިހެނަކަށެވެ. އެނާގެ އަތަށް ބޮޑެތި ޒަޙަމްތަކެއް ލިބިފައިވާކަމަށް ކުޅުދުއްފުށި ހޮސްޕިޓަލުންވަނީ މަޢުލޫމާތު ދެއްވާފައެވެ. މިޙާދިސާގައި އަނިޔާވެފައިވަނީ މުޅިންވެސް އެއަރޕޯޓުގެ މުވައްޒަފުންނަށެވެ.
މި ޙާދިސާއާއި ގުޅިގެން ފުލުހުން ވިދާޅުވީ، ސިލިންޑަރު ރީފިލްކުރުމުގެ ތެރޭގައި އެ ގޮވާފައިވަނީ 11:45 ހާއިރުކަމަށެވެ.