ޚަބަރު

އުތުރުގެ ރަށްތަކަށް ބޯކޮށް ވާރޭވެހުމުގެ ފުރުޞަތު އެބައޮތް، މޫސުމަށް ސަމާލުވޭ


  • މި ފެށޭ ހަފްތާގެ ތެރޭގައި ކޮންމެވެސް ވަރަކަށް ވިއްސާރަ އަލިކުރާނެ

  • ވިއްސާރައިގެ އަސަރު ބޮޑުވެފައިވަނީ 2 ސަރކިއުލޭޝަނެއްގެ ސަބަބުން

  • ހުޅަނގު މޫސުުމުގެ ވިއްސާރަ ނޮވެމްބަރާއި ހަމައަށް ދެމިގެންދާނެ

ކުރިއަށްއޮތް 24 ގަޑިއިރުވެސް އުތުރާއި މެދުރާއްޖެތެރެއަށް މޫސުންގޯސްވާނެކަމަށާއި، ޚާއްސަކޮށް އުތުރުގެ ރަށްތަކަށް ބޯކޮށްވާރޭވެހުމުގެ ފުރުޞަތު އެބައޮތްކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރައިގައި އެންމެ ބޮޑަށް އަސަރުކުރަމުންދަނީ އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށެވެ. އެގޮތުން މި ނިމުނު ހަފްތާގެ ތެރޭގައިވެސް އުތުރުގެ ރަށްތަކަށް ވިއްސާރަކޮށް ފެންބޮޑުވުމުގެ ޙާދިސާތައް ވަނީ ހިނގާފައެވެ.

މޫސުމާގުޅޭ އެންމެފަހުގެ މަޢުލޫމާތު ޕީ.އެސް.އެމް ނިއުސްއާއި ހިއްސާކުރައްވަމުން މޫސުމާބެހޭ ޤައުމީ އިދާރާގެ މީޓިއޮރޮލޮޖިސްޓް ޢަބްދުﷲ ހާފިޛް ވިދާޅުވީ، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައިވެސް ވިއްސާރައިގެ އަސަރު އެންމެ ބޮޑަށްކޮށްފައިވަނީ އުތުރުގެ ރަށްތަކަށްކަމަށެވެ. އަދި ބައެއް ރަށްރަށަށް އެވެރަޖްކޮށް ގިނައިން ބޯކޮށް ވާރޭވެހުމަށް މެދުވެރިވާ ސަބަބަކީ ވައިމަޑުވެ، ވިލާގަނޑުތައް އެ ސަރަޙައްދުތަކުގައި ހުއްޓިފައިއޮތުންކަމަށް ހާފިޛް ވިދާޅުވިއެވެ.

ރާއްޖެއަށް މިހާރު ކުރަމުންމިދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށްވީނަމަވެސް، އުތުރުގެ ރަށްތަކަށް ވިއްސާރައިގެ އަސަރު މިދުވަސްވަރު ބޮޑަށް ކުރަމުންދަނީ ރާއްޖޭގެ ހުޅަނގު އުތުރަށްވާގޮތަށް ޢަރަބި ކަނޑުގައި ސަރކިއުލޭޝަނެއް އުފެދިފައިވުމާއި، ސްރިލަންކާއާއި އިންޑިއާއި ސަރަޙައްދުގައިވެސް އުފެދިފައިވާ ސަރކިއުލޭޝަންގެ ސަބަބުންކަމަށް ހާފިޛް ވިދާޅުވިއެވެ.

"އެ 2 ސަރކިއުލޭޝަންވެސް ރާއްޖޭ ސަރަޙައްދުގައި ޚާއްސަކޮށް އުތުރުގެ އަތޮޅުތަކުގެ މަތީގައާއި މެދުރާއްޖެތެރެ އަތޮޅުތަކުގެ މަތީގައި ވިއްސާރަވިލާ އިތުރަށް ޖަމާވުމަށްޓަކާ އިތުރަށް ފުރުޞަތު އެބަދޭ. އެ ސަބަބަށްޓަކާ ހެދި އިތުރަށް އެސަރަޙައްދަށް ވިއްސާރަވިލާ އިތުރުވެގެން މިދަނީ. ބޮޑަށް ބެލެވޭގޮތުގައި ޢަރަބި ކަނޑުގައި މިއިން ސަރކިއުލޭޝަން ރާއްޖެއާއި ފެއަށް މަޑުމަޑުން ޖެހެމުންދާނެ. އެހެންނަމަވެސް ނިސްބަތުން އޭގެ ބާރު މިނުން އެހާ ބާރެއްނޫން ދަތުރުކުރާލެއް." ހާފިޛް ވިދާޅުވިއެވެ.

ހާފިޛް ވިދާޅުވީ، އުތުރާއި މެދުރާއްޖެތެރެއަށް މިހާރު ކުރަމުންދާ ވިއްސާރަ މިފެށޭ ހަފްތާގެ މެދެއްހާތާނގައި އަލިވާން ފެށިނަމަވެސް މިމަހުގެ ކުރިއަށްްއޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރަމުންދާނެކަމަށެވެ. އަދި ހުޅުނގު މޫސުމުގެ ވިއްސާރަ ނޮވެމްބަރުފަހުގެ ފަހުކޮޅާއި ހިސާބަށް ދެމިގެންދާނެކަމަށެވެ.

ކުރިއަށްއޮތް 24 ގަޑިއިރުގެ ރާއްޖޭގެ މޫސުން ލަފާކުރާގޮތަށް ބަލާއިރު ބައެއް އަތޮޅުތަކަށް ވިއްސާރަކުރާނެ އަދި ބައެއް ރަށްތަކަށް ގުގުރުން އެކަށީގެންވާކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. އަދި ވައިޖެހޭނީ އިރުދެކުނާއި ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައިކަމަށްވެސް އެ އިދާރާއިން ވިދާޅުވެއެވެ.