ޚަބަރު

ހައްދުންމަތީގެ ބައެއް ރަށްތަކުގައި އެމްއެންޑީއެފްގެ އަސްކަރީ ތަމްރީންތަކެއް


  • މި ތަމްރީންތައް މިމަހުގެ 20 އިން 30 ކުރިއަށްދާނެ

  • ލ. އަތޮޅުގެ 12 ރަށެއްގައި ތަމްރީންކުރިއަށްދާނެ

  • މި ތަމްރީންތަކުގައި ވައިގެ ސަރަޙައްދު ބޭނުންކުރާނެ

ހައްދުންމަތީގެ ބައެއް ރަށްތަކުގައި އަސްކަރީ ތަމްރީންތަކެއް މިމަހު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށް ޤައުމީ ދިފާޢީ ބާރު، އެމް.އެން.ޑީއެފް.އިން ވިދާޅުވެއްޖެއެވެ.

މި އަސްކަރީ ތަމްރީންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މިމަހުގެ 20 އިން 30 އަށެވެ. ލ. އަތޮޅުގެ 12 ރަށެއްގައި މި ތަމްރީންތައް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

މި ރަށްތަކަކީ ގާދޫ، ފޮނަދޫ، ކައްދޫ، މާންދޫ، ގަން، ގަސްފިނޮޅު، މަހާކަންފުށި، ބަރެސްދޫ، އުވަދެވިފުށި، ކަޅައިދޫ، ބޮކައިފުށި އަދި މުންޑޫއެވެ. ތަމްރީންތައް މިމަހުގެ 20 އިން 30 އަށް މިއިން ކޮންމެ ދުވަހެއްގެ އިރުއޮއްސި 6 އިން ހެނދުނު 6 އަކަށް ކުރިއަށްދާނެކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

އެމް.އެން.ޑީ.އެފްއިން ވިދާޅުވީ، މި ތަމްރީންތަކުގައި ވައިގެ ސަރަޙައްދުވެސް ބޭނުންކުރާނެކަމަށެވެ. އެގޮތުން ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 100 މީޓަރުކަމަށާއި، އެންމެ އުސްމިނަކީ 50 މީޓަރުކަމަށް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ. އަދި ވައިގެ ސަރަޙައްދު ބޭނުންކުރާނެ އެންމެ ތިރިމިނަކީ ކަނޑުގެ ލޮނުގަނޑުން ފެށިގެންކަމަށްވެސް އެމް.އެން.ޑީ.އެފްއިން ވިދާޅުވެއެވެ.

ޤައުމީ ދިފާޢީ ބާރުގެ އަސްކަރީ އަދި އޮޕަރޭޝަނަލް ޤާބިލުކަން އިތުރުކުރުމަށް ދޭތެރެދޭތެރެއިން އަންނަނީ މިފަދަ ތަމްރީންތައް ހިންގަމުންނެވެ.