ޚަބަރު

ޣައްޒާއަށް ބޭނުންވާ ބޭހާއި ކާބޯތަކެތި އެތެރެކުރެވޭނެ މަގެއް ޤާއިމުކުރުމަށް ދިވެހި ސަރުކާރުން ގޮވާލައިފި


  • މިއީ އިންސާނީ ޙައްޤުތަކާ ބެހޭ ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާއެއް

  • އިރުމަތީ ޣައްޒާ ހުސްކުރަން އެންގި އަމުރު ބަދަލުކުރަންޖެހޭ

  • ޙަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވުމަށް ދިވެހި ސަރުކާރުން ގޮވާލާ

ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފަލަސްތީނުގެ މަޢުސޫމު ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތަކާ ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރުއްވި ބަޔާނުގައި ޣައްޒާގައި ދިރިއުޅެމުންދާ ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިސްރޭލުން ކުރިއަށްގެންދާ ޢަސްކަރީ ޙަމަލާތަކާއި، އިރުމަތީ ޣައްޒާގައި ދިރިއުޅެމުންދާ 1.2 މިލިއަން ޢާއްމު ރައްޔިތުން 24 ގަޑިއިރު ތެރޭ ޣައްޒާގެ ދެކުނަށް ބަދަލުވުމަށް އިސްރޭލުގެ ސިފައިން އެންގި އެންގުން ދިވެހިރާއްޖެއިން އެންމެ ހަރުކަށި ޢިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ. އަދި ސަލާމަތްތެރިކަމާއި އެނބުރި އާދެވޭނެކަމުގެ ގެރެންޓީއަކާނުލައި މިފަދަ ކަމެއް ކުރުވުމަކީ ހަނގުރާމައިގެ ޖަރީމާއެއް ކަމަށްވާ މަޖުބޫރުން ހިޖުރަކުރުވުންކަމަށާއި، އެހެންކަމުން އެއަމުރު ބަދަލުކުރަންޖެހޭކަމަށް ވިދާޅުވިއެވެ.

ހަނގުރާމަވެރިންނާއި ޢާއްމުންނާ ތަފާތުކުރުމެއްނެތި ދެމުންދާ ޙަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިން ހިމެނޭހެން އެތައް ސަތޭކަ ބަޔަކު ޝަހީދުވެފައިވާއިރު އިތުރު އެތައް ހާސް ބަޔަކު ވަނީ ޒަޚަމްވެފައެވެ. ހަމައެއާއެކު، މިޙަމަލާތަކުގައި ހޮސްޕިޓާތަކާއި ސްކޫލުތައް ހިމެނޭހެން މުހިންމު ޚިދުމަތްތައް ފޯރުކޮށްދޭ ތަންތަނާއި އ.ދ.ގެ ޢިމާރާތްތަކާއި ޢާއްމުން ދިރިއުޅޭ ޢިމާރާތްތަކާއި އަޅުކަންކުރާތަންތަން ސުންނާފަތިވެފައިވެއެވެ.

ދިވެހިރާއްޖޭގެ ސަރުކާރުން ޤަބޫލުކުރާގޮތުގައި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ މިޢުދުވާންތަކަކީ ބައިނަލްއަޤުވާމީ އަދި އިންސާނީ ޙައްޤުތަކާ ބެހޭ އެންމެހައި ޤާނޫނުތަކާ ޚިލާފަށް ހިންގާ ހަނގުރާމައިގެ ޖަރީމާތަކެއްކަމަށް މި ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ.

ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޙަމަލާތައް ވަގުތުން ހުއްޓުވުމަށް މަޖުބޫރުކުރުވައި، ޣައްޒާއަށް މިހާރުން މިހާރަށް ބޭނުންވާ ބޭހާއި ކާބޯތަކެއްޗާއި ޟަރޫރީ ބޭނުންތަކަށް ބޭނުންވާނެ ތަކެތި ފޯރުކޮށްދިނުމަށް އިންސާނިއްޔަތުކަމުގެ ކޮރިޑޯއެއް ހުޅުވުން ކަށަވަރުކުރުމަށް ބާރުއެޅުމަށް ބައިނަލްއަޤުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ވަނީ ގޮވާލާފައެވެ.

ފަލަސްތީނުގެ ރައްޔިތުން އެބައިމީހުންގެ ވަކި ދައުލަތެއް އުފެއްދުމަށާއި އެބައިމީހުންގެ ޙައްޤުތައް ކަށަވަރުކުރުމަށްޓަކައި ކުރިއަށްގެންދާ ޖާއިޒު މަސައްކަތްތަކުގައި ފަލަސްޠީނުގެ ރައްޔިތުންނަށް އެއްވެސް ޝަރުތަކާނުލައި ތާއީދުކުރުންމަތީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުން ތިބިކަން މި ބަޔާނުގައި ވަނީ ތަކުރާރުކުރައްވާފައެވެ.

ފަލަސްތީނުގައި ހިނގަމުންދާ ހަމަނުޖެހުމަށް ދެމިގެންދާނެ އަދި ދެމެހެއްޓެނިވި ޙައްލެއް ހޯދޭނީ 1967ގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް އެކުލެވިފައިވާ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި ކަނޑައެޅިފައިވާ މިނިވަން އަދި މުސްތަޤިއްލު ފަލަސްތީނުގެ ދައުލަތެއް ޤާއިމުކުރެވިގެންކަމަށް ދިވެހި ސަރުކާރުން ޤަބޫލުކުރާ ކަމަށްވެސް މި މައްސަލައިގައި ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.