ޚަބަރު

"ހިޔަލަ" އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު މިފަހަރު ހދ އަތޮޅާއި ށ އަތޮޅަށް


  • ފުރަތަމަ އެކްސްޕޯ ބާއްވާފައިވަނީ 2021 ވަނަ އަހަރު

  • މިއަހަރުގެ އެކްސްޕޯ އޮންނާނީ ޑިސެމްބަރު 2 ގައި

  • ބައިވެރިވުމުގެ ފުރުޞަތު މިމަހު 30 އާއި ހަމައަށް

  • ހދ އަދި ށ. އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލާފައި

އަންހެން ވިޔަފާރިވެރިންގެ އުފެއްދުންތަކަށް ޚާއްސަކޮށްގެން ބާއްވާ "ހިޔަލަ އެކްސްޕޯ 2023" ގައި ބައިވެރިވުމުގެ ފުރުޞަތު ބިޒްނަސް ސެންޓަރ ކޯރޕަރޭޝަން، ބީ.ސީ.ސީއިން ހުޅުވާލައިފިއެވެ.

މި އެކްސްޕޯއަކީ ބައިނަލްއަޤްވާމީ ގެވެށި މަސައްކަތްތެރިންގެ ދުވަހާއި، ދުނިޔޭގެ އަންހެން ވިޔަފާރިވެރިންގެ ދުވަސް ފާހަގަކުރުމަށް، ކަނބަލުންނަށް ޚާއްސަކޮށްގެން ބާއްވާ އެކްސްޕޯއެކެވެ. މިފަހަރުގެ އެކްސްޕޯ އިންތިޒާމްކުރަނީ ބީ.ސީ.ސީގެ ކުޅުދުއްފުށި ސިޓީ ބްރާންޗާއި، ކުޅުދުއްފުށި ސިޓީ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއާއި ހދ. އަތޮޅު ކައުންސިލް ގުޅިގެންނެވެ.

"ހިޔަލަ" އެކްސްޕޯއަކީ 2021 ވަނަ އަހަރުން ފެށިގެން ބީ.ސީ.ސީއިން ސިލްސިލާކޮށް ކުޅުދުއްފުށީގައި ބާއްވަމުން އަންނަ އެކްސްޕޯއެކެވެ. 2021 ވަނަ އަހަރު އެންމެ ފުރަތަމަ އެކްސްޕޯ ބޭއްވީ ކުޅުދުއްފުށްޓަށް އެކަނި ޚާއްސަކޮށްގެންނެވެ. 2022 ވަނަ އަަހަރު ބޭއްވީ ކުޅުދުއްފުށީގެ އިތުރުން ހދ އަތޮޅުގެ ހުރިހާ ރަށަކަށް ހުޅުވާލައިގެންނެވެ.

މިދިޔަ ދެ އަހަރުގެ ތަޖުރިބާއަށް ބަލާ، މިފަހަރު ބީ.ސީ.ސީއިން މިވަނީ އެކްސްޕޯގައި ބައިވެރިވުމުގެ ފުރުޞަތު ހދ އަތޮޅުގެ އިތުރުން ށ. އަތޮޅުގެ ހުރިހާ ރަށަކަށްވެސް ހުޅުވާލާފައެވެ. މިއަހަރުގެ އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރުބަހުގެ 2 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގައެވެ.

ބީ.ސީ.ސީއިން ބުނީ މިފަހަރުގެ އެކްސްޕޯގައި ވިޔަފާރި އުޞޫލުން ވިއްކުމަށާއި، ޖަޖްކުރުމަށްވެސް އަމިއްލަ އުފެއްދުންތައް ބައިވެރިކުރެވޭނެކަމަށެވެ. އަމިއްލަ އުފެއްދުންތައް ޖަޖްކުރެވޭނެ މައިގަނޑު 5 ދާއިރާއެއް ބީ.ސީ.ސީއިން ވަނީ ކަނޑައަޅާފައެވެ.

ޖަޖް ކުރެވޭ ދާއިރާތައް:

• ކޭކު / ޕޭސްޓްރީ
• ގިނަ ދުވަހު ބެހެއްޓޭ / ބަންދުކޮށްފައިވާ ތައްޔާރީ ކާނާ
• ފެހުމުގެ ބާވަތްތައް / ފޮތިން ހަދާފައިވާ ތަކެތި
• ގޭތެރޭ ޒީނަތްތެރިކުރުމަށް ބޭނުންވާ ތަކެތި
• އަތްތެރި މަސައްކަތުގެ އެހެނިހެން ބާވަތްތައް

އެކްސްޕޯގައި ޖަޖްކުރާ ދާއިރާތަކުން އެއް ދާއިރާއަށްވުރެ ގިނަ ދާއިރާއިންވެސް ތަކެތި ބައިވެރިވުކުރެވޭނެއެވެ. މިއިން ކޮންމެ ދާއިރާއަކުންވެސް އެއްވަނަ ދެވަނަ އަދި ތިންވަނަ ހޮވާ، އިނާމް ދިނުމަށް ހަމަޖެހިފައިވާކަމަށް ބީ.ސީ.ސީއިން ބުނެއެވެ. އަދި އެކްސްޕޯގައި ބައިވެރިވާ ކޮންމެ ފަރާތަކަށްވެސް ބައިވެރިވިކަމުގެ ސެޓިފިކެޓް ލިބޭނެއެވެ.

"ހިޔަލަ އެކްސްޕޯ 2023" ބައިވެރިވާން ޝަޢުގުވެރިވާ ފަރާތްތަކަށް އެ ފުރުޞަތު މިމަހުގެ 30 އާއި ހަމައަށް ބީ.ސީ.ސީއިން ވަނީ ހުޅުވާލާފައެވެ. އެކްސްޕޯގައި ބައިވެރިވާން ހުޅުވާލާފައިވަނީ 4 އުމުރުފުރާއަކުންނެވެ. އެއީ 16 އަހަރާއި 25 އަހަރާއި ދެމެދު، 26 އަހަރާއި 35 އަހަރާއި ދެމެދު، 36 އަހަރާއި 50 އަހަރާއި ދެމެދު އަދި 51 އަހަރުން މަތީ އުމުރުފުރާއިންނެވެ.

އެކްސްޕޯގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ފުރިހަމަ ނަމާއި އައިޑީ ކާޑު ނަންބަރާއި، އަތޮޅާއި ރަށް އަދި މޯބައިލް ނަންބަރު ޖެހުމަށްފަހު 7917089 އަށް އެސް.އެމް.އެސް ކުރެވޭނެއެވެ. އަދި ބީ.ސީ.ސީއިން އޮންލައިންކޮށް އެކަމަށް ޚާއްސަކޮށްފައިވާ ލިންކް މެދުވެރިކޮށްވެސް ރަޖިސްޓަރވެވޭނެއެވެ.

މި އެކްސްޕޯގައި ސްޓޯލްތައް ދޫކުރުމަށް ހަމަޖެހިފައިވަނީ ހދ. އަތޮޅާއި ށ. އަތޮޅުގެ ހުރިހާ ރަށްތަކަކަށް، އެރަށަކުން ބައިވެރިވާ ހުރިހާ ބައިވެރިންގެ އުފެއްދުންތައް އެއްތާކުން ފެންނާނޭހެން އެރަށެއް ތަމްޞީލުވާގޮތަށް އެ ރަށެއްގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކަށެވެ. މިއީ މުޅިން ހިލޭ ދޫކުރާ ސްޓޯލްތަކެއްކަމަށްވެސް ބީ.ސީ.ސީއިން ބުނެއެވެ.

މިފަދަ އެކްސްޕޯއެއް ބޭއްވުމުގެ އެންމެ ބޮޑު މަޤްޞަދަކީ އަންހެން ވިޔަފާރިވެރިންނަށް، ވިޔަފާރީގެ ދާއިރާއިން އިތުރަށް ކުރިއަށްދިއުމަށް ބޭނުންވާ މާކެޓް ހޯދައިދީ، އަންހެން ވިޔަފާރިވެރިން ބާރުވެރިކުރުވުންކަމަށް ބީ.ސީ.ސީއިން ބުނެއެވެ. އެގޮތުން ހިޔަލައިގެ މިހާތަނަށް ބޭއްވުނު ދެ އެކްސްޕޯއަށްވެސް ބޮޑު ތަރުޚީބެއް ލިބިފައިވާކަން އެ ކޯރޕަރޭޝަނުން ފާހަގަކުރެއެވެ.