ޚަބަރު

ހުޅުމާލެއިން ދޫކުރި ގޯތިތަކުގައި 10 ފަންގިފިލާއަށް ޢިމާރާތްކުރެވޭނެ: އެޗްޑީސީ


  • އިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރު

  • މަގުމަތީ އިންފާރު ރޭނޭނީ އެންމެ އުސްވެގެން 1.2 މީޓަރަށް

  • ކުނި ބެހެއްޓުމަށް ހާއްސަ ސަރަހައްދެއް ކަނޑައެޅިފައި ހުންނަން ޖެހޭ

މާލޭގެ ރަށްޔިތުންނަށް ޚާއްޞަކޮށްގެން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރި ބިންތަކުގައި 10 ބުރިއަށް ޢިމާރާތްކުރެވޭނެކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން ބުނެފިއެވެ.

އެޗްޑީސީން ވަނީ "ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުުރުމުގެ އުސޫލު" މިއަދު ޢާންމުކޮށްފައެވެ. މިއުސޫލުގައިވާ ގޮތުން ހުޅުމާލޭ ދެވަނަ ފިޔަވަހިން ދޫކުރިގޯތިތަކުގައި ޢިމާރާތް ކުރެވޭނެ އެންމެ އުސްމިނަކީ 18.5 މީޓަރެވެ. އަދި ޢިމާރާތެއްގައި އެންމެ ގިނަވެގެން ބެހެއްޓޭނީ 6 ފަންގިފިލާ އެވެ. މިހާރު ޢާންމުކުރި އުސޫލުގެ ދަށުން 6 ފަންގިފިލާއަށް ޢިމާރާތްކުރެވުނުނަމަވެސް، އެ އުސްމިނަށް ބަދަލު އަންނާނެކަމަށް އެޗްޑީސީން ބުންޏެވެ. އެގޮތުން ޢިމާރާތްކުރުމުގެ އެންމެ އުސްމިން 10 ފަންގިފިލާއަށް ބަދަލުކުރުމަށް ނިންމާ ޤަވާއިދު އެކުލަވާލާފައިވާކަމަށާއި، އެ ޤަވާއިދަށް ވަރަށް އަވަހަށް ޢަމަލުކުރަން ފަށާނެކަމަށް އެޗްޑީސީން ބުންޏެވެ. އެ ޤަވާއިދަށް ޢަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާިއުކުރުމަށްފަހުކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ނަމަވެސް 6 ފަންގިފިލާއަށް ޢަމަލުކުރެވޭގޮތަށް އުސޫލެއް ޢާންމުކުރީ މިވަގުތު އެތަނުގައި ޢިމާރަތްކުރުމުގެ އުސޫލެއް ނެތުމުގެ ސަބަބުން ޢިމާރާތް ނުކުރެވިފައިވާ ފަރާތްތަކަށް ލުޔެއް ހޯދައިދިނުމުގެ ގޮތުންކަމަށް އެޗްޑީސީން ބުންޏެވެ.

"ބިންވެރިޔާ މަޝްރޫއުގެ ދަށުން ދޫކުރާ ގޯތިތަކުގައި އިމާރާތް ކުރުމުގެ އުސޫލު"ގައި ބުނެފައިވަނީ އެ ބިންތަކުގައި އިމާރާތްކުރުމުގެ އެއްވެސް މަސައްކަތެއް ކުރަންވާނީ އިމާރާތުގެ ކުރެހުންތައް ފާސްކޮށް، އިމާރާތްކުރުމާ ގުޅޭ އެންމެހާ ހުއްދަތައް އެޗްޑީސީން ނެގުމަށްފަހުކަމަށެވެ.

އަދި އިމާރާތުގެ އުސްމިން 5 ފަންގިފިލާއަށްވުރެ މައޗަށް ނަގާނަމަ، އިމާރާތުގައި ލިފްޓް ބަހައްޓަން ޖެހެއެވެ. މަގުމަތީ އިންފާރު ރޭނޭނީ އެންމެ އުސްވެގެން 1.2 މީޓަރަށް ކަމަށް މި އުސޫލުގައި ކަނޑައަޅާފައިވެއެވެ. މަގުމަތީ އިންފާރު ރާނާނަމަ ރާނަންވާނީ ކުރިމަތީ ސެޓްބެކް އަދި ކަންމަތީ ގޯތިތަކުގެ އަރިމަތީ ސެޓްބެކްގެ ގޮތުގައި ދޫކުރެވިފައިވާ އިމުގެތެރޭގައިކަމަށް އެޗްޑީސީން ހާމަކުރެއެވެ. އަދި ކޮންމެ އިމާރާތެއްގައިވެސް ކުނި ބެހެއްޓުމަށް ޚާއްސަ ސަރަހައްދެއް ކަނޑައެޅިފައި ހުންނަން ޖެހޭނެކަމަށްވެސް މި އުސޫލު ބަޔާންކުރެއެވެ.

މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ގޯތި ލިބޭ ފަރާތްތަކަށް ގޯތި ކަނޑަށް ފަށާފައިވަނީ މިދިޔަ މަހުގެތެރޭގައެވެ.

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ.

އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯއްޗެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެއްވާނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރައްވާނީ ހުޅުމާލެއާއި ގުޅިފަޅުންނެވެ. ސަރުކާރުން މަސައްކަތް ކުރައްވަމުން އަންނަނީ ނޮވެމްބަރު 5ގެ ކުރިން ގޯތި ލިބޭ މީހުންނަށް ގޯތިތައް ހަވާލުކުރުމަށެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ލިބުނު މީހުނަށް ގޯތި ދޫކުރުމަށް ހުޅުމާލެ ފަޅު ހިއްކުމުގެ މަސައްކަތް ވެސް ފަށަން ސަރުކާރުން ދަނީ ތައްޔާރު ވަމުންނެވެ.