ކުޅިވަރު

ކުޅިވަރު ކުޅުމުގެ ފުރުސަތު ސްކޫލުތަކުން ކޮންމެ ކުއްޖަކަށްވެސް ފަހިކޮށްދޭން ޖެހޭ: މުޖާހިދު


ކުޅިވަރު ކުޅުމުގެ ފުރުސަތަކީ ކޮންމެ ކުއްޖަކަށްވެސް ސްކޫލުތަކުން ފަހިކޮށްދޭން ޖެހޭ ފުރުސަތެއް ކަމަށާއި، ސްކޫލް ދައުރާއި ކުދިން ވަކިވެގެންދާއިރު ކުޅިވަރުގެ އުފާވެރި ހަނދާންތައް އެ ކުދިންގައި ހުންނަންވާނެ ކަމަށް މަޖީދިއްޔާ ސްކޫލުގެ ޕްރިންސިޕަލް އަޙްމަދު މުޖާހިދު ވިދާޅުވެއްޖެއެވެ.

19 އަހަރުގެ މެދުކެނޑުމަކަށްފަހު މަޖީދިއްޔާ ސްކޫލުގެ ހައުސްތަކުގެ މެދުގައި ބޭއްވި ސްޕޯޓްސް ފިއެސްޓާ ފެށުމުގެ ރަސްމިއްޔާތަށްފަހު "ޕީއެސްއެމް ނިއުސް" އާ ވާހަކަދައްކަވަމުން މުޖާހިދު ވިދާޅުވީ ކޮންމެ ކުއްޖަކަށްވެސް ކުޅިވަރު ކުޅުމުގެ ފުރުސަތު ސްކޫލުތަކުން ފަހިކޮށްދޭންޖެހޭނެކަމަށެވެ. ކޮންމެ ކުއްޖަކީ ކުޅިވަރުގައި މޮޅު ވަނަތަކެއް ހޯދަންޖެހޭ ކުއްޖަކަށްވާން ނުޖެހޭނެކަމަށާ، އެހެންނަމަވެސް ސްކޫލު ދައުރުގެ އުފާވެރި ހަނދާންތަކުގައި ކުޅިވަރުގެ ހަނދާންތައްވެސް އެކުލެވެންޖެހޭކަމަށެވެ.

ގިނަ އަހަރުތަކަކަށްފަހު މަޖީދިއްޔާ ސްކޫލުގެ އިންޓަ ހައުސް ސްޕޯޓްސް ފިއެސްޓާ ބޭއްވުން މިއީ އެ ސްކޫލުގެ ދަރިވަރުންގެ ވަރަށް ބޮޑު ހުވަފެނެއްކަމަށް މުޖާހިދު ފާހަގަކުރެއްވިއެވެ. 2027 ވަނަ އަހަރާ އެކު އެ ސްކޫލަށް ގަރުނެއްވެގެންދާއިރު، އުންމީދަކީ މިފަދަ ހަރަކާތްތައް ފޯރިއާއެކު އާލާކޮށް އިހުގައި އޮތް ފަދައިން އިންޓަ ހައުސް ފޯރި އަލުން ގެނައުންކަމަށް އޭނާ ވިދާޅުވިއެވެ.

މުޖާހިދު ވިދާޅުވީ ތައުލީމީ ކަރިކިއުލަމްގައި އޮންނަ ގޮތަށް ކުއްޖާ ދިރިއުޅުމަށް ތައްޔާރުކޮށްދޭންޖެހޭކަމަށާ، އެހެންކަމުން މިކަމަށްޓަކައި ކުދިން ކްލާސްރޫމުން ނެރެ، ގިނަ ފުރުސަތެއްތަކެއް ހޯދައިދޭންޖެހޭކަމަށެވެ.

އެހެންކަމުން މަޖީދިއްޔާގެ ސްޕޯޓްސް ފިއެސްޓާގެ ބޭނުމަކީ ހުރިހާ ކުދިން ޝާމިލުވާނޭހެން އުފާވެރި މާހައުލެއްގައި މަޖާކޮށްލުމުގެ ފުރުސަތު ހޯދައިދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

ކިޔަވާކުދިންނަކީ ހަރަކާތްތެރި ބަޔަކަށް ހެދުމަކީވެސް ވަރަށް މުހިންމުކަމެއްކަމަށް މުޖާހިދު ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާގޮތުގައި ކުދިންނަށް ކިޔަވަދިނުމުގައި ކުޅިވަރަކީ، ކުދިން ހަރަކާތްތެރިވެ އުޅުމަކީ އެއީ ހަމަ ވަރަށް މުހިންމުކަމެއް. ހަގީގަތުގައި ކުދިންގެ ޝައުގު އަޅުގަނޑުމެން ހޯދަންޖެހޭ. ކުދިންނަށް ކިޔަވައިމިދެވެނީ އެކުދިން ކިޔަވަން އަންނަ މާހައުލަކީ އެކުދިން ޝައުގުވެރިވާ އަންނަހިތްވާ ތަނަކަށް ވެގެން“ މުޖާހިދު ވިދާޅުވިއެވެ.

ދަރިވަރުންގެ މެދުގައި ބޭއްވޭ މިފަދަ މުބާރާތްތަކުގެ ސަބަބުން ކުދިންގެ ލީޑަރޝިޕް ވަރުގަދަވެގެންދާކަމަށް މުޖާހިދު ވިދާޅުވިއެވެ. މީގެ އިތުރުން ކުދިންގެ ހުނަރުތައްވެސް ތަރައްގީވުމަށް މިފަދަ މުބާރާތްތައް ބާރަކަށް ވެގެންދާކަމަށް އޭނާ ފާހަގަކުރެއްވިއެވެ.