ޚަބަރު

ގިނަ އަދަދެއްގެ މަސް މަރުވެގެން ރަށްރަށަށް ލައްގަނީ


  • އުތުރުގެ ބައެއް ރަށްތަކަށް ވަނީ މަރުވެފައިވާ މަސްތައް ލައްގާފައި

  • އީޕީއޭއިން ދަނީ މިކަމާއި ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބަލަމުން

މަރުވެފައިވާ ގިނަ އަދަދެއްގެ މަސް އުތުރުގެ ބައެއް ރަށްތަކަށް ލައްގަމުންދާތީ އެކަމާއި ގުޅޭގޮތުން ބަަލަންޖެހޭ ކަންކަން ބައްލަވަމުން ގެންދަވާކަމަށް އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީޕީއޭއިން ވިދާޅުވެއްޖެއެވެ.

އީޕީއޭގެ ޑިރެކްޓަރ ޖެނެރަލް އިބްރާޙިމް ނައީމް ވިދާޅުވީ، މަސްތަކެއް މަރުވެގެން ލައްގަމުންދާކަމުގެ ރިޕޯޓް ނ، ރ، ބ އަދި ޅ.އަތޮޅުން ލިބިފައިވާކަމަށެވެ. އަދި ރަށްެރަށަށް ލައްގަމުން ދަނީ ރޮނޑު އާއިލާއަށް ނިސްބަތްވާ މަސްތަކެއްކަމަށްވެސް އީޕީއޭއިން ބުނެއެވެ.

ނަޢީމް ވިދާޅުވީ އެއްފަހަރާ ގިނަ އަދަދެއްގެ މަސް މަރުވާން ދިމާވާ އެކި ސަބަބުތައް ހުންނަކަމަށެވެ. އޭގެތެރޭގައި ވައިރަލް ނުވަތަ ބެކްޓީރިއާގެ ޒަރިއްޔާއިން ޖެހޭ ބައްޔެއްގެ ސަބަބުންވެސް މަސް މަރުވާކަމަށާއި، އަދި އަލްގޭ ގިނަވެގެން ނުވަތަ، މަސް ދިރިއުޅޭ މާޙައުލުތަކުގައި މާ ބޮޑަށް ހޫނު ގަދަވެގެންވެސް މަސްތައް މަރުވާން ދިމާވާކަމަށެވެ.

ނައީމް ވިދާޅުވީ މީގެކުރިން މިގޮތަށް ގިނަ އަދަދަކަށް މަސް މަރުވުމުގެ ހާދިސާއެއް ކުރިމަތިވީ ފެނުގައި ޕްލެންކްޓަން ނުވަތަ އަލްގޭ ގިނަވެގެންކަމަށެވެ. އަދި މިފަހަރު މަސްތައް މަރުވާން ދިމާވި ސަބަބު ބަލަމުންދާކަމަށްވެސް އީޕީއޭއިން ވިދާޅުވެއެވެ.

އީޕީއޭގެ އިތުރުން މޯލްޑިވްސް މެރިން ރިސަރޗް ސެންޓަރުންވެސް ދަނީ މިކަން ބަލަމުންނެވެ. އެމްއެމްއާރްސީއިން ބުނީ 2007، 2008 އަދި 2012 ވަނަ އަހަރުވެސް މަސް މަރުވުމުގެ ހާދިސާތައް ރާއްޖޭގައި ހިނގާފައިވާކަމަށެވެ.

މްއެމްއާރްސީއާއި އީޕީއޭއިން ވަނީ މަރުވެގެން މިގޮތަށް ލައްގާ މަސް ނުކެއުމަށް އިލްތިމާސްކޮށްފައެވެ. އަދި އެފަދަ މަސްތައް ނައްތާލަން ބޭނުންވާނަމަ މީހުން ދިރިނޫޅޭ ސަރަޙައްދެއްގައި ވަޅުލުމަށާއި، އަދި މަސްތައް ނަގާ އެއްތަނުން އަނެއްތަނަށް ގެންދިއުމުގައިވެސް އަންގިއާއި މާސްކު ބޭނުންކުރުމަށް އެ ދެ އިދާރާއިން އެދެއެވެ.

މްއެމްއާރްސީއާއި އީޕީއޭއިން ވަނީ މިފަދަ ޙާދިސާއެއް ފާހަގަވެއްޖެނަމަ، ރިޕޯޓްކުރުމަށްވެސް އިލްތިމާސްކޮށްފައެެވެ.