ޚަބަރު

އީރާން ހަނގުރާމަ ކުރިއަށް ނުގެންދެވޭ ޤަރާރު ސެނެޓުން ފާހެއްނުވި


އެމެރިކާގެ ކޮންގްރެސުން ފާސްނުކޮށް، އީރާނާ ދެކޮޅަށް އެއްވެސް އަސްކަރީ ޙަރަކާތެއް ކުރިއަށް ނުގެންދަން ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ލާޒިމުވާ ގޮތަށް ހުށަހެޅި ޤަރާރު، ކޮންގްރެސްގެ މަތިގެ، ސެނެޓުން ފާސްނުކޮށް، ބޭރުކޮށްލައިފިއެވެ.

ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެމްބަރުން ވިދާޅުވީ، އީރާނާ ދެކޮޅަށް ޓްރަމްޕް ފެށްޓެވި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުމަކަށް ގެނައުމަށް ޤަރާރެއް ފާސްކުރިތާ 24 ގަޑިއިރުގެ ތެރޭގައި، އީރާނު ހަނގުރާމައާ ގުޅޭ އިތުރު ޤަރާރެއް ފާސްކުރުމަކީ، އީރާނާ އެކު މިހާރު ކުރަމުންދާ ސުލްޙައިގެ މަޝްވަރާތަކަށް ހުރަސްއެޅޭނެކަމެއް ކަމަށް ޤަބޫލުކުރައްވާ ކަމަށެވެ.

މި ޤަރާރުގައި ވަނީ، ބޭރުގެ އެއްވެސް ޤައުމަކާ އެކު ހަނގުރާމަ ކުރުމަށް ކޮންގްރެސުން ފާސްކުރަންޖެހޭ ގޮތަށް އެމެރިކާގެ ސަރުކާރުގެ މައްޗަށް ލާޒިމުކުރާ ގޮތަށެވެ.

މި ޤަރާރު ފާސްވިނަމަ، އީރާނާ ދެކޮޅަށް އަސްކަރީ އެއްވެސް ޙަރަކާތެއް ހިންގުން ހުއްޓައިލުމުގެ އިތުރުން، އެ ހަނގުރާމައަށް މެދުއިރުމައްޗަށް ޖަމާކޮށްފައިތިބި އެމެރިކާގެ ސިފައިން ވެސް އަނބުރާ ގެންނަވަން ޓްރަމްޕަށް މަުޖުބޫރުވާނެއެވެ.

އެ ޤަރާރު ފާސްނުވީ، 50 މެމްބަރުން އެ ޤަރާރު ފާސްކުރުމަށް ދެކޮޅު ހެއްދެވުމުންނެވެ. އެ ޤަރާރަށް 47 މެމްބަރަކު ތާޢީދުކުރެއްވިއެވެ.

އެ ވޯޓާ ދިމާކޮށް، އެމެރިކާގެ ނައިބު ރައީސް ޖޭޑީ ވާންސާއި މެދިއިރުމައްޗަށް ޓްރަމްޕް ކަނޑައަޅުއްވާފައި ހުންނަވާ ޚާއްޞަ މަންދޫބު ސްޓީވް ވިޓްކޯފް ވަނީ ރިޕަބްލިކަން ޕާޓީގެ ބައެއް ސެނެޓުގެ މެމްބަރުންނާ ވަކިވަކިން ބައްދަލުކުރައްވައި، އީރާނު ހަނގުރާމައާ ގުޅޭ ތަފްޞީލީ މަޢުލޫމާތުތައް ޙިއްސާކުރައްވައިފައެވެ.

މި ޤަރާރުތައް ހުށަހަޅާފައިވަނީ، ޖޫން މަހުގެ 17 ވަނަ ދުވަހު ޓްރަމްޕާއި އީރާނުގެ ރައީސް މަސްޢޫދު ޕިޒިޝްކިޔާން ސޮއިކުރެއްވި އިބްތިދާޢީ އެއްބަސްވުމަކާ ގުޅިގެން އެމެރިކާއާއި އީރާނުން 60 ދުވަހަށް ޙަމަލާ މެދުކަނޑާލައި، ހަނގުރާމަ ދާއިމީކޮށް ހުއްޓައިލުމަށް ފަންނީ މަޝްވަރާތައް ކުރިއަށް ގެންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާ އާއި ޔަހޫދީން ގުޅިގެން، އީރާނާ ދެކޮޅަށް ފެބްރުއަރީ 28ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި އީރާނުން ވަނީ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް، ވަރުގަދަ ޙަމަލާތަކެއް ދީފަ އެވެ.