ދުނިޔޭގެ ވިޔަފާރި

ޗައިނާގެ އިޤްތިޞާދު ޑީފްލޭޝަނަކަށް!


  • ޗައިނާ ކޮންޒިއުމަރ ޕްރައިސް އިންޑެކްސް ވަނީ 0.3 އިންސައްތަ ދަށަށް ގޮސްފައި

  • ޗައިނާއިން ޑީފްލޭޝަނާއި އެންމެފަހުން ކުރިމަތިލާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅާއި 2021 ވަނަ އަހަރުގެ ކުރީކޮޅު

ޗައިނާގެ އިޤްތިޞާދު ވިއްކާ މުދަލާއި ފޯރުކޮށްދޭ ޚިދުމަތުގެ އަގުތައް ދަށަށް ގޮސް، ޑީފްލޭޝަނަކަށް ހިނގައްޖެއެވެ.

ޗައިނާގެ އިޤްތިޞާދު ޑީފްލޭޝަނަކަށް ގޮސްފައި މިވަނީ އެ ޤައުމުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ޖުލައިމަހު ދަށަށް ދިއުމާއި ގުޅިގެނެވެ. އަދި މިއީ މިދިޔަ ދެ އަހަރު ތެރޭގައި އެ ޤައުމުގެ ކޮންސިއުމަރ ޕްރައިސް އިންޑެކްސް ދަށަށް ދިޔަ ފުރަތަމަ ފަހަރެވެ.

ތަފާސް ހިސާބުތައް ދައްކާގޮތުން ޖުލައިމަހު ޗައިނާ ކޮންޒިއުމަރ ޕްރައިސް އިންޑެކްސް ވަނީ 0.3 އިންސައްތަ ދަށަށް ގޮސްފައެވެ. ޗައިނާއިން ޑީފްލޭޝަނާއި އެންމެފަހުން ކުރިމަތިލާފައިވަނީ 2020 ވަނަ އަހަރުގެ ފަހުކޮޅާއި 2021 ވަނަ އަހަރުގެ ކުރީކޮޅުއެވެ.

އިޤްތިޞާދީ މާހިރުން މައިގަނޑު ގޮތެއްގައި ޑީފްލޭޝަން ސިފަކުރަނީ ޤައުމެއްގެ އިޤްތިޞާދަށް ގެއްލުން ހުރި ކަމެއްގެ ގޮތުގައެވެ. އެއީ ތަކެތީގެ އަގުތައް ތިރިވުމުން، ކޮންސިއުމަރ ސްޕެންޑިން ދަށްވެ، ބާޒާރަށް ތަކެތި ނެރޭ މިންވަރު މަދުކޮށް، ފެކްޓަރީތަކުން މުވައްޒަފުން މަދުކޮށް، މުސާރަ ކުޑަކުރުން ޑީފްލޭޝަނާއި ގުޅިފައިވާތީއެވެ.

ޗައިނާގެ އިޤްތިޞާދަށް މައްސަލަތަކެއް ކުރިމަތިވެފައިވާއިރު، އެ ޤައުމުގެ އެކްސްޕޯޓްވެސް ވަނީ މިދިޔަ 3 މަހުވެސް ދަށަށް ގޮސްފައެވެ.

ތަޖުރިބާކާރުން ބުނާގޮތުން ޗައިނާއަށް ކުރިމަތިވެފައިވާ އިޤްތިޞާދީ މައްސަލަތައް ހައްލުކުރުމަށް އެ ޤައުމުން އަވަސް ފިޔަވަޅުތަކެއް އަޅަން މިހާރު ވަނީ މަޖުބޫރުވެފައެވެ. ބައެއް ފަރާތްތަކުން ބުނާގޮތުން އިޤްތިޞާދީ މައްސަލަތަކުން އަރައިގަތުމަށް ސަރުކާރުން ހޭދަކުރާ މިންވަރު އިތުރުކޮށް، ޓެކްސްތައް ކުޑަކޮށް، މަނިޓަރީ ޕޮލިސީތަކަށް ބަދަލުތައް ގެނައުމަކީ މި ދަނޑިވަޅުގައި ޗައިނާއިން އެޅިދާނެ ފިޔަވަޅުތަކެކެވެ.