ދުނިޔޭގެ ވިޔަފާރި

ދުނިޔޭގެ ބާޒާރުގައި ބައެއް ކާބޯތަކެތީގެ އަގުތައް މައްޗަށް!


ދުނިޔޭގެ ބާޒާރުގައި ބައެއް ތަކެތީގެ އަގުތައް އުފުލެން ފަށައިފިއެވެ.

އދގެ ކާބޯތަކެއްޗާއި ދަނޑުވެރިކަމާއިބެހޭ އޯގަނައިޒޭޝަނުން އާއްމުކޮށްފައިވާ ކާބޯތަކެތީގެ އަގުތަކުގެ އިންޑެކްސް ދައްކާގޮތުން ދުނިޔޭގެ ބާޒާރުގައި ވިއްކާ އާއްމު ކާބޯތަކެތީގެ ބާވަތްތަކުގެ އަގު 1.3 އިންސައްތަ ޖުލައިމަހު ވަނީ އުފުލިފައެވެ. ކާބޯތަކެތީގެ އަގުތައް އުފުލިފައިވަނީ ހަނޑުލާއި ކެއްކުމަށް ބޭނުންކުރާ ވެޖިޓަބަލް އޮއިލުންނެވެ. މިއީ މިދިޔަ އޭޕްރީލްމަހު ހަކުރުގެ އަގު އުފުލުމަށްފަހު އާއްމު ކާބޯތަކެތީގެ އަގުތައް ބާޒާރުގައި އުފުލުނު ފުރަތަމަ ފަހަރެވެ.

ކާބޯތަކެތީގެ އަގުތައް އުފުލިފައިވަނީ ރަޝިޔާއާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ސަޕްލައިކުރުމަށް ބުރޫ އަރާފައިވުމުންކަމަށް ހަބަރުތައް ބުނެއެވެ. ހާއްސަ ގޮތެއްގައި ޔޫކްރެއިނާއި ރަޝިޔާއިން އެކްސްޕޯޓްކުރާ ކާބޯތަކެތި އެކި ސަރަހައްދުތަކަށް ފޮނުވުމަށް ވަނީ ވަރަށް ބޮޑަށް ދަތިވެފައެވެ.

ކާބޯތަކެތީގެ އަގުތައް އުފުލިފައިވާ މި ދަނޑިވަޅުގައި ގޮވާން އެކްސްޕޯޓްކުރުމަށް ރަޝިޔާއާއެކު އދއާއި ތުރުކީ މެދުވެރިވެގެން ހަދާފައިވާ އެއްބަސްވުން އައު ނުކުރުމުން ކާބޯތަކެތީގެ އަގުތައް އިތުރަށް އުފުލިގެންދިއުމުގެ ބިރު އެބައޮތްކަމަށްވެސް ހަބަރުތައް ބުނެއެވެ.

ހަނގުރާމައިގެ ސަބަބުން އަގުތައް އުފުލެމުންދާއިރު، އިންޑިއާއިން ހަނޑޫ އެކްސްޕޯޓްކުރުން ވަގުތީގޮތުން މަނާކުރުމުން އެކަމުގެ ސަބަބުންވެސް އަގުތައް އުފުލޭނެކަމަށް ތަޖުރިބާކާރުން ބުނެއެވެ.