ޚަބަރު

ކުލަގަދަ ހަރަކާތްތަކަކާއެކު މިނިވަން އުފާ ކާނިވާ މިރޭ ހުޅުވަނީ


  • މިއީ މިނިވަން ދުވަހަށް ޚާއްސަކޮށްގެން ހޯމް މިނިސްޓްރީއާއި އެޗްޑީސީ ގުޅިގެން ބާއްވާ ޚާއްސަ ހަރަކާތެއް

  • ކާނިވާ ރަސްމީކޮށް ހުޅުވައިދެއްވާނީ މިރޭ 20:30 ގައި ރައީސުލްޖުމްހޫރިއްޔާ

  • އެކި އުމުރުފުރާގެ މީހުންނަށް ތަފާތު ގިނަ ހަރަކާތްތަކެއް ކާނިވާ ތެރޭގައި ކުރިއަށްދާނެ

  • އަންނަމަހުގެ 3 އަކާއި ހަމައަށް ކާނިވާ ކުރިއަށްދާނެ

މިއަހަރުގެ ރާއްޖޭގެ ފަޚުރުވެރި މިނިވަން ދުވަހުގެ ޚާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން އުފާ ކާނިވާ" މިރޭ ހުޅުވާނެއެވެ. ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށްދާ މި ކާނިވާ ރަސްމީކޮށް ހުޅުއްވައިދެއްވާނީ މިރޭ 20:30 ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

"މިނިވަން އުފާ" ކާނިވާ ކުރިން ހުޅުވާގޮތަށް ހަމަޖެހިފައި އޮތީ ހުކުރު ދުވަހުގެ ރޭގަނޑެވެ. ނަމަވެސް ކާނިވާ ހުޅުވުން ފަސްކުރީ މިހާރު ފެތުރެމުންދާ ރޯގާއާއި ގުޅިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ލަފާގެ މަތީންނެވެ. ކާނިވާ ހުޅުވުމަށްޓަކާ ތައްޔާރުވުމުގެގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކު މިއަދު ހަވީރު 4 އިން ފެށިގެން ބަންދުވާނެކަމަށް އެޗް.ޑީ.ސީން ބުނެއެވެ.


މިނިވަން އުފާ ކާނިވަލަކީ މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތައް ހިިމެނޭ ފެސްޓިވަލެއް ގޮތަށް ރާއްޖޭގައި މިހާތަނަށް ބާއްވާ އެންމެ ބޮޑު ހަރަކާތްކަމަށް ހޯމް މިނިސްޓްރީއާއި އެޗްޑީސީން ބުނެއެވެ.

މި ކާނިވަލުގައި ކުރިއަށްދާނެ ޚާއްސަ ހަރަކާތްތަކަށް ބަލާއިރު، ޓޫރިޒަމް މިނިސްޓްރީއާއި ބީ.އެމް.އެލްއާއި ދިރާގު ގުޅިގެން ރާއްޖޭގައި މިހާތަނަށް ބާއްވާ ފުރަތަމަ ޑްރޯން ޝޯވ ހިމެނެއެވެ. އަދި ރެޑްބުލްއާއި ގުޅިގެން ބާއްވާ ޕެރަ މޮޓޯގެ ހަރަކާތްތަކުގެ އިތުރުން، ހަވާ އެރުމުގެ ހަރަކާތްވެސް އޮންނާނެއެވެ.

މި ކާނިވަލްގައި ކުޅިވަރު ސްޓޯލްތަކާއި ފުޑް ސްޓޯލްތަކާއި ދިވެހި އަދި ބޭރު ފަންނާނުންގެ ހުށައެޅުންތަކާއި، ދިގުދަނޑި ހިނގުން، އެކްރޮބެޓްސްް، ޖަގްލަރސް، ބިރުވެރި ހޮހޮޅަ، ކަރޯކޭ ބޮކްސް، ފްލޯޓް ޕާރކް، ލެއިޒަރ ޕާރކެއްވެސް ހިމެނެއެވެ. މި ކާނިވަލުގެ ތެރެއިން މިރޭ 21:30 ހާއިރު ހުޅުމާލެ ސެންޓްރަލް ޕާކްގައި ހަވާ އެރުވުން އޮންނާނެއެވެ. މި ހަރަކާތް ކުރިއަށް ދާނީ ގާތްގަނޑަކަށް 8 މިނެޓެއްހާއިރުކަމަށް އެމް.އެން.ޑީ.އެފުން ވަނީ ވިދާޅުވެފައެވެ.

ކާނިވަލަށް ޒިޔާރަތްކުރާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް، އިތުރު މީހަކާއެކު އިންޑޮނޭޝިޔާގެ ބާލީއަށް 7 ދުވަހުގެ ދަތުރެއް ލިބޭނެއެވެ.

ކާނިވަލުގެ އިތުރުން މިނިވަން ދުވަހާއި ގުޅިގެން ބޭއްވި ފުޅަނދު ބުރުގައި ބައިވެރިވި ފުޅަނދުތައް ދައްކާލުން މިއަދު ހަވީރު 16:30 އިން 18:00 އަކަށް ސެންޓްރަލް ޕާކުގައި ކުރިއަށްދާނެކަމަށް ހޯމް މިނިސްޓްރީން ވިދާޅުވެއެވެ. މިރޭ ހުޅުވާ "މިނިވަން އުފާ ކާނިވާ" އަންނަ މަހުގެ 3 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރިއަށްދާނެއެވެ.