ޚަބަރު

ފްލެޓާއި ގޯތީގެ ކަންކަން "އީފާސް" ތެރެއަށް، އަވަހަށް އެޕްއަޅާ ރަޖިސްޓަރވުން މުހިންމު


ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޢާއްމުކުރަންވާއިރަށް، ޑިޖިޓަލް އައިޑީ އެޕް އަޅާ ރަޖިސްޓަރވުމަށް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން ވިދާޅުވެއްޖެއެވެ.

އެމިނިސްޓްރީން މިކަމަށް އެދިފައިމިވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މައި ޕޯޓަލް "ގެދޮރުވެރިން ޕޯޓަލް"ގެ ޚިދުމަތް ޤައުމީ ޑިޖިޓަލް އައިޑީ މެދުވެރިކޮށް ދޭން ނިންމުމާއި ގުޅިގެންނެވެ.

ދައުލަތުގެ މުވައްސަސާތަކުން ދެމުންދާ ޚިދުމަތްތައް ޑިޖިޓަލައިޒްކުރުމަށް ކުރިއަށްގެންދާ މަޝްރޫޢުގެ ދަށުން އޮންލައިންކޮށްދެމުންދާ ޚިދުމަތްތައް ޤައުމީ ޑިޖިޓަލް އައިޑެންޓިޓީގެ ދަށުން ދިނުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. އަދި ބައެއް ޚިދުމަތްތައް މިހާރުވެސް މީގެ ދަށުން ދޭންވަނީ ފަށާފައެވެ.

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއިން މިހާރުވަނީ، ސަރުކާރުގެ ބޯހިޔާވަހިކަމުގެ މައި ޕޯޓަލްކަމަށްވާ "ގެދޮރުވެރިން ޕޯޓަލް"ވެސް މި ޑިޖިޓަލް އައިޑެންޓިޓީގެ ތެރެއަށް ލާފައެވެ. އެހެންކަމުން މިމަހު ޢާއްމުކުރުމަށް ހަމަޖެހިފައިވާ ފްލެޓާއި ގޯތި ލިބުނު ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލްއަށް ވަނުމަށް އީފާސް ބޭނުންކުރުމަށް އެމިނިސްޓްރީއިން އެދެއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު ޝަރީފް ވިދާޅުވީ، ހައުސިންގ މަޝްރޫޢުތައް ޢިއުލާންކުރާ ދުވަސްވަރު ވަރަށް ގިނަ ބަޔަކު އެއްފަހަރާ ޕޯޓަލްއަށް ލޮގިންވާނެކަމަށެވެ. ޕޯޓަލްއަށް ވަނުމަށް ކޮންމެ ފަހަރަކު ޕާސްވޯޑު ޖަހާ އަދި އޯޓީޕީއަށް މަޑުކުރަންޖެހޭއިރު، އެއްފަހަރާ އެތައް ބަޔަކު ޕޯޓަލްއަށް އެކްސެސްވާން އުޅުމުން، އޯޓީޕީ ލިބުމުގައިވެސް ލަސްތަކެއްވާކަމުގެ ޝަކުވާ އިތުރުވާކަމަށެވެ.

އެހެންކަމުން އެކަމަށް ޙައްލެއްގެނެސް މަޢުލޫމާތުގެ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ފަސޭހަ ނިޒާމެއްގެ ތެރެއިން އެމީހެއްގެ ފްލެޓާއި ގޯތީގެ މަޢުލޫމާތުތަކަށް އެކްސެސްވުމަށް އީފާހުގެ ބޭނުންކުރުމަށް ޝަރީފްވަނީ އެދިވަޑައިގަންނަވާފައެވެ.


ސްޓޭޓް މިނިސްޓަރ ޝަރީފް ވަނީ ދުރާލާ އެޕްލިކޭޝަން އެޅުމަށްވެސް އިލްތިމާސްކުރައްވާފައެވެ. އޭނާ ވިދާޅުވީ އެޕްލިކޭޝަން އެޅުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ އެން.ސީ.އައި.ޓީގެ ހޮޓްލައިން 1551 މެދުވެރިކޮށް އެ އިދާރާގެ މުވައްޒަފުންގެ އެހީތެރިކަން ލިބިގެންދާނެކަމަށެވެ.

އީފާސްގެ އައު ފީޗާރސްތަކާއެކު، ކޮންމެ ފަހަރަކު އޯޓީޕީއާއި ޕާސްވޯޑު ނުޖަހާ ޕޯޓަލްއަށްވަދެވޭނެ އިންތިޒާމު ހަމަޖެހިގެންދިޔުމާއެކު ޢާއްމުންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ. ކޮމްޕިއުޓަރ ސިސްޓަމް ނުވަތަ މޯބައިލް ފޯނު މެދުވެރިކޮށްވެސް އެޕުން ޚިދުމަތް ލިބޭނެއެވެ.

މިހާރުވެސް 137000 އަށްވުރެ ގިނަ މީހުން އީފާހަށް ރަޖިސްޓަރކޮށްފައިވާކަމަށް އެންސީއައިޓީއިން މަޢުލޫމާތުދެއެވެ. އަދި މިވަގުތުވެސް ޖޮބް ސެންޓަރާއި އެސްޑީއެފްސީއެފް ފަދަ މުހިއްމު ޚިދުމަތްތައް ވަނީ އީފާސްގެތެރެއިން ލިބޭނެ މަގުފަހިކޮށްދެއްވާފައެވެ. އީފާސްގެ ބޭނުނަމަކީ އެ ޚިދުމަތްތައް ބޭނުންކުރާ ފަރާތްތަކުގެ އައިޑެންޓިޓީ ކަށަވަރުކޮށްދީ، ލޮގް-އިން ކޮށްދިނުންކަމަށް އެން.ސީ.އައި.ޓީއިން ވިދާޅުވެއެވެ.