ޚަބަރު

އޮފިސަރުންނަށް ބިރުއްދަކާ އިންޒާރުދޭނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަނަލް ސަރވިސް


މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ފޮޓޯއާއި މަޢުލޫމާތު ސޯޝަލް މީޑިއާގައި އާއްމުކޮށް، ބިރުދެއްކުމާއި އިންޒާރުދިނުމުގެ ޢަމަލުތައް ހިންގާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެކަމަށް އެ ސަރވިސްއިން ވިދާޅުވެއްޖެއެވެ.

ކަރެކްޝަނަލް ސަރވިސްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވީ، ފަހަކަށްއައިސް ކަރެކްޝަނަލް ސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މަޢުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، ސައްޙަނޫން ތުޙުމަތުތަކާއެކު ބަދުނާމުކުރާ ފަދަ އިބާރާތްތައް ބޭނުންކޮށް، ބިރުދައްކައި އިންޒާރުދެމުންދާކަން ފާހަގަކުރެވިފައިވާކަމާށެވެ.


ސައްހަނޫން މިފަދަ މަޢުލޫމާތު ފެތުރުމުގެ ސަބަބުން އޮފިސަރުންނާއި މުވައްޒަފުންގެ ޤާނޫނީ މަސްއޫލިއްޔަތާއި، ވާޖިބުތައް އަދާކުރުމުގެގޮތުން ކުރާ މަސައްކަތާމެދު އާއްމުންގެ މެދުގައި ނަފްރަރު އުފެދޭކަމަށެވެ.

މިފަދަ ޢަމަލުތަކުގެ ސަބަބުން ކަރެކްޝަންގެ އޮފިސަރުންނާއި މުވައްޒަފުންނަށް ނުރައްކާތެރިކަން އިޚްސާސްކުރެވޭކަމަށާއި، މިއީ ކަންބޮޑުވުމާއެކު ކުށްވެރިކުރާ ކަމެއްކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ވިދާޅުވެއެވެ. އަދި މިފަދަ ޢަމަލުތައް ނުކުރުމަށާއި، މިފަދަ ޢަމަލުތައް ތަކުރާރުވަމުންދާނަމަ އެފަރާތްތަކާމެދު ޤާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެކަމަށްވެސް އެ ސަރވިސްއިން ނެރުނު ބަޔާނުގައި ވިދާޅުވެފައިވެއެވެ.