ޚަބަރު

ދުންފަތުގެ އިސްތިއުމާލްކުރުމާ ދުރުހެލިވާންވީ އެންމެންގެ ޞިއްޙީ ރައްކަލަށް: ރައީސް


ދުންފަތުގެ އިސްތިޢުމާލުކުރާ މީހުން އަޒުމް ކަނޑައަޅަންވީ ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ ކޮންމެ ކަމަކުން ދުރުހެލިވުމަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިޢުމާލު ނުކުރާ ދުވަހުގެ މުނާޞަބަތުގައި ފޮނުއްވި ޚިޠާބުގައެވެ.

ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ފޮނުއްވި ޚިޠާބުގައިވަނީ ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާ އިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަޙައްމަލުކުރަމުން ދާ އެތައް ބަޔަކު ތިބިކަން ފާހަގަކުރައްވާފައެވެ. އަދި ރާއްޖޭގައި ތިބި ދުންފަތުގެ އިސްތިޢުމާލުކުރާ މީހުންވެސް އެކަމަށްޓަކައި ކޮންމެ ދުވަހަކު އެ ހޭދަކުރާ ފައިސާއަކީ، އެމީހުންނާއި އެމީހުންގެ ޢާއިލާގެ މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ހޭދަކުރެވިއްޖެ ނަމަ، މުޅި މުޖްތަމަޢަށް އޭގެ މަންފާކުރާނެ ފައިސާތަކެއްކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ދުންފަތުގެ އިސްތިޢުމާލު ކުރުމަށް ޚަރަދުކުރާ ފައިސާތައް ރައްކާކޮށް އެ ފައިސާ ތަފާތު ބަލިތައް ތަޙައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށް ބޭނުންކުރެވިދާނެކަމަށެވެ. އަދި އެއީ ރަނގަޅު ކާނާ އާއި ބޯފެނާއި ދިރިއުޅުމުގެ ޒަރޫރީ އެތައް ކަމަކަށް ހޭދަކުރެވިދާނެ ފައިސާތަކެއްކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.

ދުންފަތުގެ އިސްތިޢުމާލުކުރުމަކީ، އެކަން ކުރާ މީހާގެ އިތުރަށް އެހެންމީހުންނަށްވެސް އެކަމުން އަސަރުކުރާކަމެއްކަން ފާހަގަކުރައްވާ ރައީސް ވަނީ ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް، އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިޢުމާލުކުރުމާ ގުޅިފައިވާ ބަލިތައް ކަމަށެވެ. އަދި އެފަދަ ބަލިތަކުގައި ބައެއް ގުނަވަންތައް އެކުގައި ހަލާކުވެ ފުރާނަ ގެއްލިގެން ދިއުމަކީވެސް ކުރިމަތިވާ ވަރަށް ނުރައްކާތެރި ކަމެއްކަން ރައީސް ފާހަގަކުރެއްވިއެވެ.

"މިފަދަ ދުވަސްތައް އަޅުގަނޑުމެންގެ ތެރޭގައި ފާހަގަކުރުމުގެ މައިގަނޑު މަޤްޞަދަކީވެސް، އެފަދަ ނުރައްކާތަކާ މެދު ހޭލުންތެރިވެ، އެފަދަ ނުރައްކާތަކުން ތިމާ އާއި އަނެކުން ވެސް ރައްކާތެރިކުރުމަށް މަސައްކަތްކުރުން. އެހެންކަމުން، ދުންފަތުގެ އިސްތިޢުމާލުކުރާ ކޮންމެ މީހަކުމެ މިއަދު ޢަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ޞިއްޙީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް" ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.

މިއަހަރުގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް ފާހަގަކުރުމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ކަނޑައަޅާފައިވާ ޝިޢާރަކީ، "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ. މި ޝިޢާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ޙައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުމެވެ.