މުނިފޫހިފިލުވުން

"ނީނާ" އަށް ކުޑަ އިންތިޒާރެއް، ފިލްމް ރިލީޒްކުރުން އޯގަސްޓް 6 ގައި


ދިވެހި ފިލްމުތަކަށް ލޯބިކުރާ ފަރާތްތަކަށް މިއީ ހަމަ ޤައިމުވެސް އުފާވެރި ޚަބަރެކަށްވާނެއެވެ. އައި ފިލްމްސްގެ ކުރިއަށް އޮތް ފީޗަރ ފިލްމް "ނީނާ" ރިލީޒްކުރާނެ ތާރީޚު މިވަނީ ހާމަކޮށްފައެވެ. މި ފިލްމު ސިނަމާތަކަށް ގެނައުމަށް ހަމަޖެހިފައިވަނީ އަންނަ އޯގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ. މިއީ އައި ފިލްމްސްގެ ދެވަނަ ފީޗަރ ފިލްމެވެ.

ފިލްމު ރިލީޒްކުރާނެ ތާރީޚު އައި ފިލްމްސްއިން ހާމަކޮށްފައިވަނީ އެކަމަށްޓަކާ ސޮލައިޓްގައި ބޭއްވި ޚާއްސަ ލޯންޗިން އިވެންޓުގައެވެ. މި އިވެންޓުގައި ފިލްމް ރިލީޒްކުރާނެ ތާރީޚުގެ އިތުރުން، ފިލްމުގެ ރަސްމީ ޕޯސްޓަރާއި، ޓީޒަރ ޓްރެއިލަރ، ޕްރޮމޯޝަނަލް ލަވަ އަދި މެއިން ޓްރެއިލާވެސް މީޑިއާތަކަށް ވަނީ ދައްކާލާފައެވެ.

މި ފިލްމު އޯގަސްޓް 6 ގައި ސިނަމާތަކަށް ގެނައުމަށް ނިންމާފައިވާއިރު، ފިލްމުގެ 30 ޝޯވ ދެއްކުމަށް ވަނީ ހަމަޖެހިފައެވެ. އައި ފިލްމްސްގެ ފުރަތަމަ ފިލްމެކޭވެސް އެއްފަދައިން މި ފިލްމަކީވެސް ބެލުންތެރިންނަށް ތަފާތު ރަހަތަކެއް ގެނެސްދޭނެ "ސަސްޕެންސް" އަދި "ތްރިލާ" ބައިތައް ހިމެނޭނެ ފިލްމެއްކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ.


މި ފިލްމުގެ ވާހަކަ ލިޔެ ޑައިރެކްޓްކުރީ އިލްޔާސް ވަޙީދު (އިއްލެ) އެވެ. ފިލްމުގެ ވާހަކަ ބިނާކޮށްފައިވަނީ ހިތްވަރުގަދަ އަންހެނަކު އޭނާގެ ދިރިއުޅުމުގައި ދިމާވާ ކަންތައްތަކާ ކުރިމަތިލާގޮތުގެ މައްޗަށެވެ.

އެ ކެރެކްޓަރއެއްގެ މައްޗަށް ފިލްމުގެ ނަމާއި ވާހަކަ ނިސްބަތްވާ "ނީނާ"ގެ ރޯލުން ފެނިގެންދާނީ އައި ފިލްމްސްގެ ފުރަތަމަ ފީޗަރ ފިލްމް "ބަވަތި"ގެ ލީޑްރޯލުން ފެނުނު ބަތަލާ ނުޒުޙަތު ޝުޢައިބެވެ. ހަމައެހެންމެ ފިރިހެން ލީޑް ރޯލުން ފެނިގެންދާނީ މިހާރު ދިވެހި ފިލްމް އިންޑަސްޓްރީގައި ކުރިއަރަމުން އަންނަ ޝަރަފް ޢަބްދުﷲ އެވެ.

މީގެ އިތުރުން ފިލްމުގެ މުހިއްމު ރޯލުތަކުން ފެނިގެންދާ ބައެއް މޫނުތަކުގެ ތެރޭގައި ކުރީގެ މަޝްޙޫރު ބަޠަލާ މަރިޔަމް ރަޝީދާ، މަރިޔަމް ޝަކީލާ، އާދަމް ރިޒްވީ، ނަތާޝާ ޖަލީލް އަދި ޢަލީ އިނާޒް ހިމެނެއެވެ. ހަމައެހެންމެ ފީޗަރ ފިލްމަކުން އަލަށް ތަޢާރަފުވާ ބައެއް މޫނުތައްވެސް މި ފިލްމުގެ އެކި ރޯލުތަކުން ފެނިގެންދާނެއެވެ.

"ނީނާ" މި ފިލްމު ލޯންޗުކުރުމަށް ބޭއްވި އިވެންޓުގައި ވާހަކަދައްކަމުން ފިލްމުގެ ޑައިރެކްޓަރ އިލްޔާސް ވަޙީދު ބުނީ ފިލްމުގެ މަސައްކަތުގެ ބޮޑު ބައެއް މިހާރު ނިމިފައިވާކަމަށެވެ. އަދި "ބަވަތި" އެކޭ އެއްފަދައިން މިފަހަރުގެ ފިލްމުންވެސް ދިވެހި އޯޑިއަންސްއަށް ތަފާތު އެކްސްޕީރިއަންސްއެއް ގެނެސްދިނުމަކީ މުޅި ޓީމުގެ އަމާޒުކަމަށް އޭނާ ބުންޏެވެ.

"ފިލްމުގެ ޝޫޓިންގަ ނޫޅޭނެ ނުނިމޭ އެއްވެސް މަސައްކަތެއް. ލަވަތައް ހުރިހާ އެއްޗެއް ނިމިފައި. ޕޯސްޓް ޕްރޮޑަކްޝަންގެވެސް ބޮޑުބައި ނިމިފައި. މިއުޒިކްވެސް ނިމި ހުރިހާކަމެއް އަނެއްހެން ނިމިފައި. މިސާލަކަށް މި އަންނަ ހަފްތާގައި އަޅުވާ ވާހަކަ ބުނެއްފިއްޔާ އެޓްލީސްޓް ވީކެއްގެ ވޯކް މިހުރީ ކުރަން" އިލްޔާސް ބުންޏެވެ.

"ނީނާ" މި ފިލްމުގެ މަސައްކަތް އައި ފިލްމްސްއިން ފެށީ ކޯވިޑްގެ ކުރިންނެވެ. ނަމަވެސް ކޯވިޑްގެ ސަބަބުން ފިލްމުގެ މަސައްކަތްތައް މެދުކެނޑިފައި އޮތުމަށްފަހު، ސްކްރީނަށް ފިލްމު އަންނާތީ ނުޒުޙަތާއި ޝަރަފްވެސް ވަނީ ފިލްމާމެދު ފޮނި އުއްމީދުތަކެއް ކުރެވޭކަން މި އިވެންޓްގައި ވާހަކަދައްކަމުން ފާހަގަކޮށްފައެވެ.

މި ފިލްމުގެ މަންޒަރުތައް ނަގާފައިވަނީ މާލޭ ސިޓީގެ އިތުރުން ލ. އަތޮޅުގެ ރަށްތަކުގައެވެ. ފިލްމް ޕްރޮޑިއުސްކުރުމުގައި އިލްޔާސްގެ އިތުރުން އާސިމް ޢަލީ އަދި އަޙްމަދު ވަޙީދު މަސައްކަތްކޮށްފައިވެއެވެ. ސިނެމެޓޯގްރަފީގެ މަސައްކަތްތައް ކޮށްފައިވަނީ އިބްރާހީމް ވިސާން (ކަނޑި) އެވެ. އެޑިޓިން އާއި ޕޯސްޓް ޕްރޮޑަކްޝަންގެ މަސައްކަތްތަށް ކޮށްފައިވަނީ "ބަވަތި" ގައި ވެސް އެ މަސައްކަތްތައް ކުރި ޓީމުކަމަށްވާ "އޯކޭޒް އިންކް" އިނެވެ.