ޚަބަރު

މ. މަޑުއްވަރީ ޕޮލިސް ޕޯސްޓް ރަސްމީގޮތުން ހުޅުއްވައި ޚިދުމަތްދެއްވަން ފަށްޓަވައިފި


މ. މަޑުއްވަރީގައި ޤާއިމުކުރެއްވި ޕޮލިސް ޕޯސްޓު ރަސްމީގޮތުން ހުޅުއްވައިފިއެވެ. މިކަމަށްޓަކައި މަޑުއްވަރީގައި މިއަދު ބޭއްވެވި ރަސްމިއްޔާތުގައި ޕޮލިސް ޕޯސްޓު ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމް އެފެއަރޒް ޢިމްރާން ޢަބްދުﷲ އާއި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުއެވެ.

މި ރަސްމިއްޔާތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ދެއްކެވި ވާހަކަފުޅުގައި، ދާއިމީ ގޮތެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކުރައްވައިގެން ޚިދުމަތް ދެއްވުމަކީ ޚަރަދުބޮޑު ކަމެއްކަމަށާއި، ރާއްޖޭގެ ޖިއޯގްރަފީ އާއި ރައްޔިތުންގެ ދިރިއުޅުމުގެ ކަންކަން ހަމަޖެހިފައިވާ ގޮތަށް ބަލާއިރު ރާއްޖޭގައި ފުލުހުންގެ ޚިދުމަތްދެއްވައި ތަރައްޤީކުރެއްވުމުގައި ބޮޑެތި ދަތިތަކާއި ގޮންޖެހުންތައް ހުރިކަމުގައި ވިދާޅުވިއެވެ. އަދި އެ ގޮންޖެހުންތަކަކީ ހަމައެކަނި ފައިސާ އާއި ވަޞީލަތްތަކުގެ ސަބަބުން އަންނަ ދަތިތައް ނޫންކަން ފާހަގަކުރައްވައި، އިންސާނީ ވަޞީލަތުގެ ދަތިކަމާއި މަސައްކަތްތަކަށް ބޭނުންވާ ހުނަރު ހުރި އަދި ޝައުގުވެރި ފަރާތްތައް ހޯދުމުގެ ދަތިކަން ހުރިކަންވެސް ފާހަގަކުރެއްވިއެވެ.

ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާގެ މައްޗަށް ފުލުހުންގެ ޚިދުމަތް ދެއްވުމަކީ ފުލުހުންގެ ޚިދުމަތުގެ ޤާނޫނުން ފުލުހުންގެ މައްޗަށް ލާޒިމުކުރާ ކަމެއްކަމަށާއި، މި ފަލްސަފާގެ މައްޗަށް ބިނާކޮށް ފުލުހުންގެ ޚިދުމަތްދެއްވާއިރު ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރުމަކީ މުހިންމުކަމެއް ކަމުގައި ސީޕީ ޙަމީދު ވިދާޅުވިއެވެ. އަދި އެގޮތަށް މަސައްކަތްކުރުމަށްޓަކައި ފުލުހުން ރައްޔިތުންނަށް އަދި ރައްޔިތުން ފުލުހުންނަށް އިތުބާރުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.

އެކުވެރި މާޙައުލެއްގައި ކަންކަމާމެދު މަޝްވަރާކޮށް މައްސަލަތަކަށް ޙައްލުހޯދުމުގެ ގޮތުން މ. އަތޮޅުގައިވެސް އަވަށްޓެރި ފުލުހުންގެ ޚިދުމަތުގެ ގޮތުގައި ގުޅިގެން މަސައްކަތްކުރެވޭނެ އިންތިޒާމެއް އެކުލަވާލާފައިވާކަން ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު ފުލުހުންގެ ޚިދުމަތެއް ރަށެއްގައި އަލަށް ފެށުމަކީ އެރަށެއްގެ ރައްޔިތުންނާ ފުލުހުން ގުޅިގެން މަސައްކަތްކުރުމަށް ލިބިގެންދާ ވަރަށް ބޮޑު ފުރުޞަތެއް ކަމަށާއި އަދި ފުލުހުން ތިބުމުން އިޖުތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީއަށާއި ރަށުގެ ރައްޔިތުންގެ މަސައްކަތްތަކަށް އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

ސީޕީގެ ވާހަކަފުޅުގައި މަޑުއްވަރީގައި ފުލުހުންގެ ޚިދުމަތް ފެށްޓެވުމަށް އެރަށު ކައުންސިލުން އަދާކޮށްދެއްވި ދައުރާއި ޖުމުލަ ގޮތެއްގައި ފުލުހުންގެ މަރުކަޒެއް ޤާއިމުކުރައްވައި ޚިދުމަތްދެއްވުމުގައި ހުރިހާ ގޮތަކުން އެހީތެރިކަން ދެއްވި ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި މަސްތުވާތަކެތި ފަދަ ބޮޑެތި ކުއްތައް މަދުކުރުމަށް ރަށްރަށުގެ ކައުންސިލުތަކާ ގުޅިގެން މަސައްކަތްކޮށްދިނުމަށް އެދިވަޑައިގަތެވެ.

ވަސީލަތްތައް މަދުނަމަވެސް ރަށު ފެންވަރުގައި އައު އުކުޅުތަކާއި އައު ވިސްނުންތައް ބޭނުންކޮށްގެން ކައުންސިލުތަކާ އަދި އެ ނޫންވެސް ގުޅުންހުރި ފަރާތްތަކާ ގުޅިގެން ފުލުހުން އަދާކުރަންޖެހޭ ގާނޫނީ ވާޖިބު އަދާކޮށްދެއްވުމަށް އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުންގެ ކިބައިން ކޮމިޝަނަރ އެދިވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުލްމަންނާން ޔޫސުފް، ލޯކަލް ޕޮލިސިންގ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު، ސައުތު ސެންޓްރަލް ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙޫސައިން ރަޝީދާއި ފުލުހުންގެ އެގްޒެކެޓިވް އޮފިސަރުންނާއި މުލަކަތޮޅު ކައުންސިލްތަކުގެ މެންބަރުން ބައިވެރިވެވަޑައިގަތެވެ.