ވިޔަފާރި

ވޯޓާ ތީމް ޕާކުގެ ބިން ހަވާލުކުރުން ފަސްކުރުމަށް ހައިކޯޓުން އަންގައިފި


ހުޅުމާލޭގައި ތަރައްޤީކުރަން މަސައްކަތްކުރި ތީމް ޕާކުގެ ބިން އެޗްޑީސީއާ ހަވާލު ކުރުމަށް އަންގާފައިވާ ސިޓީއަށް އަމަލު ކުރުން ފަސް ކުރުމަށް ހައިކޯޓުން ވަގުތީ އަމުރެއް ނެރެފިއެވެ.

ހުޅުމާލޭގައި ވޯޓަރ ތީމް ޕާކެއް ޤާއިމް ކުރުމަށް 2017 ވަނަ އަހަރު ވޯޓަރ ފްރަންޓް އެންޑް ލޭޝަރ ޕްރައިވެޓް ލިމިޓެޑާއި މަސައްކަތް ވަނީ ހަވާލު ކުރެވިފައެވެ. ނަމަވެސް މަސައްކަތް ކުރިއަށް ނުގޮސް ގިނަ ދުވަސްތަކެއް ވުމުން، އެޗްޑީސީއާއި އެކުންފުންޏާއި ދެމެދު ވެފައިވާ އެއްބަސްވުން އުވާލުމަށް އެޗްޑީސީން ވަނީ ނިންމާފައެވެ. އަދި މިބިން އަނބުރާ މިމަހުގެ 22 ވަނަ ދުވަހުގެ ނިޔަލަށް ހަވާލު ކުރުމަށް އެޗްޑީސީން އޮތީ އަނގާފައެވެ.

މިމައްސަލައިގައި ވޯޓަރ ފްރަންޓް ކުންފުނިން އެޗްޑީސީގެ އެންގުން ފަސްކުރުމަށް ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިއެވެ. އެ މަސައްލައިގައި އެކުންފުނިން ބުނެފައިވަނީ ސިވިލް ކޯޓުގައި މިވަގުތުވެސް އެއްބަސްވުމުގެ ބައިތަކާއި ގުޅޭ މައްސަލައެއް ކުރިއަށް ގެންދަން އެކުންފުނިން މަސައްކަތް ކުރަމުންދާއިރު އެޗްޑީސީން އެއްބަސްވުން ބާތިލް ކުރުމަކީ ކުންފުންޏަށް އިޔާދަ ނުކުރެވޭ ވަރުގެ ގެއްލުމެއް ވެދާނެ ކަމެއް ކަމަށެވެ.

މިމައްސަލާގައި ސިވިލް ކޯޓުން އޭރު ނިންމީ، ވޯޓަރ ފްރަންޓް ކުންފުންޏަށް ވާނެ ގެއްލުން ކޯޓަށް ބަޔާންކޮށް ނުދެވުމާއެކު އެޗްޑީސީގެ އެންގުން ތަންފީޒު ކުރުން ހުއްޓުވެން ނެތް ކަމަށެވެ. މިއާއެކު ސިވިލް ކޯޓުގެ ނިންމުން ވޯޓަރ ފްރަންޓް ކުންފުނިން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވާއިރު، ހައިކޯޓުން ވަނީ އެޗްޑީސީގެ އެންގުމަށް އަމަލު ކުރުން މަޑު ޖައްސާލުމަށް ވަގުތީ އަމުރެއް ނެރެފައެވެ.

ހައިކޯޓުގެ މިއަމުރަކީ އިސްތިއުނާފު މައްސަލައިގައި ހައިކޯޓުން ވަކިގޮތެއް ނިންމުމުގެ ކުރިން އެޗްޑީސީގެ އެންގުމުގެ މުއްދަތު ހަމަވާތީ، މިކަމުގެ ސަބަބުން މައްސަލައިގެ ހާލަތު ބަދަލުވެދާނެތީ ނެރުނު އަމުރެއްކަމަށް ހައިކޯޓުގެ އަމުރުގައިވެއެވެ.

ހުޅުމާލޭގައި ތީމް ޕާކެއް ޤާއިމް ކުރުމުގެ މަޝްރޫޢުއަކީ 35 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. 2017 ވަނަ އަހަރު ހަވާލު ކުރެވުނު މިމަޝްރޫގައި ޕާކުގެ ބައެއް އިމާރާތްތަކުގެ ސްޓްރަކްޗަރަލް މަސައްކަތް ފިޔަވާ މާ ބޮޑު މަސައްކަތެއް ކުރިއަށް ގޮސްފައެއް ނުވެއެވެ.