ވިޔަފާރި

އައްޑޫ ސަރަހައްދީ ބަނދަރަށް ގެނައި އައު ކެރޭނާއެކު މަސައްކަތް 3 ގުނަ ހަލުވި ވާނެ!


އައްޑޫސިޓީ ހިތަދޫ ޕޯޓަށް ގެނައި އައު ކެރޭނާއެކު މުދާ ބޭލުމުގެ މަސައްކަތް 3 ގުނަ ހަލުވި ވެގެންދާނެކަމަށް ދެކުނުގެ ސަރަހައްދީ ބަނދަރު، ހިތަދޫ ޕޯޓްސް ލިމިޓެޑުން ވިދާޅުވެއްޖެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑުގެ ދަށުން ހިނގާ މި ބަނދަރުގެ މަސައްކަތް ހަރުދަނާކޮށް އަވަސް ކުރުމަށް އެކި ގޮތްގޮތުން ދަނީ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން ގެނައި ޒޫމްލަޔަން 150 ޓަނުގެ ކްރޭން ކޮމިޝަންކޮށް މަސައްކަތައް ނެރުމަށްދަނީ ތައްޔާރުވަމުންނެވެ.

މި ކްރޭންގެ ސަބަބުން އައްޑޫގެ ސަރަހައްދީ ބަނދަރުގެ ޙިދުމަތް އިތުރަށް ރައްކާތެރިވެ، ކާގޯ ލޯޑު ކުރުމާއި އަންލޯޑު ކުރުމުގެ ކަންކަން އަވަސް ވެގެން ދާނެ ކަމަށް އެމްޕީއެލްއިން ވަނީ ވިދާޅުވެފައެވެ.

މިކަމާއި ގުޅިގެން ސަރަހައްދީ ބަނދަރުން ވިދާޅުވެފައިވަނީ މިހާރު ގަޑިއަކަށް މަސައްކަތް ކުރެވެނީ 100 ޓަނުގެ ކެޕޭސިޓީއެއްގައި ކަމަށެވެ. ނަމަވެސް މި ކްރޭން ލިބުމާއިއެކު މަސައްކަތުގެ ކެޕޭސިޓީ 3 ގުނަ އިތުރުވެ 300 ޓަނަށް އިތުރުވެގެން ދާނެ ކަމަށް ޕޯޓްސް ލިމިޓެޑްއިން ވިދާޅުވެއެވެ.

ޕޯޓުގެ ހިނގުން ހަރުދަނާ ކުރުމުގެ އިތުރުން އެމްޕީއެލްއިން ދަނީ ހިތަދޫ ޕޯޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ކުރަމުންނެވެ. އެގޮތުން ސަރަހައްދީ ބަނދަރުގެ އަޕްގްރޭޑިން މަސައްކަތް އެމްޓީސީސީއާ ވަނީ ހަވާލު ކުރެވިފައެވެ. މިއީ މި ބަނދަރު ބައިނަލްއަޤްވާމީ މިންގަނޑުތަކަށް ތަރައްޤީ ކުރުމަށް ކުރެވޭ މަސައްކަތެކެވެ.