ރިޕޯޓް

އައްޑޫގައި ހެލްމެޓް ޤަވާއިދު ތަންފީޒު ކުރުން، މުހިންމު ފިޔަވަޅެއް!


އައްޑޫސިޓީ އޭ ދެންނެވުމުން އެންމެ ފުރަތަމަ ހިތަށް ސިފަވެގެންދާނެ އެއް ތަނަކީ އައްޑޫ ލިންކް ރޯޑެވެ. ނުވަތަ ގުޅިފައިވާ ދިގު މަގެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން ނުރައްކާތެރި އެކްސިޑެންޓު ހިނގާފައިވާ މަގޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. މިމަގުގެ ވަކި ސަރަހައްދެއްގައި 60 ކިލޯމީޓަރަށް ދުއްވޭ ސަރަޙައްދެއް އޮވެއެވެ. މަގުން ދުއްވާއިރު ރަށްރަށުގެ އެތެރެއަށް ވީ ހިސާބުގައި ދުއްވަން ކަނޑައަޅާފައި އޮންނަނީ 30 ކިލޯމީޓަރަށެވެ. 60 ކިލޯމީޓަރަށް ދުއްވަން ހުއްދަ އޮންނަނީ ހިތަދުއާއި މަރަދުއާ ދެމެދު އޮންނަ ސަރަޙައްދުގައެވެ. އެއީ ގާތްގަނޑަކަށް 4.6 ކިލޯމީޓަރުގެ ސަރަހައްދެކެވެ. މި ސަރަހައްދުގައި ސައިކަލު ދުއްވަންޖެހެނީ ހެލްމެޓް އަޅައިގެންނެވެ.

މިއީ ހެލްމެޓް އަޅައިގެން ދުއްވަންޖެހޭ ސަރަހައްދެއްގެގޮތުގައި ކަނޑައަޅައި މިސަރަހައްދުގައި އެޤަވާއިދު އެންމެ ފުރަތަމަ ތަންފީޒު ކުރީ 2010ވަނަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގައެވެ. އޭރު ހެލްމެޓް އަޅައިގެން ދުއްވަން ލާޒިމްކުރީ މިސަރަހައްދުގައި ހިނގަމުންދިޔަ ފުރާނައަށް ނުރައްކާތެރިވާ އެކްސިޑެންޓުތައް ގިނަ ކަމުންނެވެ. އެއަށް އަމަލު ކުރަން ފެށުމާއި އެކު، ނުރައްކާތެރި އެކްސިޑެންޓުތައް އޭރު މަދުވިކަމަށް ފުލުހުން ވިދާޅުވެއެވެ.

މިކަން މިހެން އޮއްވައި ހެލްމެޓް އެޅުމުގެ ޤަވާއިދެއް އެކުލިއެވެ. އެއީ މާލޭގެ ސިނަމާލޭ ބްރިޖު ހަދައި ހުޅުވުމާއެކު ހެދި ޤަވާއިދެކެވެ. މި ޤަވާއިދުގައި ވާގޮތުން އަންޅަންޖެހޭނީ ވަކި މިންގަނޑަކަށް ފެތޭ ހެލްމެޓެކެވެ. އެއީ އެއިން ރައްކާތެރިކަން ކަށަވަރުވާފަދަ ކޮލިޓީއެއްގެ އެއްޗަކަށް ވާން ޖެހެއެވެ. ސިނަމާލެ ބްރިޖުން ދަތުރުކުރާ އިރު ޤަވާއިދަކަށް ފެތޭ ހެލްމެޓް އަޅަން މަޖުބޫރުވިއެވެ. ފުލުހުން އެކަން ބަލައި މޮނީޓަރވެސް ކުރެއެވެ. އެހެންނަމަވެސް އައްޑޫ ލިންކްރޯޑުގައި މިޤަވާއިދެއް ތަންފީޒެއް ނުވެއެވެ. ބާރަށް ދުއްވާ ސަރަހައްދުގައި ދުއްވާއިރުވެސް ހެލްމެޓެއް އަޅާލީމާ ނިމުނީއެވެ. އަޅާ ހެލްމެޓަކީ ކިހާފެންވަރެއްގެ އެއްޗެއްތޯ، ޤަވާއިދަށް ފެތޭތޯއެއް ނުބަލައެވެ.

ޤަވާއިދަށް ނުފެތޭ ހެލްމެޓް އެޅުން އައްޑޫގައި ޢާންމުވެފައިވާއިރު، މިއީ ހެލްމެޓު ނޭޅުންފަދަ ކަމެކޭ ދެންނެވިދާނެއެވެ. ސަބަބަކީ ރައްކާތެރިކަން ކަށަވަރުނުވާ ހެލްމެޓެއް އަޅައިގެން ދުއްވަނިކޮށް އެކްސިޑެންޓެއްވާ ޙާލަތުގައި ބޮލަށްލިބޭ ހާނީއްކައިން ރައްކާތެރިކަމެއް ނުލިބެއެވެ. ފުރާނައަށް ނުރައްކާވާ ޙާލަތު މެދުވެރިވެއެވެ.

މިމައްސަލަ މިގެން އޮއްވައި މިހާރު ފުލުހުން މިވަނީ، އައްޑޫގައި ހިނގާ ނުރައްކާތެރި އެކްސިޑެންޓް މަދުކުރުމަށް ޚާއްސަ ކެމްޕެއިނެއް ފަށާފައެވެ. ބާރު ސްޕީޑުގައި އުޅަނދުތައް ދުއްވާ ސަރަހައްދުގައި ދުއްވާއިރު އަޅަން ޖެހޭ ހެލްމެޓުގައި ހުންނަން ޖެހޭ މިންގަނޑުތައް، މި ކެމްޕެއިންގެ ދަށުން ފުލުހުން އަންނަނީ ޢާއްމުންނަށް ކިޔައިދެމުންނެވެ.

މިފަދަ ސަރަހައްދެއްގައި ދުއްވާއިރު އަޅާ ހެލްމެޓަކީ ބޮލަށް ހެޔޮވަރު، އަދި ދުއްވާ މީހާއަށް ދުރުފެންނަ ސާފު ޝީލްޑެއްހުރި އަދި ހެލްމެޓުގެ ކަމަރު ރަނގަޅަށް އަޅުވާ ލެވޭ ގޮތަށް އޮތް ހެލްމެޓަށް ވާން ޖެހެއެވެ. އަދި މީގެ އިތުރުން "ފުލް ފޭސް" ހެލްމެޓެއް ނޫންނަމަވެސް ކަންފަތް ފޮރުވެން ޖެހޭނެކަމަށް ފުލުހުން ވިދާޅުވެއެވެ. އަދި ޢާއްމުއިޖުތިމާޢީ މިންގަނޑާ ޚިލާފު ލިއުމެއް ހެލްމެޓުގައި ހުރެގެން ނުވާނެއެވެ.

މިހާރު މިކެމްޕެއިން ކުރިއަށް ގެންދިޔައަސް އައްޑޫގައި ހެލްމެޓް ޤަވާއިދު ތަންފީޒުކުރަން ނިންމާފައިވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އެދުވަހުން ފެށިގެން ޤަވާއިދާ ޚިލާފު ހެލްމެޓު އަޅާ މީހުންނާމެދު ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ވިދާޅުވެއެވެ.

ޕީއެސްއެމް އަށް މަޢުލޫމާތު ދެއްވަމުން ފުލުހުންގެ ގަން ސްޓޭޝަން އިންޗާޖް ޢަބްދުﷲ ދީދީ ވިދާޅުވީ އައްޑޫގައި ހިނގާފައިވާ އެކްސިޑެންޓްތަކަށް ބަލާއިރުވެސް ރައްކާތެރި ހެލްމެޓެއް ނޭޅުމުގެ ސަބަބުން އެކްސިޑެންޓުގައި ލިބޭ ހާނީއްކަ ބޮޑުކަން ފާހަގަކުރެވިފައި ވާކަމަށެވެ. އެހެންކަމުން އޮގަސްޓުމަހުގެ ނިޔަލަށް އައްޑޫގެ ގުޅިފައިވާ ރައްތަކުގެ އެކި ސަރަހައްދުތަކުގައި އެކި ގަޑިތަކުގައި ރައްޔިތުންނަށް ހެލްމެޓާބެހޭ މައުލޫމާތު ފޯރުކޮށްދިނުމަށް ފުލުުން ޙަރަކާތްތެރިވާނެކަމަށް އޭނާ ވިދާޅުވެއެވެ.

"ވަރަށް ގިނަ ބޭފުޅުން އެބަބޭނުންކުރޭ ސައިޓުތަކުގައި މަސައްކަތް ކުރާއިރު ބޭނުންކުރާކަހަލަ ހެލްމެޓް. ހަމަ އެއާއެކު ރައްކާތެރިކަމުގެ މިންގަނޑުންބޭރު ބޮލުގައި ހަރުނުލާ ކަހަލަ، ނުވަތަ ކަންފަތް ފޮރުވިފައި ނުހުންނަފަދަ، ނުވަތަ އެކްސިޑެންޓެއް ވާ ހާލަތުގައިވެސް އެއްވެސް ކަހަލަ ރައްކާތެރިކަމެއް ނުލިބޭ ފަދަ ހެލްމެޓް އެބަ ބޭނުން ކުރޭ. އަޅުގަނޑުމެންގެ މައިގަނޑު ބޭނުމަކީ މިފަދަ ހެލްމެޓްތައް ކިޔަލާދީ ރަނގަޅު ހެލްމެޓްތައް ބޭނުން ކުރުވަން ފެށުން." އަބްދުﷲ ދީދީ ވިދާޅުވިއެވެ.

2010ވަނަ އަހަރުގެ ނުރައްކާތެރި ޓްރެފިކް އެކްސިޑެންޓުގެ ގޮތުގައި އައްޑޫން 52 މައްސަލަ ފުލުހުންނަށް ހުށަހަޅާފައިވެއެވެ. އޭގެ ފަހުން އެކި އަހަރުތަކުގައި މައްސަލަ ހުށެހެޅޭ މިންވަރަށް މާބޮޑު ބަދަލެއް ނައިސް އޮތުމަށްފަހު 2016ވަނަ އަހަރު ޖުމްލަ 69 މައްސަލައެއް ހުށަހެޅިއެވެ.

މިދިޔަ 4 އަހަރުގެ ތަފާސްހިސާބުތަކައް ބަލާއިރު، އެކްސިޑެންޓުތައް ހިނގާ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ. 2018ވަނަ އަހަރު ހުށަހަޅާފައިވަނީ 46 މައްސަލައެވެ. 2019ވަނަ އަހަރު ހުށަހަޅާފައިވަނީ 37 މައްސަލައެކެވެ. 2020ވަނަ އަހަރު 39 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މިދިޔަ އަހަރު ހުށަހަޅާފައިވަނީ 32 މައްސަލައެކެވެ. އަދި މިއަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ރިޕޯޓު ކޮށްފައިވަނީ 5 މައްސަލައެކެވެ.

ފުލުހުންގެ އަމާޒަކީ ހެލްމެޓް ޤަވާއިދު ތަންފީޒުކޮށް ޓްރެފިކް އެކްސިޑެންޓުތަކުގައި މަރުވާ މީހުންގެ އަދަދު ސުމަކަށް ހެދުމެވެ. ފުލުހުން ވަނީ އައްޑޫގައި އެއްގަމު އުޅަނދު ދުއްވާ މީހުންނަށްވެސް މި ޤަވާއިދުތައް ކިޔައިދީ ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ހިންގާފައެވެ. މިއީ އައްޑޫގެ މަގުތައް އަމާންކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށް ފުލުހުން ދެކެވެ.