ވިޔަފާރި

އެމްއެމްޕީއާރްސީއާއި ޤަތަރުއެއަރވޭސް ގުޅިގެން މަސައްކަތް ކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި


ފުޅާދައިރާއެއްގައި އިސްތިހާރު ކުރުމުގެ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް އެމްއެމްޕީއާރްސީ އަދި ޤަތަރު އެއަރވެއިސްއިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މިއެއްބަސްވުމާ ގުޅިގެން ޕީއެސްއެމް ނިއުސްއާ ވާހަކަދައްކަވަމުން އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރ ޠައްޔިބް މުޙައްމަދު ވިދާޅުވީ، ރާއްޖެ ދަތުރުކުރާ ބޮޑެތި އެއަރލައިންތަކާއެކު ގުޅިގެން މަސައްކަތްކުރުމަކީ އެމްއެމްޕީއާރުސީން އަބަދުވެސް ކުރާ މަސައްކަތެއްކަމަށެވެ. އެގޮތުން މިދިޔައަހަރުވެސް ޤަތަރު އެއަރވޭސްއާ ގުޅިގެން މުހިންމު މަސައްކަތްތަކެއް ކުރެވިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. މިފަހަރުގެ އެއްބަސްވުމާއިއެކު މިމަސައްކަތް އަލުން ފަށައިގަނެވި ކުރިއަށްދާނެކަން އޭނާ ފާހަގަ ކުރެއްވިއެވެ.

އަރަބިއަން ޓްރެވެލް މާކެޓް 2022ގައި އެމްއެމްޕީއާރްސީން 62 ކުންފުންޏަކާއިއެކު ބައިވެރިވަމުންދާއިރު މި ހަރަކާތުގެ ހަވާސާގެ ތެރެއިން މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީއާއި ޤަތަރުއެއާވެއިސްއިން މިވަނީ ސޮއިކޮށްފައެވެ. ޤަތަރު އެއަރވެއިސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެއެއަރލައިންގެ ޗީފް ކޮމާޝަލް އޮފިސަރ ތިއެރީ އެންޓިނޯރީއެވެ. އެމްއެމްޕީއާރްސީގެ ފަރާތުން އެމްއޯޔޫގައި ސޮއިކުރެއްވީ އެމްއެމްޕީއާރްސީގެ މެނޭޖިންގް ޑިރެކްޓަރ ޠައްޔިބް މުހައްމަދެވެ.

މި އެއްބަސްވުމުގެ ދަށުން ޤަތަރު އެއަރވޭސްއާ ގުޅިގެން ރާއްޖެ އިސްތިހާރު ކުރުމަށް މުހިންމު ހަރަކާތްތަކެއް ރޭވިފައިވާކަން ޠައްޔިބް ފާހަގަ ކުރެއްވިއެވެ.

"އެމްއޯޔޫގެ ދަށުން އަޅުގަނޑުމެން ދެބައިމީހުން ގުޅިގެން އިސްތިހާރުކުރުމުގެ ނުވަތަ މާކެޓިން ހަރަކާތްތައް ހިންގޭނެ. އޭގެ ތެރޭގައި ފެމް ޓްރިޕްތަކުގައި އެހީތެރިވުމާއި، ތަފާތު ވެބިނަރތައް ނުވަތަ ޓްރެވެލް އޭޖެންޓުނަށް ރީޗް ވުމާއި، މިހެން ގޮސް އެތައް ކަމެއް ދެބައި މީހުން ގުޅިގެން ކުރެވޭނެ. އަޅުގަނޑުމެންގެ އަބަދުވެސް މަޤްޞަދަކީ ގިނަ މީހުންނާއިއެކު ގުޅިގެން މަސައްކަތް ކުރުން." ޠައްޔިބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި ދުނިޔޭގެ އެންމެ މަޝްހޫރު އަދި އެންމެ މަޤްބޫލު އެއް އެއާލައިންގެ ގޮތުގައި ތަފާތު އެވޯޑުތައް ޤަތަރުއެއަރވޭސް ހޯދާފައިވާއިރު، ރާއްޖެއަކީވެސް ދުނިޔޭގެ ލީޑިންގް ޑެސްޓިނޭޝަންނަށް ވުމުން ޤަތަރުއެއަރވެއިސްއިންވެސް ރާއްޖެއާއި ގުޅިގެން މަސައްކަތް ކުރުމަށް ބޭނުންވެއެވެ.

ޤަތަރުއެއަރވޭސްއަކީ ރާއްޖެއަށް ދަތުރުކުރާ ބޮޑެތި އެއަރލައިންތަކުގެ ތެރެއިން އެންމެ ގިނަދުވަހު ދަތުރުކުރަމުން އަންނަ އެއް އެއަރލައިނެވެ. ޤަތަރުއެއަރވޭސްއިން ރާއްޖެއަށް ދަތުރުކުރާތާ މިދިޔަ އަހަރުގެ ޑިސެމްބަރަށް 20 އަހަރު ވަނީ ފުރިފައެވެ. ކޯވިޑަށް ރާއްޖޭގެ ބޯޑަރު ބަނދުކުރުމަށްފަހު އަލުން ހުޅުވާލިއިރު އެންމެ ފުރަތަމަ އައި އެއަރލައިނަކީވެސް ގަތަރުއެއއަރވޭސްއެވެ.

ކޯވިޑާއެކު ރާއްޖޭގެ ބޯޑަރުތައް ބަންދުވެ އަލުން ހުޅުވުނު އިރު ހަފްތާއަކު 21 ފްލައިޓު ރާއްޖެއަށް އެ އެއަރލައިނުން ކުރިއެވެ. ނަމަވެސް މިހާރު ހަފްތާއަކު 28 ފްލައިޓު ބާއްވައެވެ. ކޮންމެ ދުވަހަކުވެސް 1000 އަށްވުރެ ގިނަ މީހުން ޤަތަރު އެއަރވެއިސްއިން ރާއްޖެއަށް ދަތުރު ކުރެއެވެ. އަދި މަހެއްގެ މައްޗަށް 36000 މީހުން ޤަތަރު އެއަރވެއިސް މެދުވެރިކޮށް އަންނަ ކަމަށް އެމްއޭސީއެލްއިން ހާމަކުރެއެވެ.