މުނިފޫހިފިލުވުން

ނަމްޒާ : ދެގޮތެއްނެތި ޕްރެޒެންޓްކުރުމުގައި 22 އަހަރު


އާމިނަތު ނަމްޒާއަކީ ރާއްޖޭގައި ޓީވީ ބެލުންތެރިންގެ މެދުގައި ހަމަގައިމުވެސް އައު ނަމަކަށް ނުވާނެއެވެ. އޭނާއަކީ މިވަގުތު ރާއްޖޭގައި ހުރި އެންމެ ކުޅަދާނަ އެއް ޓީވީ ޕްރެޒެންޓަރެވެ. އަދި މި ދާއިރާގައި މިވަގުތު ރާއްޖޭގައި ހުރި އެންމެ ހުނަރުވެރި އެއް އަންހެން ޕްރެޒެންޓަރެވެ.

ނަމްޒާ ފާހަގަވެފައިވަނީ ދޫ ފަރިތަވުމާއި، ބަސްމޮށުންތެރިކަމަށް މޮޅު، ދެ ބަހުންވެސް އެހާމެ ޗާލުކޮށް ޓީވީ ޕްރޮގްރާމްތަކާއި ޝޯވތަކާއި އަދި ތަފާތު ޙަފްލާތަކާއި ރަސްމިއްޔާތުތައް ހުށަހަޅައިދޭ ޕްރެޒެންޓަރެއްގެ ގޮތުގައެވެ.

ރާއްޖޭގައި އެންމެ މަޤުބޫލު ޓީވީ ޕަރސަނަލްޓީންގެ ލިސްޓެއް އެކުލަވާލާނަމަ، ނަމްޒާގެ ނަން ނުހިމަނާ ހަމަގައިމުވެސް އެ ލިސްޓެއް ފުރިހަމައެއް ނުވާނެއެވެ. މެދުމިނުގެ އާއިލާއަކަށް ނިސްބަތްވާ ނަމްޒާ ބުނިގޮތުގައި އޭނާއަކީ ސްކޫލް ދައުރުން ފެށިގެންވެސް ދިވެހި އަދި އިނގިރޭސިބަހުން ވާހަކަދެއްކުމަށް ޚާއްސަ ޝައުގުވެރިކަމެއް ހުންނަ މީހެކެވެ. ސްކޫލު ދައުރު ނިންމާލީ ވަރަށްވެސް ހަރަކާތްތެރި ދަރިވަރެއްގެގޮތުގައެވެ.

އެކި އެކި އަދަބީ މުބާރާތްތަކާއި، ވާހަކަދެއްކުމުގެ މުބާރާތްތަކުގައި ސްކޫލު ފެންވަރުގައާއި ޤައުމީ ފެންވަރުގައިވެސް ނަމްޒާ ވަނީ ގިނަ ކާމިޔާބީތަކެއް ޙާޞިލުކޮށްފައެވެ. ޕޯޑިއަމަކަށް އަރާ ގިނަ ބައެއްގެ ކުރިމަތީގައި ވާހަކަދައްކާލުމަކީ ނަމްޒާ އެއްއިރެއްގައިވެސް ޖެހިލުންވިކަމެއްނޫނެވެ.

ތަޢުލީމީ ދާއިރާއިން ކުރިއަށްދިއުމަކީ ނަމްޒާ ވަރަށް ކުޑައިރުންސުރެ ދެކެމުންދިޔަ ހުވަފެނެކެވެ. އެކަން ހަޤީޤަތަކަށް ހަދާ، ތައުލީމީ ދާއިރާއިން މީހާގެ ކެރިއަރ ބިނާކުރިނަމަވެސް ނަމްޒާ އާއްމުންގެ މެދުގަައި މަޤުބޫލުވެފައިވަނީ ހުނަރުވެރި ޕްރެޒެންޓަރެއްގެގޮތުގައެވެ.

ނަމްޒާ ބުނާގޮތުގައި އޭނާއަކީ އެންމެނާވެސް ގުޅޭ އެކުވެރި މިޒާޖެއްގެ މީހެކެވެ.

"އާއްމުގޮތެއްގައި ފުރަތަމަ ފެންނައިރު، މިއީ މީހުން ބުނެފައި ހުންނަ އެއްޗެހި. ފުރަތަމަ ހީވެއޯ ވަރަށް ގިނަ މީހުންނަށް ވަރަށް ފޮނި މީހެކޭ ފުރަތަމަ ފެންނައިރު. ދެން ނަމްޒާއަކަށް ނޭންގެ އެއީ ކީއްވެކަމެއް. އެކަމު ދެން އެނގުނީމަ ބުނާނެ، ހިއެއްނުކުރަމޭ އެހާ ރަޙުމަތްތެރި މީހަކަށް ވެދާނެއޭ" ނަމްޒާ ބުންޏެވެ.

"ޕްރެޒެންޓްކުރުން - އެއް އިރެއްގައިވެސް އުއްމީދު ކުރިކަމެއްނޫން"

ޕްރެޒެންޓްކުރުމުގެ ދާއިރާއަށް ވަދެވުނީ ވާހަކަދެއްކުމަށް އުފެދުނު ލޯތްބަކާއި ޝަޢުގެއްގެ ބޮޑުކަމުންކަމަށް ނަމްޒާ ބުނެއެވެ. މިއީ އޭނާ ކެރިއަރެއްގެގޮތުގައި ކުރިއަށްދާން އެއް އިރެއްގައިވެސް އުއްމީދުކުރި ދާއިރާއެއްނޫނެވެ. ނަމްޒާގެ ޕްރޮފެޝަނަކީ ތަޢުލީމީ ދާއިރާއެވެ. އަބަދުވެސް ދެކެމުން އައި ހުވަފެނަކީ ޓީޗަރަކަށްވުމެވެ. ނުވަތަ ތަޢުލީމީ ދާއިރާއަށް ޚިދުމަތްކުރާ މީހަކަށްވުމެވެ. ޕްރެޒެންޓްކުރުމަކީ ނަމްޒާ ޤަބޫލުކުރާގޮތުގައި ޕެޝަނެއްގެގޮތުގައި ކުރާ ހިތްވާތީ، އޭނާ ޚިޔާރުކުރި މަސައްކަތެކެވެ.

"ޖެހިޖެހިގެން 3 އަހަރަކު ވާހަކަދެއްކުމުގެ ޤައުމީ މުބާރާތުގައި 16 އަހަރުން ދަށުން އެއްވަނަ ލިބުނު. އެހިސާބުން ސްކޫލުގެ އެންމެނަށްވެސް އެނގިފައި އޮންނަނީ ވަރަށް ވާހަކަދައްކާ ކުއްޖެއްގެގޮތުގައި. ދެން އެއީ ކަންނޭނގެ އަސްލު ހުށަހެޅުންތެރިކަމުގެ ދާއިރާއަށް ނުވަތަ ޓީވީ ޕްރެޒެންޓަރެއްގެގޮތުގައި ނިކުންނަން ދިމާވި އެއް ސަބަބަކީ، އެންމެ ބޮޑު ހިތްވަރަކަށް" ނަމްޒާ ބުންޏެވެ.

ނަމްޒާގެ ޕްރެޒެންޓްކުރުމުގެ ފެށުމަކީ 2001ވަނަ އަހަރު އޭރު ޓީވީއެމުން އިނގިރޭސިބަހުން ގެނެސްދިން ޓްރެވަލް ޝޯވ "ޓޫރިޒަމް އަންލިމިޓެޑް"އެވެ. އެއީ ނަމްޒާ ސީ.އެޗް.އެސް.އީ ނިންމާލި އަހަރެެވެ. ޓީވީއެމުން ހުޅުވާލި ފުރުޞަތެއްގައި ނަމްޒާވެސް ކުރިމަތިލީ ހަމަ އަޖުމަ ބަލާލުމަށެވެ. ދިނީ އޮޑިޝަނެކެވެ. އޭރަކުވެސް ސީދާ ޓީވީ ޕަރސަނަލްޓީއަކަށްވެދާނޭ އޭނާ ހިތަކަށްވެސް ނާރައެވެ.

"ވަރަށް ހަނދާންހުރޭ. އޭރު އެގްޒާމް ހަދާފައި ނަތީޖާވެސް ނުލިބޭ. އެންމެފަހު އެގްޒާމް ހެދިގޮތަށް ސްކްރީން ޓޭސްޓަށްވެސް ދިޔައީ. އެދުވަހު ޓެސްޓް ޕޭޕަރު ނިންމާލިގޮތަށް މެންދުރުފަހު ދިޔައީ ސްކްރީން ޓެސްޓަށް. އެހެންވީމަ ވަރަށް ހަނދާންހުރޭ. ފުރަތަމަ ފިޔަވަޅު އަސްލުއެއީ ސްކޫލު ނިންމާފައި އެޅުނު" ނަމްޒާ ބުންޏެވެ.

"ޓީވީއެމްއަށް ޚާއްސަ ލޯތްބެއް، ކުރެވެނީ ޤައުމީ އިޙްސާސެއް"

ނަމްޒާ ޤަބޫލުކުރާގޮތުގައި މި ދާއިރާއިން ކުރިއަށްދިއުމުގައި އޭނާގެ އެންމެ މުހިއްމު ބައިވެރިއަކީ ޓީވީއެމްއެވެ. ފާއިތުވި 22 އަހަރުގެ ތެރޭގައި ޓީވީއެމް މެދުވެރިކޮށް ތަފާތު އެކި ޕްރޮގްރާމްތަކާއި ޝޯވތައް ހުށަހަޅައިދިނުމުގެ ފުރުޞަތު ނަމްޒާއަށް ލިބުނެވެ. އެއާއެކު ޓީވީއެމްއަށް އޭނާގެ ހިތުގައި އަބަދުވެސް ޚާއްސަ ލޯތްބަކާއި ގަދަރެއް އޮވެއެވެ.

ޓީވީ ޕްރޮގްރާމެއް ޕްރެޒެންޓްކުރާނަމަ އަދިވެސް އަދި ކުރިއަށްއޮތްތަނުގައިވެސް ނަމްޒާގެ ފުރަތަމަ ޗޮއިސްއަކަށްވާނީ ޓީވީއެމްއެވެ. އިސްކަންދޭނީވެސް ޓީވީއެމްއަށްކަމަށް ނަމްޒާ ބުނެއެވެ.

"ޕްރައިވެޓް ކޮންމެ ތަނަކުން ފެެނުމާއި އަދި ވަރަށް ތަފާތު ހައިބަތެއް ޓީވީއެމްގައި ހުންނަކަމަށް ޤަބޫލުކުރަން. ޓީވީއެމުން ފެނުންވަނީވެސް ވަރަށް ޤައުމީ ކަމެއްކުރާ ކަހަލަ އިޙްސާސެއް ކުރެވެނީ އަސްލު ޓީވީއެމްގެ ޕްރޮގްރާމެއް ހުށަހަޅާއިރު. އެހެންވީމަ ގަސްތެއް ނުކުރަން ޓީވީއެމް ދޫކޮށްލާކަށެއް. ހިތަށްއަރަނީ ހަމަ އަބަދުވެސް ޓީވީއެމުން ކޮންމެވެސް ސިފައެއްގައި ފެނުން" ނަމްޒާ ބުންޏެވެ.

ބެލުންތެރިންގެ މެދުގައި ނަމްޒާގެ މަޤުބޫލުކަން އެންމެ ބޮޑަށް އިތުރުވެގެންދިޔައީވެސް ޓީވީއެމުން އެކި ދުވަސްވަރު ރަމަޟާންމަހު ގެނެެސްދިން ތަފާތު ޝޯވތަކާއި ޕްރޮގްރާމްތަކުންނެވެ. ވަކިން ޚާއްސަކޮށް "މިވަގުތު" ޕްރޮގްރާމުންނެވެ.

"ގާތްގަނޑަކަށް 9 ވަރަކަށް އަހަރު ވަންދެން ރަމަޟާންމަހު އެންމެ ޕްރައިމް ގަޑީގައި ފެނިފެނިފައި، މިހާރު އެގަޑީގައި ނުފެންނާތީ ބައެއް މީހުން ބުނަންވެސް ބުނޭ ހިއެއްނުވެއޭ ރޯދަމަސްހެނެއްވެސް" ނަމްޒާ ބުންޏެވެ.

"އިޙްސާސް – ތަފާތު ތަޖުރިބާއެއް، ކެރިއަރުގެވެސް އެންމެ ޚާއްސަ ޕްރޮގްރާމް"

ފާއިތުވި އަހަރުތަކުގައި ނަމްޒާ ވަނީ ބެލުންތެރިންނާއި ހިސާބަށް ތަފާތު އެކި ޕްރޮގްރާމްތަކުން ފެނިގެންގޮސްފައެވެ. އޭގެ ތެރޭގައި މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތަކުން ފެށިގެންގޮސް، އެކިކަހަލަ ކޮންޓިނިއުޓީ ޝޯވތަކާއި ޓޯކްޝޯވތައް ހިމެނެއެވެ. އަދި އެކިއެކި އެވޯޑް ޙަފްލާތަކާއި، މިއުޒިކް ޝޯވތަކާއި ޤައުމީ ބޮޑެތި ރަސްމިއްޔާތުތައްވެސް ނަމްޒާ ވަނީ ދިވެހި އަދި އިނގިރޭސި ބަހުންވެސް ހުށަހަޅައިދީފައެވެ.

ނަމްޒާ ބުނާގޮތުގައި އޭނާއަށް ދެބަހުންވެސް ޕްރޮގްރާމްތައް ހުށަހަޅައިދޭން ފަސޭހައެވެ. އަދި އޭނާއަށް އެންމެ ކަމުދަނީ ރިކޯޑެޑް ޕްރޮގްރާމްތަކަށްވުރެ ލައިވް ޝޯވތަކާއި ޕްރޮގްރާމްތައް ޕްރެޒެންޓްކުރާށެވެ.

ނަމްޒާގެ މުޅި ޕްރެޒެންޓިންގ ކެރިއަރުގައި އޭނާއަށް މިހާތަނަށް އެންމެ ތަފާތު ތަޖުރިބާއެއް ކުރެވުނީ 2021 ވަނަ އަހަރުން ފެށިގެން ޓީވީއެމުން އޭނާ ގެނެސްދޭން ފެށި "އިޙްސާސް" ޕްރޮގްރާމެވެ. މުޖުތަމަޢުގައި ހުރި އެކިއެކި އިޖްތިމާޢީ މައްސަލަތަކާއި، އާއްމުކޮށް ވާހަކަނުދެކެވޭ ތަފާތު ކަންކަން ތަޖުރިބާކޮށްފައިވާ މީހުން، އެމީހުންގެ އިޙްސާސްތައް ބަންޑުންކޮށްލާ މި ޕްރޮގްރާމަކީ ނަމްޒާއަށް މިހާތަނަށް ހުށަހަޅައިދެވުނު ޕްރޮގްރާމްތަކުގެ ތެރެއިން ނަމްޒާއަށްވެސް އެންމެ ޚާއްސަ ޕްރޮގްރާމެވެ.

"އިޙްސާސް" ގެ ކޮންމެ ޕްރޮގްރާމަކީވެސް ބެލުންތެރިންގެ އިޙްސާސްތަކާއި ޖަޒުބާތުތަކާވެސް ކުޅެލާފަދަ އަސަރުން ފުރިގެންވާ ޕްރޮގްރާމެކެވެ. މިއީ ނަމްޒާއަށްވެސް ތަފާތު ތަޖުރިބާތަކެއް ގެނުވި، އެތަކަށް ކަމަކަށް އަމިއްލަ ލޯވެސް ހުޅުވިގެންދިޔަ ޕްރޮގްރާމެއްކަމަށް ނަމްޒާ ބުނެއެވެ.

"އަސްލު އަމިއްލަ ދިރިއުޅުމާއި ދޭތެރޭގައި އަމިއްލައަށް ތިމާއަށް ލިބިހުރި ރަނގަޅު ކަންތައްތަކެއް ނުވަތަ އަހަރުމެން އެންމެ އާދައިގެ މީހުންނަށްވެސް ލިބިފައިހުރި ނިއުމަތްތަކާ ދޭތެރޭގައި ވިސްނާނުލެވޭ ވަރަށް ވިސްނާލަން އެ ފުރުޞަތު ލިބުނު އަސްލު. ދިރިއުޅުމުގައި ޝުކުރުވެރިވާންޖެހޭ ވަރަށް ގިނަ ކަންތައްތަކެއް ހުރިކަން އިޙްސާސްކުރެވުނު. އެހެންވީމަ މި ޝޯވއަކީ ނަމްޒާއަށް، ނަމްޒާގެ ވިސްނުން ވަރަށް ބޮޑަށް ބަދަލުކޮށްލި ޝޯވއެއް. ހިތާއި ވަރަށް ގާތް ޝޯވއެއް" ނަމްޒާ ބުންޏެވެ.

"އެންމެ ބޮޑު ހިތްވަރަކީވެސް، ފާޑުކިއުންތެރިއަކީވެސް އާމިރު"

އަންހެންނަކަށްވެހުރެ، ވަޒީފާއެއްގައި އުޅެމުން އަމިއްލަ ދިރިއުޅުމުގެ ކަންކަމަށްވެސް ވަގުތު ހުސްކުރަމުން، މިފަދަ ދާއިރާއެއްގައި މިހާ ގިނަ ދުވަހު މަސައްކަތް ކުރަމަކީ ކުރަން ފަސޭހަކަމެއްނޫންކަމަށް ނަމްޒާ ބުންޏެވެ. މިއީ ވަރަށް ވަގުތު އެކަމަކަށް ބޭނުންވާ މަސައްކަތެކެވެ. ފަށައިގެންއިރު އެ ވަގުތު ހޯދަން ފަސޭހަވިޔަސް، އަމިއްލަ ދިރިއުޅުމުގެ ކަންކަން ހުރިގޮތުން މިހާރު މިކަމަށް ވަގުތުދޭން އުނދަގޫކަން ނަމްޒާ ފާހަގަކުރިއެވެ. ނަމަވެސް އެކަމަށް ހުރި ލޯތްބެއްގެ ބޮޑުކަމުން ދާއިރާ ދޫކޮށްލުމުގެ ވިސްނުމެއް ނަމްޒާ ނުގެންގުޅެއެވެ.

ނަމްޒާ ބުނިގޮތުގައި މި ދާއިރާއިން ކުރިއަށްދާން އޭނާއަށް ލިބޭ އެންމެ ބޮޑު ހިތްވަރަކީ އޭނާގެ ފިރިމީހާ އާމިރެވެ. އަދި އޭނާގެ ހުށަހެޅުންތަކަށް އެންމެ ބޮޑަށް ފާޑުކިޔާ، ރަނގަޅުކުރަންވީ ގިނަ ކަންކަން ކިޔައިދެނީވެސް އާމިރުކަން ނަމްޒާ ފާހަގަކުރެއެވެ.

"ފާޑުކިޔާނެ މީހަކު ހުރިއްޔާ އިމްޕްރޫވްކުރަން ވަރަށް ފުރުޞަތު ލިބޭނެ. އެހެންވީމަ ނަމްޒާގެ އެންމެ ބޮޑު ހިތްވަރަކީވެސް އެންމެ ބޮޑު ސަޕޯޓަކީވެސް އާމިރު. އެހެންވީމަ މިއަދު މި މަސައްކަތުގައި ދެމިހުރުމުގެ އެންމެ ބޮޑު އެއް ސަބަބަކީ އެހާ މިކަމަށް ސަޕޯޓްދޭ، ކުރާ ކޮންމެކަމެއްގައިވެސް ހިތްވަރުދޭ ފިރިއެއް ކައިރީގައި ހުރުން" ނަމްޒާ ބުންޏެވެ.

ނަމްޒާ ޤަބޫލުކުރާގޮތުގައި ދޫފަރިތަވުމަކުން ނުވަތަ މީހާ ހުންނަގޮތަކުން މޮޅު ޕްރެޒެންޓަރަކަށް އަދި ނުވެނޭނެއެވެ. މޮޅު ޕްރެޒެންޓަރަކަށްވާން ބޭނުންނަމަ، އެމީހަކީ މަޢުލޫމާތުގެ ހަޒާނާ މުއްސަނދި، މީހަކަށްވާންޖެހޭނެކަން އޭނާ ފާހަގަކުރިއެވެ. ދައްކާ ވާހަކައިގައި އޮށްޓަރެއް ހުންނަންޖެހޭނެއެވެ. އަދި ކޮންމެ ޕްރޮގްރާމެއް ހުށަހަޅަންޖެހުންކަމުގައިވިޔަސް އެއިރެއްގައި ހިނގާ ކަންކަމުގެ މަޢުލޫމާތު ރަނގަޅަށް ލިބިފައިހުރުން މުހިއްމުކަމަށް ނަމްޒާ ބުންޏެވެ.

ގިނަ މީހުން ދަންނަ މަޝްހޫރު މީހަކަވުމަކީ ވަރަށް "ސަޅި" ކަމެއްގެގޮތުގައި އެއްބަޔަކަށް ހީކުރެވުނަސް އެއީ ވަރަށް ޒިންމާ ބޮޑު އަދި އެތަކެއް ފާޑުކިޔުންތަކަކާއި މީހުންގެ މަލާމާތާއި ފުރައްސާރަވެސް އެމީހަކަށް އަމާޒުވާނެކަމެއްކަން ހަނދާނުގައި ބަހައްޓަންޖެހޭކަން ނަމްޒާ ފާހަގަކުރިއެވެ. އަދި ޕްރެޒެންޓްކޮށްލުމަކީ ވަރަށް ފަސޭހަކަމެއްގެގޮތުގައި ބަޔަކު ދެކުނަސް ހަޤީގަތުގައި މިއީ ފަސޭހަ މަސައްކަތެއްނޫންކަމަށް ނަމްޒާ ބުންޏެވެ.

"މިއަދުވެސް ޖެހިލުންވުމެއްނެތި ކޮންމެ އެއްޗެއްވެސް ބުނެލާނެ ވަރަށް ގިނަ މީހުން ތިބޭނެ. ވަރަށް ހިތުގައިވެސް ޖެހޭ ކަމެއް އެއީ ހަޤީގަތުގައި. މީހުން ހިތަށް އަރާފާނެ 22 އަހަރު ދެން މިދާއިރާގައި އުޅޭއިރު އާދަވެފައެއްނޫންހޭ ހުންނާނީ. އާދައެއްނުވޭ އަސްލު. މީހުން ބުނާ ދެރަބަހަށް، ކޮށްލާ މަލާމާތަށް، ހިއެއްނުވޭ ދުވަހަކުވެސް އާދަވާނެހެނެއް އެއްވެސް އިންސާނަކު. ދެން އެއާ ޑީލްކުރަން އަހަރުމެން ދަސްކުރާނީ" ނަމްޒާ ބުންޏެވެ.

ޕްރެޒެންޓްކުރުމަކީ ރާއްޖޭގައިވެސް ޕްރޮފެޝަނެއްގެގޮތުގައި ކުރިއެރުވިދާނެ ދާއިރާއެއްކަން ނަމްޒާ ޤަބޫލުކުރެއެވެ. އެހެންނަމަވެސް މިއީ ކިހާ ވަގުތެއް ހޭދަވާ، ކިހާ ބުރަދަން ހުރި މަސައްކަތެއްކަން، އެކަން ކުރުވާ ފަރާތްތަކަށް ވަޒަންވެފައި އޮތުންވެސް މުހިއްމުކަން ނަމްޒާ ފާހަގަކުރެއެވެ.

އައްމަޑޯ ރީފް

ނަމްޒާ އެއީ ހަމަ މަރަގަނޑެއް އެއާ ފްރެއިންޑުލީ ާާ?

ޟަލާ

ނަމްޒާ އާ ދިމާވީ އިންސްޓަގްރާމުން އެއީ ވަަރަށް އެކުވެރި ބޮޑާ ކަމެއް ނެއް އަންހެނެކޭ ބުނަން މަށަށް ކެރިދާނެ