މުނިފޫހިފިލުވުން

އޮލިމްޕަސް ނުހުޅުވި ލަސްވަނީ އެތަނަށް ބޭނުންވާ ބައެއް ސާމާނު އަދި ނުލިބޭތީ: އެންސީއޭ


އޮލިމްޕަސް ނުހުޅުވި ލަސްވަމުންދަނީ އެތަނަށް ބޭނުންވާ ބައެއް ސާމާނު ރާއްޖެއިން ބޭރުން ގެނައުމުގައި ލަސްތަކެއް ދިމާވުމުންކަމަށް ނެޝެނަލް ސެންޓަރ ފޯ ދި އާޓްސް، އެން.ސީ.އޭއިން ވިދާޅުވެއްޖެއެވެ. އެން.ސީ.އޭއިން ވިދާޅުވީ، އޮލިމްޕަސް ދެން ހުޅުވާއިރު، އެތަން ވެގެންދާނީ ފަހުގެ ޒަމާނީ ވަޞީލަތްތަކާއެކު ވަރަށް ފުރިހަމަ ސިނަމާއަކަށްކަމަށެވެ.

އޮލިމްޕަހަކީ ރާއްޖޭގައި މިވަގުތު ހުރި އެންމެ ޒަމާންވީ އަދި އެންމެ ބޮޑު ސިނަމާއެވެ. 1959 ހުޅުވި އޮލިމްޕަހުގައި އެންމެ ފުރަތަމަ ދައްކަން ފެށީ ހިންދީ ފިލްމާއި އިނގިރޭސި ފިލްމްތަކެވެ. ދިވެހި ފިލްމްތައް އޮލިމްޕަހުގައި އަޅުވަން ފެށީ 1980 ގެ އަހަރުތަކުން ފެށިގެންނެވެ. އެފަހުން އޮލިމްޕަސް ވެފައިވަނީ ރާއްޖޭގެ ފިލްމް އިންޑަސްޓްރީ ކުރިއަރުވައިދީ، ފިލްމް އިންޑަސްޓްރީގައި މަސައްކަތްކުރާ މީހުންނާއި އާއްމުންނާ ގުޅުވައިދިން އެންމެ މުހިއްމު އެއް ބައިވެރިއަކަށެވެ.

ރާއްޖޭގެ ފިލްމީ އުފެއްދުންތައް އާއްމުންނާ ހަމައަށް ގެނެސްދިނުމުގައި މެދުވެރިއެއްގެ ރޯލު އަދާކުރަމުންދިޔަ އޮލިމްޕަހަށް އެކިފަހަރު މަތިން ބަދަލުތައް ގެނެސްފައިވެއެވެ. ނަމަވެސް އެ އިމާރާތަކީ އަދިވެސް ދުވަސްވުމުގެ ސަބަބުން ވަރަށް ބޮޑަށް ބާވެ، ހަލާކުވެފައިވާ އިހުގެ ޢިމާރާތެކެވެ.

ކޯވިޑް-19އާއި ގުޅިގެން އޮލިމްޕަސް ބަންދުކުރުމަށްފަހު އެތަނުގައި ބޮޑެތި މަރާމާތުތަކެއް ކުރުމުގެ މަސައްކަތް ސަރުކާރުން ފެށީ 2021 ވަނަ އަހަރުއެވެ. މި މަސައްކަތުގެ ތެރެއިން އޮލިމްޕަސް އިމާރާތުގެ އެތެރެއާއި ބޭރުންވެސް ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ދެ ފިޔަވަށްސަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން އޮލިމްޕަހުގެ ލޮބީ ސަރަޙައްދާއި، ޓިކެޓް ކައުންޓަރާއި، ކެފޭ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް ވަނީ ކޮށްފައެވެ. އަދި މިހާރު ކުރަމުންދަނީ ދެވަނަ ފިޔަވަހީގެ ދަށުން އޮލިމްޕަހުގައި ހުރި ޓެކްނިކަލް މައްސަލަތައް ޙައްލުކޮށް، ޒަމާނީ ވަސީލަތްތަކަށް ބަދަލުކުރުމެވެ.

ޕީ.އެސް.އެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އެން.ސީ.އޭގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރ ޢަބްދުﷲ މުއާޒް ވިދާޅުވީ، އޮލިމްޕަހުގެ ފްލޯސްޕޭސްއަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް، އިމާރާތަށް ގެންނަންޖެހޭ ހުރިހާ ބަދަލުތަކެއް ގެނައުމުގެ މަސައްކަތް މިހާރު އެއްކޮށް ނިމިފައިވާކަމަށެވެ.

އޮލިމްޕަހަށް ގެނެވޭ ބަދަލުތަކުގެ ތެރޭގައި ނެށުމާއި މިއުޒިކް ޕްރެކްޓިސް ރޫމުތައް ހެދުމުގެ އިތުރުން، ސްޓޭޖަށް ބޮޑެތި ބަދަލުތަކެއް ގެނެވޭނެކަމަށް މުއާޒް ވިދާޅުވިއެވެ.

"އޮލިމްޕަސް އެތެރޭގައި ސައުންޑާއި ސްކްރީން މިހާރަށްވުރެ ފުރިހަމަވާނެ. ކުރީގައި ސްޓޭޖުވެސް މިވާގޮތަކީ މިއުޒިކް ޝޯވއެއް ބާއްވަންވިޔަސް، ލައިޓް ހޯދާ، ސައުންޑް ހޯދާ ހުރިހާކަމެއް އަމިއްލައަށް ކުރަންޖެހެނީ. މި ޕްރޮޖެކްޓު ނިމިގެންދާއިރު އެތަންވެސް ބަދަލުވާނެ، އެތަނަކީ ހުރިހާ އެއްޗެއްސަކާއެއްކޮށް ރެންޓްކުރެވޭނެ ތަނަކަށް. އޭގެ އިތުރުން ބެކްޔާޑަށްވެސް ބޮޑެތި ބަދަލުތަކެއް ގެނެވޭނެ. އޭގެ އިތުރުން 3 މިއުޒިކް ޕްރެކްޓިސް ރޫމާއި، އެއް ޑާންސް ޕްރެކްޓިސް ރޫމު ހުންނާނެ" މުއާޒް ވިދާޅުވިއެވެ.

މުއާޒް ވިދާޅުވީ، އެން.ސީ.އޭގެ ފަރާތުން މިވަގުތަށް އޮލިމްޕަހުގައި ކުރަންހުރި ހުރިހާ މަސައްކަތެއްހެން ގާތްގަނޑަކަށް ނިމިފައިވާކަމަށެވެ. ދެން ކުރަންހުރީ ރާއްޖޭން ބޭރުން ގެންނަންޖެހޭ ބައެއް އިކުއިޕްމަންޓްސްތައް ގެނެސް އެތަކެތި އިންސްޓޯލްކުރުމުގެ މަސައްކަތްކަމަށާއި، އެތަން ނުހުޅުވި ލަސްވަނީ، ރާއްޖޭން އެތަކެތި ގެނައުމުގައި ލަސްތަކެއް ދިމާވާތީކަމަށް މުއާޒް ވިދާޅުވިއެވެ.

"މިހާރު މި އައި ޑިލޭއަކީ ޗައިނީޒް ނިއު އިޔަރ އައިސްފައި ހުޅުވިގޮތަށް ހުޅުވާފައި ހަފްތާއެއްކޮށްފައި އަނެއްކާ ދެ ހަފްތާއަށް ޗައިނާ ބަންދުކުރީ ކޯވިޑާގުޅިގެން. ދެން ހުޅުވީ ބަރާބަރު 10 ދުވަހަށް. އަނެއްކާ މުޅި ޗައިނާ އެއޮތީ ބަންދުކޮށްފައި. މިހާރު އަޅުގަނޑުމެންގެ ހުރިހާ އެއްޗެއްވެސް އެހުރީ ކޮންޓެއިނަރުގައި ރެޑީވެފައި" މުއާޒް ވިދާޅުވިއެވެ.

އޮލިމްޕަސް މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން، ޢިމާރާތުގެ އެތެރެއިން ފެނިގެންދާނެ އެންމެ ބޮޑު އެއް ބަދަލަކީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށްވެސް ފޮރޮޅުލީ ގޮނޑީގައި ފަސޭހައިން ވަދެނުކުމެ ހެދުމުގެ ފުރުޞަތު ލިބިގެންދިއުމެވެ. މީގެ އިތުރުން އެތަނުގެ ސައުންޑް ސިސްޓަމްތައް އަޕްގްރޭޑްކޮށް، އައު ޕްރޮޖެކްޓަރެއް ހަރުކުރުމާއި، އޮލިމްޕަސް ހޯލް އަދި ރިހާސަލް ރޫމްތައް އެކޯސްޓިކްސް ޓްރީޓް ކުރުމަށް ބޭނުންވާ އެކޯސްޓިކް ޕެނަލްތައް ހަރުކުރުމުގެ މަސައްކަތްވެސް ކުރެވިގެންދާނެއެވެ.

އޮލިމްޕަސް އަޕްގްރޭޑް ކުރުމުގެ މަޝްރޫޢުގެ 2ވަނަ ފިޔަވަހީގެ މަސައްކަތްތައް ކުރުމަށް ހަމަޖެހިފައިވަނީ 21 އޮކްޓޯބަރ 2021 ގައި ދިވެހި ސަރުކާރާއި އިންޑިއާ ސަރުކާރާއި ދެމެދު ވެވުނު "ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓް"ގެ ދަށުން ދިން އެހީގައެވެ.