ތިމާވެށި

ވާހަކަ: ދަރިފުޅަށްޓަކައި


"ނާޒުކު ލޯބި ދިޔައީމާ ރުއީމޭ، ނާޒުކު ލޯބި ދިޔައީމާ ރުއީމޭ
ދުނިޔެ ދޫކުރި ބައްޕަގެ ލޯތްބޭ، ބައްޕަގެ ސާފު ނިޝާނޭ"

ދިވެހިރާއްޖޭގެ އަޑުން އެވަގުތު ފޮނުވަމުންދިޔަ ލަވައިގެ ޅެންވެރިކަމާއި، އިބްރާހީމް ހަމްދީގެ އަޑުން އުފެއްދި ޖާޒުބާތު، އަހަރެންގެ ދެލޮލުގެ އެސްފިޔަތައް ކަރުނައިން ބަރުވަމުން ދިޔައެވެ. ލަވައިގެ އެ އަސަރު، ސީދާ އަހަރެންގެ ދިރިއުޅުމާއި އަހަރެންގެ އިޙުސާސްތަކާއި ގުޅި ލާމެހިފައިވަނީ، ދުވަހެއްގެ ކޮޅުންވެސް އެ އަސަރުތައް އަހަރެންގެ ދިރިއުޅުމުން ނުފިލާނޭފަދަ، ބާރުހުރި ގޮތެއްގައެވެ. އަހަރެންގެ ރަނެއް މަލެއްފަދަ ދަރިފުޅު، އަހަރެންގެ ލޯމަތިން ގެއްލި، ކަފުނުގެ ތެރޭގައި ފޮރުވައި، ސަންދޯކުލައި ވަޅުލީ، އެ ދަރިފުޅަށްޓަކައި އަހަރެންގެ ހިތުގައި ލޯތްބާއި ކުލުނާއި އޯގާތެރިކަމާއި ހަމްދަރުދީ، މިނެއް ނެތްވަރަށް އަށަގެންފައިވަނިކޮށެވެ. ރެއާ ދުވާލުގެ ހަތަރުދަން އެ ދަރިފުޅުގެ ޚިދުމަތުގައި މި ބައްޕަ ހޭދަކުރަނިކޮށެވެ. މަންމައެއްގެ ލޯތްބާއި އޯގާތެރިކަމުން، އެ ދަރިފުޅު މަޙުރޫމުވެފައިވާކަން، ޚުދު އެދަރިފުޅަށް ނާންގަން، އަހަރެން ލައްކަ ހިތްވަރު ކުރަނިކޮށެވެ. އެ ދަރިފުޅުގެ ސަންދޯއް ގެންދިޔަ ވޭނީ މަންޒަރު، އަހަރެންގެ ހިތުން ދުވަހަކުވެސް ނުފިލާނެއެވެ. އެއީ އަހަރެންނާއި އަހަރެންގެ ލޯބިވާ އަނބިމީހާ، ޒުލްފާއަށް ލިބުނު އަހަރެންގެ ދިރިއުޅުމުގެ ނަސީބެވެ. އަހަރެންގެ ޙަޔާތުގައި ކުރެހި އެތަކެއް މަންޒަރުތަކާއި، ކުލަކުރުވި ހުވަފެނުތަކުގެ ހަޤީޤީ ތަޢުބީރެވެ. އިވެމުންދާ ލަވައިގެ ސަބަބުން ހިތުގައި އުފެދެމުންދިޔަ ވޭނީ އާހާއެކު، އަހަރެންނަށް ގޮސް ހުއްޓެވުނީ، ބޮޑުފެންޑާގައިހުރި އެދަރިފުޅުގެ ފޮޓޯ ލޯގަނޑުގެ ކުރިމައްޗަށެވެ. އެވަގުތު ލޮލަށް ޖަމާވި ކަރުނައިގެ ކޯރުގެތެރެއިން، އަހަރެންނަށް ތަމްސީލުވަމުން ދިޔައީ، މީގެ އެތައް އަހަރުތަކެއް ކުރީގެ މާޒީއެވެ.

ޒުލްފާއަކީ ބަނޑިޔާ ގުރޫޕެއްގެ މުދީރެކެވެ. ރީތިކަމާއި ފަރި ކަމުގެ ނަމޫނާ ޖިންސްލަތީފެކެވެ. އޭނާގެ ފަންފަން އިސްތަށިގަނޑާއި، ހިތިފަތު ބުމައާއި، ތޫނު ދެލޮލާއި ކަޅިރަވައިގެ ހިތްގައިމުކަމުން، އޭނާ ދުށް ކޮންމެ ފިރިހެނެއްގެ ހިތް ކަތިވެ، ޒަޚަމު ވާހާވެސް ރީއްޗެވެ. އޭނާގެ އެ ޝާއްބަކަން އިތުރުކުރުވަނީ، އޭނާއަށް ލިބިފައިވާ ރީތި އަޑެވެ.

އަހަރެންނާއި ޒުލްފާ ބައްދަލުވީ ރަށުގައި އޮތް ޝޯވ އެއްގެ ތެރެއިންނެވެ. އެރޭގެ ޝޯވއަށް ޒުލްފާމެންގެ ގުރޫޕް ތައްޔާރުވަމުން ދިޔައިރު، ރަށުގެ ޒުވާން ބަގަ ތިބީ އެމީހުންގެ ޚިދުމަތުގައެވެ. ޒުލްފާ ފެނުނު ފުރަތަމަ ނަޒަރުންވެސް، ކަޅި ޖަހައި ނުލައި ޒުލްފާއާ ދިމާއަށް، އަހަރެންނަށް ބެލެމުން ދިޔައީ އިހްތިޔާރަކާ ނުލައެވެ. ޒުލްފާވެސް، އަހަރެންނަށް ބަލައިލާ ހިނިތުންވެލާ ޖާޒުބީ ގޮތަކުން، އަހަރެންގެ ހަށިގަނޑުގައި ކަރަންޓްގެ އޮއެވަރެއް ފެތުރި، ޒާތެއްގެ ހީބިހި ނެގުމެއް، މުޅި ހަށިގަނޑުގައި ހިނގައިގަނެއެވެ. ހުވާސް އަވަސްވެއެވެ. އެވަގުތު، ޖިސްމުގެ މުހުތާދަކަށްވީ، ހިތުގެ ނާޒުކު އެދުންތައް ޒުލްފާގެ ކުރިމަތީގައި ހާމަކޮށް، އެ ހިތް މަސަލަސްކޮށްލަ ދިނުމެވެ.

ރޭގެ ޝޯ ފެށުމާއެކު ޒުލްފާގެ މޫޝީޤީ ރީތި އަޑު، މުޅި ފަޒާއަށް ފެތުރިގަތެވެ.
"ކޮންފަދަ ޒާތެއްހޭ މިއީ
ކިހިނަކުން ތިބަލަނީ
ހިތް މުޅިން ނުލިބިފާ
އަސަރުކުރުވާށޭ ހުރީ"

ދަނޑި ޖެހުމުގެ ފަރިފަރި ހަރަކާތާއެކު، އެއް އިސްކޮޅެއްގެ ވެރި ޖިންސްލަތީފުންގެ ފައިތައް ހަމަކުރަމުން، ދެފަރާތައް އެއްހަމައަކަށް ލެނގިލަމުން، އެ އިއްވާލި ލަވައަކީ، އަހަރެންގެ ހިތުގެ ގޮވުމެވެ. ޒުލްފާގެ ކުރިމަތީގައި އަހަރަނެންނަށް ހުރެވޭ ހިނދުތަކުގައި، އަހަރެންގެ ހިތުން ހާމަކުރަން ބޭނުންވި ވާހަކަތައް، ޒުލްފާގެ ރީތި އަޑުން އެންމެނަށް އިއްވަމުން ދިޔައީ، އަހަރެންގެ ހިތުގެ ގަރާރުކަން ގެއްލިފައިވާ މިންވަރު ހާމަކޮށްދެމުންނެވެ. ނަށަމުންދިޔައިރު، ޒުލްފާވެސް އިޝްޤީ ނަޒަރަކުން އަހަރެންނަށް ބަލަމުން، އޭނާގެ ހިނިތުންވުމުގެ ޖާދޫގައި އަހަރެން ޖައްސައި ހަފުސްކުރަމުން ދިޔައެވެ.

ކެތްމަދުވެފައިވާ އަހަރެން، ހަމައެރޭ ޒުލްފާއާ ބައްދަލުކުރީމެވެ. ހިތުގެ އެދުން ފާޅުކުރީމެވެ. ޖަވާބުގެ އިންތިޒާރުގައި ހިތުގެ ވިންދު އަވަސްވަމުން ދިޔައިރު، ޒުލްފާ ސުވާލުކުރީ އަހަރެންނަކީ ކާކުކަން، ކޮން ނަސަބެއްގެ ކޮން ފަންތިއެއްގެ މީހެއްތޯ ދެނެގަތުމަށެވެ. އެއީ ވާނެވެސް ގޮތެވެ. އުޅުންހުރި އެއްވެސް އަންހެނަކު ހަމަ ފެންނަހާ މީހަކަށް ހިތް ދީލާލުމަކީ ކުރާނެކަމެއް ނޫނެވެ. އަންހެންވަންތަ، ޢިއްފަތްތެރި، އަންހެނުންގެ ސިފައެއްވެސް ނޫނެވެ. ވީމާ، އަހަރެން ކެތްތެރިކަމާއި، ތެދުވަރިކަމާއެކު، އަހަރެންގެ ވަނަވަރު ޒުލްފާއަށް ބުނެދިނީމެވެ.

އަހަރެންނަކީ ރަށުގެ ބޮޑުކަތީބުގެ ހުރި ހަމައެކަނި ފިރިހެން ދަރިފުޅެވެ. ރަށުގެ ވިޔަފާރިތަކާއި ބާރުވެރިކަމުގެ ނާރެހަކީ، އަހަރެންގެ އާއިލާއެވެ. މަންމަ އާއި ބައްޕަގެ އެންމެ ހަގު ދަރިފުޅަކީވެސް އަހަރެންނެވެ. އުމުރުން 21 ފުރިއްޖެއެވެ. ރާއްޖޭން ބޭރުން ވިޔަފާރީގެ ދާއިރާއިން ކިޔަވައި، ދަސްވެނިވެގެން އައިސް، އޭރު މާ ގިނަ ދުވަސްތަކެއް ނުވެއެވެ. އަހަރެންގެ ދޮށްޓަށް، އާއިލާގައި ފަސް ކުދިން ތިބެއެވެ. އެންމެ ހަގުދަރިފުޅަށްވެފައި، ހަމައެކަނި ހުރި ފިރިހެން ދަރިފުޅަށްވާތީ، އާއިލާގައި އަހަރެންގެ މަޤާމަކީ "ޝެހެންޝާހެއްގެ" މަޤާމެވެ. ރަސްދަރިކަލަކަށް ލިބޭފަދައިން، އަހަރެންނަށް އާއިލާއިންނާއި ރަށުގެ ރައްޔިތުންގެ ފަރާތުން ލޯތްބާއި ޤަދަރު އޮހެއެވެ.
ޒުލްފާގެ ދަތުރު ނިމިގެން އަހަރެންގެ ރަށުން ފުރިއިރު، އަހަރެމެން ދެމީހުންނަކީ ދެ ލޯބިވެރިންނެވެ. ވަޢުދުތަކާއި އަޙުދުތައް ފަށްފަށްކޮށް، ޙަޔާތުގެ މަގުޗާޓު ދެމީހުންވެގެން ކުރަހާ ނިންމީމެވެ.

ޒުލްފާގެ އާއިލާއަކީ، އާދައިގެ މެދުމަފަންތީގެ އާއިލާއެކެވެ. ޒުލްފާ ކަހަލަ ކުއްޖަކާ އަހަރެން ކިތަންމެ ފިކުރާވިޔަސް، އެކަން ކާމިޔާބުކުރުމަށްޓަކައި، އަހަރެން ހުރަސްކުރަންޖެހޭ ގިރިތަކާއި ފަރުތައް ގިނައެވެ. ބައްޕަމެން އަހަރެންނަށް ކިޔަވައިދިނީ، ފޮނި އުންމީދުތަކަކާއެކުގައެވެ. އެމީހުންގެ އެދުންތަކުން ޒައްރެއްގެ މިންވަރުވެސް، އަހަރެންނަކަށް އަދި ފުއްދައެއް ނުދެވެއެވެ. ބައްޕަމެން އެދޭ ފަދައިން ބައްޕަގެ ވިޔަފާރިތަކުގެ މުގުލުގައި، އަހަރެންނަށް އަދި ހިފޭވަރެއް ނުވެއެވެ. އަނެއްކޮޅުން އަހަރެންނާ ކައިވެނި ކުރަން، ރަށު ގާޒީގެ އިން، ހަމައެކަނި ދަރިފުޅު އިނީ މަތިކޮށްފައެވެ. ވީމާ، އަހަރެންނާއި ޒުލްފާގެ ޙަޔާތް، އަމާންކަމާއެކު ކުރިއަށް ގެންދިއުމަށް، އަހަރެން ކުރަންޖެހޭ ހަނގުރާމަ ބޮޑުކަން ދެނަހުރީމެވެ. ނަމަވެސް، މިކަމުގައި ކުޑަނަމަވެސް ދުލެއް ދޭކަށް އަހަރެން ބޭނުމެއް ނުވިއެވެ. އެ ހަނގުރާމައިގެ މައިދާނުގައި، އަހަރެންނަށް ކުރިމަތިލާން ޖެހުނީ، އަމިއްލަ ލެޔާއެވެ.

އަހަރެންގެ އެ އެދުމާ، ބައްޕަ އާއި މަންމަ، ކަނޑައެޅިގެން އިންކާރުކުރިއެވެ. ސަބަބުތައް ފަތިފައްޗަށް ބައްޕަ ކިޔާލިއެވެ. އަހަރެންވެސް ހުރީ އެ ވާހަކަތަކަށް ދޭނެ ހިކުމަތްތެރި ޖަވާބުތަކެއް އަތްމަތިކޮށްގެންނެވެ. ހޫނު ރައްދުތައް ދެމުން ދެފަރާތުން އޮއްސަމުންދިޔަ މުޢާމަލާތް ބަހުސަކަށްވެ، ބަހުސް ޒާތެއްގެ ޒުވާބަކަށް ބަދަލުވި ހިސާބުން، ބައްޕަ ހަތިޔާރު ބެހެއްޓީ، އެންމެ ފަހުގެ ފައިސަލާ އަހަރެންނަށް އިއްވަމުންނެވެ. ބައްޕަގެ ޙިމާޔަތުން އަހަރެން ނެރެލައިފިކަން އަންގަމުންނެވެ.

އާއިލީ ބަދަހި ގުޅުން ކަނޑައިލައި، ޒުލްފާގެ ރަށަށް އަހަރެން ދިޔައީ، އަހަރެންގެ ޚާންދާނީ ޤަދަރާއި، އާއިލާގެ އިޖުތިމާޢީ އަގާމެދު ވިސްނުންވެސް ހުއްޓާލާފައެވެ. މި މައްސަލައިގައި، އެކުވެރި އަނީސް ފިޔަވައި އެހެން ހުރިހާ އެކުވެރިންވެސް އަހަރެންނާ ވަތް ކަނޑާލިއެވެ. ކުރުގޮތަކަށް ބުނާނަމަ، އަހަރެން ރަށުން ފުރީ، އަހަރެންގެ އަތުގައި ޒުލްފާގެ ލޯބި ފިޔަވައި، އެއްވެސް އެއްޗެއް ނެތް "ޤަރީބެއްގެ" ގޮތުގައެވެ. ނަމަވެސް އެ ލޯބީގެ ހާޒިރުގައި، އަހަރެންނަށް އިހުސާސްވަމުން ދިޔައީ "އަމީރެއްގެ" ދަރަޖައެވެ.

އެރަށަށް ބަދަލުވެ، ޒުލްފާގެ ގޭގައި އަހަރެމެންގެ ދިރިއުޅުން ބިނާކުރީމެވެ. ކުޑައިރުއްސުރެވެސް އަހަރެންގެ ހުވަފެނަކީ، އަމިއްލަ ވިޔަފާރިއެއް ކުރިއަރުވައި، ތަނަވަސް ދިރިއުޅުމެއް އުޅުން ކަމުގައި ވާތީ، އެ ހުވަފެން ހަޤީޤަތަކަށް ހެދުމުގެ އެދުން، އަހަރެންގެހިތުގައި އަނެއްކާވެސް ގަދަވެގަތެވެ. އެހެންވެ ދެމަފިރިންގެ ދިރިއުޅުން އިތުރަށް ފާގަތިކުރުމުގެ ނިޔަތުގައި، ބޯޓު ދަތުރުކުރަން ދިޔުމަށް އަހަރެން ނިންމީމެވެ. އެއީ، ވިޔަފާރިއެއް ފަށަން ބޭނުންވާނެ ރަނގަޅު ރައުސުލްމާލެއް، ފަސޭހައިން ލިބޭނެ މަގަކަށް އެގޮތް ވާނެތީވެސްމެއެވެ.
އަހަރެން ބޯޓުދަތުރުކުރަންދާން އެރަށުން ފުރީ ޒުލްފާއަށް އެތައް ވަސިއްޔަތެއްކުރުމަށްފަހު، ކިޔަމަންތެރި، ވަފާތެރި އަތްބެއްގެ ގޮތުގައި ހުރެދިނުމަށް، ތަކުރާރުކޮށް އެދިފައެވެ. ހިތާއި އެހިތުގެ އުފާވެރި ރޫޙް، ޒުލްފާގެ އަތްމައްޗަށް ދޫކޮށްލާފައެވެ.

ދަތުރުކުރަން ގޮސް އުޅޭއިރު، އާއިލާގެ ޚަބަރު، ފަޅުވެރިންނަށް ލިބެނީ އެކިއެކި ބަނދަރުތަކަށް ޖެއްސުމުން، ކުންފުންޏަށް އެޑްރެސްކޮށް، ޕޯސްޓުން ފޮނުވާ ސިޓީތަކުގެ ޒަރީޢާއީންނެވެ. އެގޮތުން، އަހަރެން ބޯޓަށް އެރިތާ ތިންވަނަ މަހު، ސައުތު އެޕްރިކާގެ "ޕޯޓް އޮފް ރިޗާރޑްސް ބޭ" ބަނދަރަށް ޖެއްސި ފަހަރަކު، އަހަރެންނަށް ޒުލްފާގެ ފުރަތަމަ ސިޓީ ލިބުނެވެ. ލޯބިވެތި އެތައް ބަސްތަކަކުން އަހަރެންގެ ހިތް ފުރާލަދެމުން ލިޔެފައިވާ، އެންމެ ހަހަރުވެތި ޚަބަރަކީ، އަހަރެންގެ ދަރިއަކަށް ޒުލްފާ ބަލިވެ އިން އުފާވެރި ޚަބަރެވެ. ސިޓީ ލިޔެފައިވާ ތާރީޚަށް ބަލާނަމަ، އޭރު ޒުލްފާގެ ބަނޑަށް ފަސްމަސް ފުރިދާނެއެވެ. އެހެންވެ، ރާއްޖެ އައުމަށް ކުރިން ނިންމި ތާރީޚް އަވަސްކޮށް، ޒުލްފާ ވިހަން ވާއިރަށް އާދެވޭނެ ގޮތަށް ޗުއްޓީވެސް ރާވާލީމެވެ.

އަހަރެން ބޭނުންވިފަދައިން، ޒުލްފާ ވިހަން އެޅި ފުރަތަމަ ވޭންވަރުގައިވެސް، އޭނާގެ މަގަތުގައި އަހަރެން އިނީމެވެ. އިންތިޒާރުގެ ވަގުތުތަކަކަށްފަހު، ފޫޅުމާ ދައިތަ އައިސް އަހަރެންގެ އަތްމައްޗަށް އަހަރެމެންގެ ދަރިފުޅު ލައިދިނެވެ. އަންހެން ކުއްޖެކެވެ. ކުރިކީލަ ކުލައިގެ އޮމާން އޮމާން މޫނެކެވެ. ދެވަނަ ސިކުންތުގައި ހިތަށް ގެނުވި ސިހުން، ސިކުޑި ހުއްޓުވައިލި ކަހަލައެވެ. ދަރިފުޅުގެ ދެފައި އާދަޔާ ޚިލާފަށް ކުރެވެ. ދަރިފުޅުގެ އުނަގަނޑުންފެށިގެން ތިރިން ފާހަގަވި އައިބުތައް ފެނިފައި، އަހަރެންގެ މޫނު މިލައި މޯޅިވިއެވެ. ހިތުގެ އުދާސްކަން ބޮޑުވަމުން ދިޔައީ، ޒުލްފާއަށް މިކަން އެނގުމުން ވާނެ ދެރައާއި، ރޯނެވަރު އަހަރެންނަށް އިހުސާސްކުރެވޭތީއެވެ. ކަން ވީވެސް އެހެނެވެ. ދެމީހުންގެ ލޮލުން ކަރުނަ ހުސްވެ، ނޫރު ފުސްވަންދެން ރުއީމެވެ. އެ ރުއިންތަކުން އޮހޮރެމުންދިޔަ ކަރުނައިގެ ހޫނުކަމުގެ ތެރޭގައި، ޒުލްފާގެ ހިތް ފުޑުފުޑުވެ، ވިރި، ހުލިވަމުންދިޔައިރު، ދަރިފުޅުގެ ހައްޤުގައި ޖިހާދުކުރަން ތައްޔާރަށްހުރި ބައްޕައެއްގެ ރޯލު އަދާކުރުމަށް، އަހަރެން ކަމަރު ބަނދެލީމެވެ.

އަހަރެންގެ ދަރިފުޅު އިޒުވާއަކީ ﷲ އަހަރެންނާ ހަވާލުކުރި އަމާނާތެއްކަމަށް ބަލައި، އެ އަމާނާތަށް ރައްކާތެރިވުމުގެ ޢަޒުމް ހިތުގައި ބިންވަޅުނެގީމެވެ. އެ ދަރިފުޅުގެ މަންމަގެ ހިތް، އުންމީދުން ފުރާލަދޭނެ ފިރިއެއްގެ މަޤާމުގައި ފައިތިލަ ސާބިތުކުރީމެވެ. ދެމައިންގެ ބޮލުގައި ފިރުމަމުން، އަހަރެންގެ އުންމީދުތަކާއި ކުރިއަށް ދާން އެދޭގޮތް، ޒުލްފާގެ ގާތުގައި ކިޔައިދެމުން، އޭނާގެ ހިތްވެސް އުފާކޮށްދިނީމެވެ. މަސްނޫއީ ފައެއްގެ އެހީގައިވިޔަސް މިނިވަންކަމާއެކު، ހިނގާބިނގާވެ އުޅެވޭނެ ޤާބިލުކަން، ދަރިފުޅަށް ހޯދައިދިނުމަށް އަހަރެން ނިންމީމެވެ.

ޒުލްފާ ވިހައިގެން މަހެއްވީތަނާ އަހަރެން އަނެއްކާވެސް ދަތުރުކުރަން ފުރީ، އަހަރެމެންގެ އެ ނިޔަނެތި ދަރިފުޅަށް ފަރުވާކުރާނެ އިތުރު ފައިސާ ހޯދުމަށެވެ. ކޮންމެ މަހަކުވެސް ކުޑަދަރިފުޅަށާއި ޒުލްފާގެ މުހުތާދުތައް ފުއްދުމަށްޓަކައި، މަހަކު 200 ޑޮލަރަށްވާ ދިވެހި ފައިސާ އެޖެންސީގެ އޮފީހުން ނެގުމަށް، ޒުލްފާގެ ގާތުގައި ބުނީމެވެ. ބާކީބައި، ރައްކާ ކުރުމަށްޓަކައި، އެޖެންސީގެ ބެލުމުގެ ދަށުގައި ބަހައްޓައިދިނުމަށް، އަހަރެންގެ އިސްވެރިންގެ ގާތުގައި އެދުނީމެވެ.

ފުރައިގެން ދިޔަފަހުންވެސް، ކުރިއެކޭ އެއްގޮތަށް އަހަރެން ޒުލްފާއަށް ސިޓީ ލިޔަމެވެ. އަދި ޖަވާބަށް އިންތިޒާރުވެސް ކުރަމެވެ. އެއިން އެއްވެސް ސިޓީއަކަށް ޒުލްފާގެ ފަރާތުން ޖަވާބެއް ނާދެއެވެ. އެކަމަކަށް އަހަރެންގެ ޝަކުވާއެއްވެސް ނެތެވެ. ބަލި ދަރިފުޅަކު ގޮވައިގެން ޒުލްފާ އުޅޭނެ ހާލު، އަހަރެންނަށް ތަސައްވުރު ކުރެވޭތީއެވެ.

ދަރިފުޅަށް ދޮޅުއަހަރު ވީއިރު، އަހަރެން އަމާޒު ހިފި މިންވަރަށްވުރެ އިތުރަށްވެސް، ފައިސާ ރައްކާކުރެވިފައި ވާނެކަމަށް ލަފާކުރެވުމުން، ދަރިފުޅާއި ޒުލްފާ ގޮވައިގެން ފަރުވާއަށް ފުރުމަށް، ރާއްޖޭން ބޭރަށް ދިއުމަށްޓަކައި، އަހަރެން ރާއްޖެ އައީމެވެ. ކަން ދިމާކުރިގޮތުން، ބޯޓުގައި ހުރެފައި އައި އިރު، އަހަރެންނަށް މާލެއެރުނީ ބަންދު ދުވަސްތަކަކާ ދިމާކޮށް ކަމަށް ވުމުން ރަށުބޯޓަކަށް އަރައިގެން ރަށަށް ފުރީ، އޮފީސްތައް ހުޅުވުމުން ފައިސާކޮޅުބަލައި އަލުން މާލެ އައުމަށް ނިންމައިގެނެވެ.

އަހަރެން ޒުލްފާގެ ރަށަށް ދިޔައިރު، މަސްރަހު ވަނީ މުޅިން ބަދަލުވެފައެވެ. ނަފުރަތާއި ފޫހިކަމާއި ރުޅިވެރިކަމުގެ ކުލަވަރުން، ޒުލްފާގެ ރީތި މޫނު ވަނީ ކިލަނބުކުރުވާފައެވެ. އެ ރީތިއަޑުގައި ވަނީ ޒީލަގަދަކަމާއި ނަފްރަތުގެ ރާގެވެ. ޒުލްފާގެ ވިސްނުން ބަދަލުވެ، ބަސްތައް ހުތުރުވެ، އަހަރެންގެ ދެލޮލުގެ ކޮއެފަދަ ދަރިފުޅަކީ، އޭނާގެ މަޝްހޫރުކަމަށް ލިބުނު ހުތުރެއް ކަމަށްވަނީ ހަދާފައެވެ. މައިވަންތަ ކުލުނުގެ ބަދަލުގައި، ޒުލްފާގެ ހިތުގައި އެދަރިފުޅަށްޓަކައި ވަނީ ފޫހިކަމެވެ. ދަރިފުޅު އުރައި ގެންގުޅުމުގައިވެސް މަޑުމައިތިރިކަމެއް ނެތެވެ. ކުއްލި ކުއްލިއަށް ނަގައި އުކުޅަށް ޖަހާލެއް ބާރުކަމުން، ލިބޭ ވޭނާއެކު، އެދަރިފުޅު އަބަދުމެ އިންނަނީ ރޯލަރޯލައެވެ. އެއީ އަހަރެނަށް ބަލަން ފަސޭހަ މަންޒަރަކަށް ނުވިއެވެ. އެހެންކަމުން، އަހަރެން އައުމަށްފަހު، ގިނައިން ދަރިފުޅު ގެންގުޅުނީ އަހަރެންގެ އުރުގައެވެ. އަހަރެން އިޒޫ ގެންގުޅެންފެށިފަހުން، އިޒޫ އިންނަނީ އަބަދުވެސް މަލެއްހެން އުފަލުން ފޮޅިފައެވެ.

އަހަރެން ރަށަށް އައިސް، ހަފްތާއަކަށްފަހު، އެނބުރި މާލެ ދިޔައީ އެއްކުރި ފައިސާކޮޅު ބަލައެވެ. ފައިސާ ބަލައި ދިއުމުން، އެޖެންސީގެ އޮފީހުން ދިން ހިތި ޚަބަރުން، އަހަރެންގެ ފައިދަށުން ބިންގަނޑު ކެހިގެންދިޔައެވެ. ދަރިފުޅުގެ މުސްތަޤުބަލާމެދު ދެކެވުނު ފޮނި ހުވަފެންތައް، ބިލާހަކަށް ވުމުން ނާއުންމީދުވެ، އުޑު ބޯމައްޗަށް ވެއްޓުނުކަމުގެ އިޙުސާސްވިއެވެ. އަހަރެން އެ ހުރިހާ ދުވަހުން އެއްކުރި ފައިސާތައް، ޒުލްފާ ވަނީ ނަގާފައެވެ. އަހަރެންނަށް އެޖެންސީގެ އޮފީހުން ލިބުނީ، ޒުލްފާއަށް ފައިސާ ދޫކޮށްފައިވާ ރަސީދުތަކުގެ ކޮޕީއެވެ. އެޖެންސީން މަޢުލޫމާތު ދިން ގޮތުގައި، އެގޮތަށް އެ ފައިސާތައް ޒުލްފާއަށް ދޫކުރީ، މުސާރަ އެއްކޮށް ޒުލްފާއަށް ދިނުމަށްއެދި، ސިޓީއަކުން އަހަރެން ބުނެފައިވާކަމަށް، ޒުލްފާ ދިން މަޢުލޫމާތުގެ މައްޗަށް ބިނާކޮށެވެ.

ބަގުރޫޓުވެ، ދީވާލާ ވެފައިފައިވާ ހާލު، އަހަރެން ދަރިފުޅުގާތަށް އެނބުރި ދިޔައީ ހުސްއަތާއެވެ. ޒުލްފާގެ މި ނޭއްގާނީ އަމަލުގެ ސަބަބުން، ޒުލްފާއާ ގޫޅޭގޮތުން އޭނާ ދަންނަ، އެރަށުގެ ދެތިން އަންހެނަކާ ދެކެވުނު ވާހަކަތަކުން، ޒުލްފާއާ ގުޅުންހުރި، އިތުރު އެތައް ހުތުރު ވާހަކަތަކެއް އަޑުއިވުނެވެ. ފުރަތަމަ އަހަރެންގެ ހިތް ކުދިކުދި ވިނަމަވެސް، އެމީހުން ބުނެދިން ވާހަކަތަކުގެ ހަޤީގަތް އިތުރަށް ސާފުކުރުމަށް ޒުލްފާގެ ގާތުގައި އެހުމުން، ލަދެއް އަގަލެއް ނެތި ހުރިހާ ވާހަކަތަކެއް ކިޔައިދިނެވެ. ހަސީލަތް ނުބައި އަންހެނެއްގެ ކިބައިގައި ހުންނާނެ ހުރިހާ ސިފައެއް އޭނާގެ ކިބައިގައި ހުއްޓެވެ. އޭނާއަކީ ދުނިޔަވީ ޤަދަރަށްޓަކައި ނަފްސު ވިއްކާލި ކަސްބިއެކެވެ. އޭނާ އަހަރެންނާ އިނީވެސް އަހަރެންދެކެ ލޯބިވާތީއެއް ނޫނެވެ. އަހަރެންނަކީ ޤަދަރުވެރި ޢާއިލާއެއްގެ މީހަކަށް ވާތީއެވެ. ދަރިފުޅަށް ބަލިވެ އިނުމުން އުފާވީވެސް، އާއިލީ ކުލުނު ދަރިފުޅަށް ލިބި، ޒުލްފާއަށް އަހަރެންގެ އާއިލާގައި ވެރިކަން ހިންގާލެވިދާނެކަމުގެ، އުންމީދީ ހުޅުކޮޅަކަށް އެ ދަރިފުޅުވެދާނެކަމަށް ހީކޮށެވެ. ނަމަވެސް، ދަރިފުޅަކީ ނުކުޅެދުންތެރިކަންހުރި، ބަލި ދަރިފުޅަކަށްވުމުން، އޭނާގެ އުންމީދު ގެއްލި ފޫހިވީއެވެ. މިއީ ޒުލްފާގެ ދުލުން އަމުނަމުންދިޔަ ވިހަގަދަ ލަފުޒުތަކުން، އަހަރެންގެ ކަންފަތަށް އަޑުއިއްވި އޭނާގެ ހަޤީޤީ ސިފައިގެ ޚުލާސާއެކެވެ. މި ހުރިހާ ލަދުހުތުރު ވާހަކަތައް ކިޔައިދިނުމަށްފަހު، އޭނާ އެދުނީ މިނިވަންކޮށްދިނުމަށެވެ. އަހަރެންވެސް ބޭނުންވީ އެގޮތެވެ. އެދުވަހު އެހިސާބުންފެށިގެން، އަހަރެންގެ ދިރިއުޅުމުގެ އެ ބާބު ނިމުނީއެވެ.

ދަރިފުޅު ގޮވައިގެން އަހަރެން އެނބުރި ދިޔައީ އަމިއްލަވަޒަނަށެވެ. މަންމައާއި ބައްޕައާމެދު ކަންކަން ކުރެވިފައިވީ ގޮތުން، އެމީހުންގެ ހިޔާވައްސަށް ދާކަށް އަހަރެންނަކަށް ނުކެރުނެވެ. އެހެންވެ ދަރިފުޅު ގޮވައިގެން އަހަރެން ދިރިއުޅުން ބިނާކުރީ، އެކުވެރި އަނީސްގެ އެހީތެރިކަމާއެކުގައެވެ. ކުޑަދަރިފުޅާއެކު އަހަރެންގެ އަޑިގުޑަން ދިރިއުޅުން ކަޑައްތުކުރަމުން ދިޔައީ، ކެތްތެރިކަމުގެ އިންތިހާ ދަރަޖަ އިޚްތިޔާރުކޮށްގެންނެވެ. އަހަރެންގެ ދަރިފުޅަކީ އަންހެން ކުއްޖަކަށްވީތީ، ދަރިފުޅު ބޮޑުވަމުން އައި ވަރަކަށް، ބައެއް ކަންތައްތައް ކުރުމުގައި ލަދުވެތިކަމުގެ އިހުސާސް އަހަރެންނަށް ކުރަންޖެހުނެވެ. އެހާހިސާބުން އަހަރެން ކެތްތެރިކަމާއެކު ދަރިފުޅަށް ދަސްކޮށްދެމުން ދިޔައީ، އެ ދަރިފުޅު އަމިއްލަ ހާލަށް ކަންތައްތައް ކުރެވޭނެ ގޮތުގެ ތަމްރީނުތަކެވެ. އަހަރެންގެ އެ މަސައްކަތުގައި، އެކުވެރިޔާގެ އަންހެނުންގެ ފުރިހަމަ އެއްބާރުލުން، އަހަރެމެން ދެބަފައިންނަށް ލިބުނެވެ. އަހަރެންގެ ދަރިފުޅަކީ ތޫނު ކުއްޖެއްކަމުން ކަންތައްތައް ވަރަށް އަވަހަށް ދަސްކުރެއެވެ. މޭދާވެސް ގަދަކުއްޖެއްކަމުގައި ވީތީ، އުމުރުން ދިހަ އަހަރުވީއިރު، ޤުރުއާން ހިތުދަސްކޮށް ހާފިޒާކަމުގެ ސަނަދުވެސް ނަގައިފިއެވެ.

ދަރިފުޅާއެކު ހިމޭން، އެހެނަސް އުފާވެރި ދުވަސްތަކެއް ވޭތުކުރަމުން ދަނިކޮށް އަހަރެންގެ ދިރިއުޅުމުގެ މޫސުން ބަދަލުވާން ފެށިއެވެ. ދޭތެރެ ދޭތެރެއިން ދަރިފުޅުގެ ބަނޑާއި އަރިކައްޓާއި އުނަގަޑުމަތީގައި ރިހެންފެށިއެވެ. އެ ރިހޭ ރިހުން މަޑުވެލަނީ ހޮޑު ލެވުނީމައެވެ. މިއީ އާދައިގެ ކަމެކޭ ހީކޮށް ދިވެހިބޭހެއް ހަދައިގެން، ދަރިފުޅަށް ލުޔެއް ލިބޭތޯ މަސައްކަތް ކުރީމެވެ. ނަމަވެސް ވީ ބޭކާރެވެ. ހާލަތު އިތުރަށް ގޯސްވާން ފެށީއެވެ. ދެފައި ދުޅަވެ، ގައިގެ ހަން ކުރަކިވެ، ބަނޑު ފުއްޕާ، ނޭވާ ކުރުވާންފެށިއެވެ. މިކަންކަން ފާހަގަވުމާއެކު، އަހަރެން ދަރިފުޅު ގޮވައިގެން މާލެއަށް ގޮސް ޑޮކްޓަރަށް ދައްކައި، ހެދި ޓެސްޓްތަކުން ކަށަވަރުވީ، ދަރިފުޅުގެ ކިޑްނީ ފެއިލްވެފައިވާކަމެވެ. ރިހޭފައިމައްޗަށް ފޮއެ ވެއްޓި، ދިރިއުޅުމުގެ ވޭން ގަދަވެއްޖެއެވެ. ބޯމަތިން ފާޅުވި، ހާފުސްވިލާކޮޅު ބޮޑު ކޮޅިގަނޑަކަށްވެ، ދިރިއުޅުން ތުފާނަކަށް ބަދަލުވިއެވެ. ހަފްތާއަކު ތިންދުވަހު ލޭ ސާފުކުރަން މަޖުބޫރުވެފައިވާތީ، ދަރިފުޅުގޮވައިގެން ދިރިއުޅުން މާލެއަށް ބަދަލުވުމަށް އަހަރެންނަށް މަޖުބޫރުވިއެވެ. އެތަކެއް ތަކުލީފުތަކެއް އުފުލަމުން، ދަރިފުޅުގޮވައިގެން މާލޭގައި އުޅުނީ، ދުވާލުގެ ސައުވީސްގަޑިއިރު، އަރާމެއް ނެތި މަސައްކަތްކޮށްގެންނެވެ.

ކޮންމެ ދުވަހެއް ފަށައިގަންނަނީ، އެ ދަރިފުޅުގެ މަޢުސޫމު މޫނުން ފެންނަ ނިޔަނެތިކަން ދެކި، ހިތަށް ވެރިކުރުވާ ހިތްވަރެއްގެ ސަބަބުންނެވެ. އެދަރިފުޅުގެ ކަންކަމުގައި އަހަރެން އުޅޭއިރު، އެ ދަރިފުޅު އަހަރެންނަށް ބަލަން އިންނަ ލޮބުވެތި ނަޒަރުން އަންގައިދެނީ، އެ ދަރިފުޅުގެ ހިތުގައި އަހަރެންނަށްޓަކައިވާ ލޯތްބާއި އިޙްތިރާމެވެ. މި ހިތްދަތި ދިރިއުޅުމުގައި އަހަރެމެންގެ ދެބަފައިންގެ ހާލުއަހުވާލު އޮޅުން ފިލުވައިލަނީ، ހަމައެކަނި އެކުވެރި އަނީސާއި އޭނާގެ އަންހެނުންނެވެ. އެދެމަފިރިންގެ ސިޓީއެއް ނުލިބޭ އޮޑިއެއް ރަށަކުން ނާދެއެވެ.

ދަރިފުޅުގެ ހާލު ބޮޑު ރެއެކެވެ. ހޮސްޕިޓަލްގެ އެނދުގައި ދަރިފުޅު އޮވެގެން މަސައްކަތް ކުރަމުން ދިޔައީ، އަހަރެންގެ ގާތު ވާހަކައެއް ބުނުމަށެވެ. ނޭވާ ކުރުވެފައިވާ ހާލު، ފަނޑުވަމުންދިޔަ އަޑަކުން، އެހާމެ ލަސްލަހުން ބުނަމުން ދިޔަ ވާހަކަތަކަށް ސަމާލުކަން ދިނުމުގެ ގޮތުން، އެ ދަރިފުޅުގެ އަނގަޔާ، އަހަރެންގެ ކަންފަތް ކައިރިކޮށްލީމެވެ. އަދި އެ ދައްކަމުންދިޔަ ވާހަކަތައް އަޑު އަހާލީމެވެ. ދަރިފުޅު ކުރަމުންދިޔަ ކޮންމެ ސުވާލަކުން، އަހަރެންގެ ހިތުގެ ރިހުން ގަދަވަމުންދިޔައެވެ.
"ބައްޕާ! އިޒޫގެ މަންމަ ކޮބާ؟ ދުނިޔޭގައި އެބަހުރިތަ؟"
ޖަވާބުގައި އަހަރެން އާއެކޭ ބުނީމެވެ. އެއާއެކު ދަރިފުޅުގެ ހިތުގައި އުފެދިފައިވާ އިތުރު ސުވާލުތައް ބަންޑުންކޮށްލިއެވެ.
"ތިޔަހާވަރަށް ބައްޕަ އިޒޫދެކެ ލޯބިވާއިރު، މަންމަގެ ލޯބި އިޒޫއަށް ނުލިބެނީ ކީއްވެ؟ މަންމަ އިޒޫދެކެ ފޫހިވަނީތަ؟"
ލަގޮނޑިއަށްވީ ތަދާއެކު އަހަރެންގެ އަރު ބެދުނެވެ. އިޙްތިޔާރަކާނުލައި ހޯސްލާފައި ލޮލުން ކަރުނަތައް ބަންޑުންވިއެވެ. ވާހަކަދައްކާނެ ހިތްވަރު ނެތުމުން، ޖަވާބު ދިނީ، ހަމައެކަނި ބޮލުގެ އިޝާރާތުންނެވެ.

ދޮގު ޖަވާބެއް ދީގެންވެސް ބޭނުންވީ ދަރިފުޅުގެ ހިތް އުފާކޮށްދޭށެވެ. ދެފަރާތަށް ބޯހޫރާލަމުން، ނޫނެކޭ ބުނީމެވެ. ނަމަވެސް ދަރިފުޅުގެ ބުއްދިވެރި ސިކުނޑި، އަހަރެންގެ ޖަވާބު ޤަބޫލެއް ނުކުރިއެވެ. އަނެއްކާވެސް ދަރިފުޅުގެ ވާހަކަތައް ކުރިއަށް ގެންދިޔައެވެ. މިފަހަރު އެ ދަރިފުޅުގެ އެންމެ ފަހުގެ ވަޞިއްޔަތެވެ.
"ބައްޕާ! އިޒޫދެކެ މަންމަ ފޫހިވަނީ، އިޒޫއަކީ ބަލިކުއްޖަކަށްވީމަ. އެހެންވިޔަސް އިޒޫ ބޭނުން މަންމައަށް އަދި އެއްފަހަރު އިޒޫ ފެނިލަން. އިޒޫ ބޭނުން މަންމަ ހުންނަގޮތް ބަލައިލަން. ބައްޕާ! އިސްލާމް ފިލާވަޅެއްގައި އޮތް، ސުވަރުގެއަށް ދެވޭނީ މަންމަގެ ފައިތިލަ ދަށުންނޭ. އިޒޫ ބޭނުން މަރުވުމުން ސުވަރުގެއަށް ދާން. އިޒޫއަށް ސުވަރުގެ ދެއްވުން އެދި ދުޢާކޮށްދޭށޭ މަންމަގާތުގައި ބުނެލަން ބޭނުން. ބައްޕައަށް މަންމަ އުޅޭތަން އެނގެންޏާ، އިޒޫ މަންމައާ އެންމެ ފަހަރަކު ބައްދަލުވެލަން ބޭނުންވާ ވާހަކަ ބުނެދީބަލަ! ބައްޕާ! ޕްލީޒް"
އަހަރެންނަށް ގޮތްހުސްވީ ހަޤީގަތުގައިވެސް، ޒުލްފާ އުޅޭތަނެއް އަހަރެންނަށް ނޭނގޭތީއެވެ. އެހެނަސް، ކުރު އަދި އުންމީދީ ޖަވާބެއް ދަރިފުޅަށް ދެމުން ބުނެލީމެވެ.
"މިރޭ ދެން މާ ލަސްވެއްޖެ ދަރިފުޅާ! އިންޝާﷲ މާދަމާ ހެނދުނު، އެންމެ ފުރަތަމަ ކަމަކަށް ބައްޕަ ތިޔަކަމާ އުޅޭނަން"

ޝުކުރުން ފުރިފައިވާ ހިނިތުންވުމެއް މޫނުމަތީގައި ކުރަހައިލަމުން، ދަރިފުޅު ދެލޯމަރައިލައި ނިދާލިއެވެ. ފަތިސްނަމާދުގެ ބަންގީގެ މޫރިތި އަޑާއެކު، އަހަރެންނަށް ހޭލެވުނެވެ. އޭރު އަހަރެންގެ ދަރިފުޅު، ނޭވާ ހައްޓަށް ނުފެތިގެން ތެޅިފޮޅެނީއެވެ. ދަރިފުޅުގެ ވަދާޢީ ހިނދުކޮޅު އައިސް ޖެހުނީކަމުގައި ހީވުމާއެކު، އަހަރެންނަށް ބާރަށް ހަޅޭލައި ރޯންފެށުނެވެ. އެއާއެކު އެވަގުތު ޑިއުޓީގައި ތިބި ޑަކްޓަރުންނާއި ނަރުހުން އެތަނަށް ޖަމާވެ، އަވަސްފަރުވާތައް ފެށިއެވެ. ނަމަވެސް ކާމިޔާބެއް ނުވިއެވެ. މި ބައްޕަ މި ދުނިޔެއަށް އެކަނިކޮށްފައި، ދެމިއޮތުމުގެ ޢާލަމަށް އެދަރިފުޅު ދިޔައީއެވެ. ދުނިޔެއިން މޮޔަވެފައިވާ މީހެއް ފަދައިން، ހޭބުއްދި ފިލާފައި ވަނިކޮށް، އަހަރެންގެ ހިތަށް ތަސައްލީއެއް ލިބުނީ، އަހަރެންގެ ލޮބުވެތި އާއިލާގެ ހުރިހާ މެންބަރުން އައިސް، އަހަރެން ވަށައިލައި، ގައިގައި ފިރުމަމުން ދިން ހިތްވަރުންނެވެ. އެކުވެރި އަނީސްގެ ދެމަފިރިންވެސް ތިއްބެވެ. އަނީސް ބުނިގޮތުގައި، އަހަރެމެން ދެބަފައިންގެ ހާލު، އަނީސްގެ ފަރާތުން ބައްޕައަށް އެނގުމާއެކު، ބައްޕަ އިސްވެ ހުރެގެން މާލެ އައީއެވެ. ލޯބިވާ އާއިލާއާ ބައްދަލުވީނަމަވެސް، ދެރަކަމަކީ އަހަރެންގެ ދަރިފުޅުގެ އެންމެ ފަހުގެ އެދުން، އަހަރެންނަށް ފުރިހަމަ ކޮށްނުދެވުމެވެ.

ގިސްލުމާއި، ފިރުމުމާއި، ލޯތްބާއި ހަމްދަރުދީގެ ހިތްދަތި ވަގުތު، ޖަލުބަލަހައްޓާ ދެ މުއައްޒަފުންނާއި ނަރުހެއްގެ އެހީތެރިކަމާއެކު، ހިކި އަނަރޫފަވެފައިވާ އަންހެނަކު ގެނެސް، އަހަރެންގެ ދަރިފުޅު އޮތް އެނދާ ޖެހިގެން ހުރި އެނދުގައި، އެނދުމަތި ކުރިއެވެ. އެއްލުނު ކަޅިއަކުން ފެނުނު މީހާ ދެކެފައި، އަހަރެންނަށް ސިހުން ގެނުވީ، އެއީ ޒުލްފާކަން ޔަޤީން ވުމުންނެވެ. ބުރުސޫރަ މުޅިން ބަދަލުވެފައިވާ އެހެން ޒުލްފާއެކެވެ. އުޖާލާ ދޮން މޫނުގެ ކުލަ މަރުވެ، ޒުވާންކަން މިލާ މޯޅިވެފައިވާ ނިކަމެތި ޒުލްފާއެކެވެ. ޒުލްފާއަށްވެސް އަހަރެންނާއި ދަރިފުޅު ހަމަ ފެނުމާއެކު އެނގިއްޖެއެވެ. ހާލަތާއި ވެގެން އުޅޭގޮތްވެސް، ޒުލްފާއަށް ދެނެގަނެވުނުކަން އަހަރެންނަށް ކަށަވަރުވީ، އަޑުގެ ނެތްތަނަށް މަގޭ ދަރިފުޅުހެއްޔޭ ކިޔާ ރޮއެގަތުމުންނެވެ.

ހިތުގައި ކިތަންމެބޮޑު ރުޅިވެރިކަމެއް އޮތަސް، އަހަރެމެންގެ ދަރިފުޅު ވަޅުލުމުގެ ކުރިން ޒުލްފާއަށް އެދަރިފުޅުގެ މޫނު ދައްކަން ބޭނުންވީ، އެއީ އެ ދަރިފުޅުވެސް އިންތިހާ ދަރަޖައަށް އެދިފައިވާ، އެ ދަރިފުޅުގެ އެންމެ ފަހުގެ ވަޞިއްޔަތްކަމަށްވާތީއެވެ. އިޒޫގެ ގައިގައި ބައްދައިގެން އޮވެ ޒުލްފާ ރޮމުން ގިސްލަމުން، އެދަރިފުޅުގެ ކިބައިން މަޢާފަށް އެދެމުން ގެންދިޔައެވެ.
” މަންމަގެ ދޫންޏާ! މަންމައަށް މަޢާފުކޮށްދީ! ދަރިފުޅާއި ބައްޕަ ދޫކޮށް، މި ނުބައި މަންމަ އިޙްތިޔާރުކުރީ، ދުނިޔޭގައި މީހަކަށް އުޅެވޭނެ އެންމެ ފާހިޝް ދިރިއުޅުން. މަންމަގެ އެ ވިޔާނުދާ ދިރިއުޅުމުގައި ދުވަސްތައް ހޭދަކުރަނިކޮށް، ކުށްވެރިއެއްގެ ގޮތުގައި މަންމަ ހައްޔަރުކުރީ. ޖަލުގައި އެތަށް ދުވަހެއް ވަރަށް ވޭނުގައި ހޭދަކުރެވިއްޖެ. ދަރިފުޅާ! މަންމަ ﷲ ޙަޟުރަތުގައި ތަޢުބާ ވެއްޖައީން. މަންމަގެ ހުރިހާ ދުޢާއެއްގައިވެސް ދަރިފުޅު ޝާމިލުކުރަން. މަތިވެރި ރައްބުގެ ދަރުބާރުގައި މަންމަ އެދެމުން ދިޔަ އެދުން، ވަގުތު ފާއިތުވީފަހުންވިޔަސް، ފުރިހަމަކޮށްދެއްވެވިތީ، ﷲ ޙަމްދުކުރަން. ދަރިފުޅާ! މަންމައަށް މަޢާފުކޮށްދީ!
ސަހަރާއަށް ދަރިފުޅުގެ ގަބުރު ގެންދާ ވަގުތު ޖެހުމުން، އެ ދަރިފުޅު ގޮވައިގެން، އަހަރެން ސަހަރާއަށް ދިޔައީ ޒުލްފާ ރޯން ދޫކޮށްލާއެވެ. ކިތަންމެ ރުޔަސް، އޭނާއަށް މުޙާތަބުކޮށް، އެއްވެސް ބަހެއް ބުނާކަށް އަހަރެން ބޭނުމެއް ނުވިއެވެ. ވީމާ، ހަނުހުރުން އިޚްތިޔާރުކުރީއެވެ.

އިވެމުންދިޔަ އަސަރުގަދަ ލަވަ ނިމި، ހެނދުނު ހަތެއް ޖެހީކަމަށް ރޭޑިޔޯގެ އެނައުންސަރު ބުނެލިއަޑަށް، ހަރަކާތް ހުއްޓިފައިވާ އަހަރެންގެ ހަށިގަނޑަށް ހަމަހޭވެރިކަން ގެނުވިއެވެ. ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފުހެލައި، ފުން ނޭވާއެއް ދޫކޮށްލުމަށްފަހު، އަހަރެން ގެއިން ނުކުތީ ދުވަހުގެ މަސައްކަތްތައް ފެށުމަށެވެ. ބައްޕަގެ ވިޔަފާރި ހިންގުމުގައި އަވަދިނެތި އުޅެން ޖެހުނަސް، އެދަރިފުޅުގެ ޒިކުރާއަކީ މި ބައްޕަގެ ރޫހީއުފަލެވެ. ހިންހަމަޖެހުމަކީ، ދަރިފުޅުގެ ނަމުގައި އަހަރެން އުފައްދާފައިވާ ޖަމުއިއްޔާގެ ފަރާތުން، އެހީތެރިކަން ބޭނުންވާ ނިކަމެތިންނަށް ފޯރުކޮށްދެވޭ ޞަދަޤާތްތަކެވެ. އަހަރެންގެ ދަރިފުޅު މިދުނިޔޭގައި ނެތަސް، އެ ދަރިފުޅުގެ ހަނދާންތައް އަބަދުވެސް އަހަރެންގެ ޚިޔާލީ ދުނިޔޭގައި، މިނިވަން ކޮކާލެއް ފަދައިން އުދުހިލައި އުދުހިލައި އުޅެއެވެ.
ނިމުނީ -

އެޑިޓަރުގެ ނޯޓް

މީ ދިވެހިރާއްޖޭގެ އަޑުން މިރޯދަމަހު ގެެނެސްދޭ ކުރު ވާހަކަ މުބާރަތަށް ހުށައަޅާފައިވާ ވާހަކަތަކުގެ ތެރެއިން ވާހަކައެކެވެ. މި ވާހަކަ ލިޔުނީ މިންނާ އަބްދުﷲ ށ.ކޮމަންޑޫ އާގަދަގެ އެވެ. ވާހަކަ ހުށައަޅަދިނީ ފާތުމަތު ސުހާނާ ށ.ކޮމަންޑޫ އާގަދަގެ އެވެ. ރޭޑިއޯއިން މި ވާހަކަ ބްރޯޑްކާސްޓްކޮށްފައިވަނީ 01 ރަމަޟާން 1443 އެވެ.