ޚަބަރު

ކޯވިޑް ވެކްސިން ފުރިހަމަކޮށްފައިވާނަމަ ޕީސީއާރާ ނުލައި ރާއްޖެ އާދެވޭގޮތް ހަދައިފި


ބޭރުން ރާއްޖެއަށް އަންނަ މީހުންގެ ތެރެއިން ކޯވިޑް ވެކްސިންގެ ޑޯޒްތައް ރުފިހަމަ ކޮށްފައިވާ މީހުންނަށް އިތުރު ލުއިތަކެއް ދީފިއެވެ.

ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ރާއްޖެއަށް އަންނަ މީހުން ޕީސީއާރު ޓެސްޓު ހަދާގޮތަށް މީގެކުރިން ކަނޑައަލައި އެކަން އަންގަވާފައިވީނަމަވެސް އެ އެންގުމަށް މާދަމާއިން ފެށިގެން ބަދަލު ގެންނަން އެޗްޕީއޭއިން ވަނީ ނިންމާފައެވެ.

އެޗްޕީއޭއިން ވިދާޅުވެފައިވަނީ މާދަމާއިން ފެށިގެން ރާއްޖެ އަންނަ މީހުންގެ ތެރެއިން، ޑަބްލިއޫ އެޗް.އޯ.އިން އިމަރޖެންސީ ޔޫސް ލިސްޓްގައި ހިމަނާފައިވާ ނުވަތަ ރާއްޖޭގައި ބޭނުންކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީން ހުއްދަދީފައިވާ ކޯވިޑް-19 ވެކްސިނެއްގެ ޑޯޒްތައް ފުރިހަމަކޮށްފައިވާ މީހުން ރާއްޖެ އެތެރެވާއިރު ޕީ.ސީ.އާރު ޓެސްޓް ހަދަން ނުޖެހޭނެ ކަމަށެވެ.

އަދި ގެސްޓް ހައުސް ހިންގާ ރަށްތަކުގައި ތިބޭ ފަތުރުވެރިން، ރާއްޖެއިން ފުރުމުގެ ކުރިން ހަދަންޖެހޭ ޕީ.ސީ.އާރު ޓެސްޓްވެސް ދެން ހަންދަން ނުޖެހޭނެކަމަށް އެޗްޕީއޭއިން ހާމަކުރައްވައެވެ.

މިއަހަރުގެ ކުރީކޮޅު ރާއްޖޭގައި ކޯވިޑްގެ ހާލަތު ގޯސްވުމާ ގުޅިގެން ކުރިން ދީފައިވާ ގިނަ ލުއިތަކަށް ބަދަލު ގެނެސްފައިވެއެވެ. ކޯވިޑްގެ އާ ވޭރިއަންޓާއެކު ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު އުފުލިގެން ދިޔުމުން އެޗްޕީއޭއިންވަނީ ފިޔަވަޅުތައް ވަރުގަދަކޮށްފައެވެ.

ނަމަވެސް މިހާރު އަނެއްކާވެސް ހާލަތު ރަނގަޅުވަމުންދާތީ އެޗްޕިއޭއިން ދަނީ ގިނަ ފިޔަވަޅުތަކަށް ލުއިދެމުންނެވެ. އެގޮތުން ރާއްޖޭގެ އެތެރޭގެ ދަތުރުތަކުގައިވެސް ވެކްސިން ފުރިހަމަ ކޮށްފައިވަނަމަ ޕީސީއާރު ޓެސްޓަކާއި ނުލައި ދަތުރުކުރެވޭ ގޮތްވެސް ވަނީ ހަދާފައެވެ. އަދި އާންމު އެއްވުންތަކާއި، ޕާޓީ، ހަފްލާތައްވެސް ބޭއްވުމަށް ވަނީ ހުއްދަ ދީފައެވެ.